ސިޓީން ފަސް ވަނަ ފަހަރަށް ޝީލްޑް އުފުލާލައިފި
ސިޓީން ފަސް ވަނަ ފަހަރަށް ޝީލްޑް އުފުލާލައިފި

ލަންޑަން (އޮގަސްޓް 5) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމަށް މިރޭ ކުޅުނު މެޗުން ޗެލްސީ އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ފަސް ވަނަ ފަހަރަށް އެފްއޭ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ.

ސިޓީން ފަސް ވަނަ ފަހަރަށް ޝީލްޑް އުފުލާލައިފި
ސިޓީން ފަސް ވަނަ ފަހަރަށް ޝީލްޑް އުފުލާލައިފި

މިއީ މިދިޔަ ފަސް އަހަރު ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި ޓީމަކަށް ޖެހިގެން އައި ސީޒަނުގައި ޝީލްޑް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ލީގު ކާމިޔާބު ކުރުމަށް ފަހު ޖެހިގެން އައި ސީޒަނުގައި ޝީލްޑް އުފުލާލީ މެންޗެސްޓާ ޔުނައިޓެޑެވެ. އެއީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ޝީލްޑް މެޗުގައި ލީގު ޗެމްޕިއަންކަން ހޯދައިގެން ކުޅުނު ހަތަރު ޓީމު ވެސް ވަނީ އެފްއޭ ކަޕް ޗެމްޕިއަން އަތުން ބަލިވެފަ އެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން ސިޓީން ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ސިޓީން ޝީލްޑް އުފުލާލީ 3-2 އިން ޗެލްސީ ބަލިކުރުމަށް ފަހު އެވެ. މިއީ ވެމްބްލީގެ އާ ސްޓޭޑިއަމްގައި ޝީލްޑް މެޗު ކުޅެން ފެށި ފަހުން ސިޓީން ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސިޓީން 2012 ވަނަ އަހަރު ޝީލްޑް އުފުލާލިއިރު އެ މެޗު ކުޅުނީ އެސްޓަން ވިލާގެ ދަނޑުގަ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިން ޗުއްޓީ އަށް ފަހު ޓީމާ ގުޅުން ލަސްވުމުން ދެ ޓީމުން ވެސް ނުކުތީ މުހިއްމު ކުޅުންތެރިންތަކެއް ނުލަ އެވެ. އޭގެ ތެރެއިން ޗެލްސީން ކުޅުނީ އެޑެން ހަޒާޑް އާއި ގޯލްކީޕަރު ތިބައު ކޯޓުއާ ނެތި އެވެ. އަދި ބްރެޒިލްގެ ތަރި ވިލިއަން ވެސް ފެށީ ބެންޗުންނެވެ. އެކަމަކު ޓްރާންސްފާ މާކެޓްގައި އެ ޓީމާ ދާދި ފަހުން ކުޅުނު އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ފުރަތަމަ އެގާރައިގައި ކުޅުނެވެ.

ސިޓީގެ ކެވިން ޑިބްރޭނާ އާއި ރަހީމް ސްޓާލިން އަދި ޑޭވިޑް ސިލްވާ ނެތްއިރު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ރެކޯޑް އަގަކަށް ބަދަލުވި އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް ފުރަތަމަ އެގާރައިގައި ކުޅުނެވެ.

ޗެލްސީގެ ކޯޗުކަމާ އިޓަލީގެ މައުރީޒިއޯ ސާރީ ހަވާލުވި ފަހުން އެ ޓީމަށް ޕްރީ ސީޒަނުގައި އެންމެ އެކަށީގެންވާ ވަރަށް މެޗު ނުލިބެ އެވެ. އެހެންވެ މި މެޗުގައި އެ ޓީމުގެ ފަރާތުން ގިނަ މައްސަލަތަކެއް ފެނުނެވެ. އަދި މެދުތެރެއިން އޭނާ ބޭނުންވާ ގޭމް ނުކުޅެވުމުން ސިޓީން އޭގެ ފައިދާ ނެގި އެވެ. ޗެލްސީ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވި އެއް ކަމަކީ މެދުތެރޭގައި ފްރާންސްގެ އެންގޯލޯ ކޯންޓޭ ނެތުމެވެ.

ސިޓީ އަށް މެޗުގެ 13 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޒުވާން ކުޅުންތެރިއާ ފިލް ފޯޑަން ދިން ބޯޅަ އަކުން ސާޖިއޯ އަގުއޭރޯ އެވެ. އޭރިއާ ތެރެއިން އަގުއޭރޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ސިޓީ އަށް އަގުއޭރޯ ޖަަހައިދިން 200 ވަނަ ގޯލެވެ.

ލީޑުފުޅާކުރަން ފުރަތަމަ ހާފުގައި ސިޓީގެ ލިރޯއީ ސާނޭ އާއި މާރޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި ޗެލްސީން އެންމެ ރަނގަޅު ދެ ހަމާލާއެއް ފޮނުވާލީ ޒުވާން ކުޅުންތެރިއާ ކަލުމް ހުޑްސަން އޮޑޯއީ އާއި ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. އޮޑޯއި ޖެހި ބޯޅަ ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ މަތަކުރިއިރު، މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން އަގުއޭރޯ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއް އޭނާ އަތުން ގެއްލުނެވެ. އެކަމަކު މެޗުގެ 58 ވަނަ މިނިޓްގައި އަގުއޭރޯ ވަނީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން އަގުއޭރޯ ހެޓްރިކް ފުރިހަމަ ކުރަން އޭރިއާ ތެެރެއިން ފޮނުވާލި ބާރު ބޯޅަ ޗެލްސީގެ ކީޕަރު ވިލީ ކަބަލޭރޯ ވަނީ މަތަކޮށްފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސިޓީގެ ބްރަހިމް ޑިއާޒް ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އަދި ގަބްރިއެލް ޖީސޫސް ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ކަބަލޭރޯ އެވެ.

ޗެލްސީ އަށް ލަނޑެއް ޖަހައިދޭން މެޗުގެ 88 ވަަނަ މިނިޓްގައި އެ ޓީމުގެ ޓަމީ އަބްރަހަމް އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް އެންމެ ރަނގަޅަށް ނުހިފުނެވެ. އޭގެ ފަހުން ސިޓީގެ ބެނާޑޯ ސިލްވާ ފޮނުވާލި ބޯޅައެއް ބޭރަށް ދިޔައީ ޗެލްސީ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.

މިއީ ޗެލްސީ ޝީލްޑް މެޗުން ޖެހިޖެހިގެން ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޝީލްްޑް މެޗުން ޗެލްސީ ބަލިވީ އާސެނަލާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. ޗެލްސީން އެންމެ ފަހުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 2009 ވަނަ ފަހަރު އެވެ. އެ ފަަހަރު އެ ޓީމުން ޝީލްޑް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ބަލިކުރުމަށް ފަހު އެވެ.