މި ޖީލަށް ފުރުސަތުދީ: ގައުމީ ކޯޗު
މި ޖީލަށް ފުރުސަތުދީ: ގައުމީ ކޯޗު

މިހާރުގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ބޫޓާން އަތުން 7-0 އިން މޮޅުވެފައި ކަމަށާއި، މި ޖީލަށް ފުރުސަތު ދޭން ޖެހޭ ކަމަށް ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) އަށް ތައްޔާރުވުމަށް ގަތަރަށް ފުރުމުގެ ކުރިން ރަސްމީ ފާލަންދޮށުގައި މީޑިއާ އަށް ކޯޗު އިއްވި ބަޔާނުގައި ބުނީ ގަތަރުން ތަމްރީނުގެ ފުރުސަތު ހޯދައިދިނީ އެފްއޭއެމް އަށް ޝުކުރުއަދާކުރާ ކަމަށާއި އަދި ސަރުކާރުން ވެސް ޓީމާ ދޭތެރޭ ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

"ގައުމުގައި ތިބި އެންމެންނާއި ހުރިހާ ސަޕޯޓަރުން، އަހަރެމެންނަށް ސަޕޯޓްކޮށްދީ. އަހަރެން ވަރަށް އުފާވެފައި މިހިރީ. އަހަރެންގެ ފަރާތުން އެންމެ މުހިއްމު ކަމަކަށް އޮންނާނީ އެންމެ ރަނގަޅު ކުޅުވަން މަސައްކަތްކުރުން،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ މިދިޔަ މަސްތަކާއި ހަފުތާތަކުގައި ވަރަށް ވާހަކަދެއްކި ކަމަށާއި މިހާރު މިއީ ކުޅުންތެރިންނަށް ފޯކަސްކުރަންވީ ވަގުތު ކަމަށެވެ.

"މި އާ ޖީލަށް ފުރުސަތުދީ. މި ޓީމުން ވަނީ ބޫޓާން އަތުން 7-0 އިން މޮޅުވެފައި. އަހަރެން އެކަމަށް އިހުތިރާމްކުރަން. ފަހަރުގައި ވެދާނެ މި ޓީމު ޒުވާންކަމަށް. އެކަމަކު ގަބޫލުކުރޭ، ދިވެހި ރައްޔިތުންނަށްޓަކައި އަހަރެމެން ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނަން،" ސެގާޓް ބުންޏެވެ.

ކޯޗު ވަނީ މީގެ ކުރިން ވެސް، އޭޝިއަން ކަޕް ކޮލިފައިންގައި މާޗު މަހު ބޫޓާން އަތުން މޮޅުވި މެޗުގެ ވާހަކަ ވަރަށް ގިނައިން ދައްކަން ޖެހޭ ޕޮޒިޓިވް ނަތީޖާއެއް ކަމަށް ބުނެފަ އެވެ. އެކަމަކު ބޫޓާނަކީ ރާއްޖޭން އަބަދުވެސް އެ ޓީމެއްގެ އަތުން މޮޅުވާ ޓީމެކެވެ. އަދި މީގެ ކުރިން ރާއްޖޭން ވަނީ ބޫޓާން އަތުން 5-0، 6-0 އަދި 8-2 އިން ވެސް މޮޅުވެފަ އެވެ.

ގައުމީ ޓީމު 27 ކުޅުންތެރިންނާ އެކު މިއަދު ފުރިއިރު ޓީމުގައި ތިބީ ހަމައެކަނި ސީދާ ދެ ސެންޓަ ފޯވާޑުންނަކީ ތަޖުރިބާކާރު ކުޅުންތެރިއާ އަސަދުﷲ އަބްދުﷲ އާއި ޒުވާން ކުޅުންތެރިއާ މުހައްމަދު ނާއިމެވެ. މި ސީޒަނުގައި 25 ލަނޑު ޖަހާފައިވާ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނުނަގަ އެވެ. އޭނާ ނުނެގި މައިގަނޑު ސަބަބަކީ ކޯޗު ބުނި ގޮތުގައި ދަގަނޑޭ އުމުރުންދުވަސްވެފައި ހުރުމެވެ. އެކަމަކު މި ސްކޮޑުގައި ވެސް ދަގަނޑޭއާ އެއް އުމުރެއްގައި އަދި ދާދި އެއް އުމުރެއްގެ ސީނިއާ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އަދި މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމުން ގިނަ ފުރުސަތެއް ލިބުނު ޒުވާން ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަދި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ވެސް ނުނަގަ އެވެ.

އާ ޖީލަށް ފުރުސަތު ދޭން ކޯޗު ގޮވާލިއިރު، އެ ޖީލުގެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ތަޖުރިބާ އެންމެ ބޮޑަށް ލިބެން އޮތް މުބާރާތް ކަމަށްވާ އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަނުކުރެ އެވެ. އެ މުބާރާތަކީ 1998 ވަނަ އަހަރުން ފެށިގެން ރާއްޖޭން ވާދަކުރާ އަދި އޭޝިއާގެ މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް ކުޅެން ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އޮލިމްޕިކް ކޮމިޓީން ބުނީ މުބާރާތުގައި ރާއްޖޭން ބައިވެރިނުވަނީ ސާފް ޗެމްޕިއަންޝިޕާ މުއްދަތު ފުށުއަރާތީ ޓީމެއް ފޮނުވަން އެފްއޭއެމަށް އުނދަގޫތަކެއް ހުރުމުން ކަމަށެވެ.

ޓީމު އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ އަސަދުﷲ އަދި ކުޅެން 100 ޕަސެންޓް ތައްޔާރު ނޫން ކަމަށެވެ. އަދި ކެޕްޓަން އަކްރަމް އަބްދުލްގަނީ ވެސް އެއްކޮށް ފިޓްނޫން ކަމަށެވެ. އެކަމުގެ ފަހުގެ މައުލޫމާތު ހޯދަން ނޫސްވެރިން މަސައްކަތްކުރި ނަމަވެސް ކޯޗު ވަނީ މިއަދު ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތުނުދީ، ހަމައެކަނި އޭނާގެ ބަޔާން އިއްވާލުމަށް ފަހު ނިންމާލަފަ އެވެ. އަދި ކުޅުންތެރިންގެ އިންޓަވިއު ނަގަން މަސައްކަތްކުރުމުން އެ ފުރުސަތެއް ނުދިނެވެ. އެކަމަކު މީގެ ކުރިން އަބަދުވެސް ޓީމު ފުރާއިރު ކޯޗާއި ކުޅުންތެރިންނާ ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އެފްއޭއެމުން ދެ އެވެ.