05 އޯގަސްޓް 2018 - 23:24

ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ރީ ރަޖިސްޓްރޭޝަން ފޯމު ފުރުއްވިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް އެމަނިކުފާނު ރަޖިސްޓްރީވެފައި ނުވާ ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބަށް ރީ ރަޖިސްޓްރީ ކުރުމުގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމުގެ ގިނަ ޝަކުވާތަކެއް ފެންމަތިވެފައި ވަނިކޮށް، ފޭސްބުކްގައި ފާއިޒް ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ފޯމު އެމަނިކުފާނު ފުރުއްވިތާ 11 ދުވަސް ވެފައިވާ ކަމަށެވެ. އެކަމަކު އިންތިޚާބުގައި ވޯޓުލާން، މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
މި ކަންބޮޑުވުމާއެކު، އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބުގެ ކުރިން ރީ ރަޖިސްޓްރީވާނެތޯ އެމަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ސުވާލު ކުރިމަތި ކުރައްވައިފަ އެވެ.
ފާއިޒް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މޯބައިލް ފޯނު ނަމްބަރަށް ގުޅައި އަމިއްލަ އަށް އެދިގެން ފޯމު ފުރަން އެ ގެއަށް ތިން މީހަކު ދިޔަ އެވެ. ރީ ރަޖޖިސްޓްރޭޝަން ފުރިހަމަ ކުރަން ގުޅި ނަމްބަރު ވެސް ފާއިޒް ވަނީ އާއްމު ކުރައްވައިފަ އެވެ. އެ ނަމްބަރުން ފޯނު ނަގާ މީހުން ބުނާގޮތުގައި، އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފިޔާތޮށި ޖަގަހަ އެވެ.
"އަޅުގަނޑު އަމިއްލަ އަށް ކުރަން ޖެހޭ ކަމެއް، ތިން ބޭފުޅަކު ކޮށްދެއްވީތީ [އެ ދުވަހު] ޝުކުރު ދެންނެވިން،" ފާއިޒް ވިދާޅުވި އެވެ.
އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނިވަޑައިގަންނަވާ އަދި އެއްވެސް ފިކުރަކަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަން ފޯމު ފުރަން އައި މީހުންނަށް ދެންނެވި ކަމަށް ވިދާޅުވި އެވެ. އެކަމަކު ވޯޓު ލުމަކީ އެ މީހަކަށް ކަށަވަރުކޮށްދީފައި އޮންނަ ދުސްތޫރީ ހައްގެއް ކަން ފާހަގަކުރައްވައި އެ ހައްގު، އެއްވެސް އިސްތިސްނާއެއް ނެތި ހޯދައިދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށް ފާއިޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިރޭ ވިދާޅުވި ގޮތުގައި، އެ ކޮމިޝަން މެދުވެރިކޮށް ފޯމު ހުށަހަޅާ މީހުން ރަޖިސްޓްރީ ކުރަން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. އެކަމަކު، ޕާޓީތަކުން ވަރަށް ގިނަ އަދަދެއްގެ ފޯމު އެއްފަހަރާ ހުށަހެޅުމުން ލަސްވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީތަކަށް ހުށަހަޅާ ފޯމުތައް އަޅުގަނޑުމެންނާ ހަމައަށް އައި ކަމާ މެދު ޝައްކެއް އުޅޭ ނަމަ، އިލެކްޝަންސް ކޮމިޝަނަށް މެދުވެރިކޮށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފައި،" އަކްރަމް ވިދާޅުވި އެވެ.
ރީ ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން ޕީޕީއެމާއި އެމްޑީޕީން އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެމްޑީޕީން ރީ ރަޖިސްޓްރީކޮށްދޭ ޕީޕީއެމް މެމްބަރުންގެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ. އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ، ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމްގެ ޖަގަހަތަކަށް ގެންގޮސް އެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅައި އެތައް ބަޔަކު ވޯޓުލުމުގެ ހައްގުން މަހްރޫމްކުރުވާނެ ކަމަށެވެ.