05 އޯގަސްޓް 2018 - 17:11

ޑާކާ (އޮގަސްޓް 5) - ބަންގްލަދޭޝްގެ ކިޔަވާ ކުދިން މިހާރު ފަށާފައިވާ އިހްތިޖާޖުގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެމެރިކާ ސަފީރުގެ ކާރަށް ވެސް ހަމަލާދީފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެމެރިކާގެ އޮފިޝަލުން ބުނީ ސަފީރު މާސިއާ ބާނިކަޓާއި އެކަމަނާގެ ސެކިއުރިޓީ ޓީމަށް ގެއްލުމެއް ނުލިބި ސަލާމަތްވި ނަމަވެސް ދެ ކާރު ހަލާކުވެފައިވާ ކަމަށެވެ. ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.
ބަންގްލަދޭޝްގެ ކިޔަވާ ކުދިން ހަޅުތާލު ކުރަމުން ދަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަހަކުން ޖެހި ދެ ކުއްޖަކު މަރުވި ހާދިސާ އަށް ފަހު މަގުތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް އެދި ސަރުކާރަށް ގޮވާލުމުގެ ގޮތުންނެވެ. ހަޅުތާލު ރޫޅާލަން ފުލުހުން ކަރުނަ ގޭސް ބޭނުން ކުރުމުން ބައެއް މީހުން ވަނީ ޒަޚަމްވެފަ އެވެ.
ސުލްހަވެރި ކަމާ އެކު މުޒާހަރާ ކުރަމުންދާ ކުދިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން އެމެރިކާ ސަފީރު ވަނީ ކުށްވެރިކޮށްފަ އެވެ.