05 އޯގަސްޓް 2018 - 18:04

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ފަސް ނުކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުގައި ވިލުފުށީ ރައްޔިތުންނާ މި ރަށު އެމްޑީޕީ ޖަގަހާގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެކިއެކި ނުފޫޒު ފޯރުވަން ސަރުކާރު ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ވޯޓު އޮޅުވާލަން ސަރުކާރުން އުޅޭނެ. މިހާރު ވެސް އެބަ މަސައްކަތް ކުރޭ. އެ ކަން ކާމިޔާބުވިޔަކަ ނުދޭނަން،" ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން ޖެހޭނީ ރައްޔިތުން ނިންމާ ގޮތަށެވެ. އެ ނޫން ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެހޭނީ ރައްޔިތުން ވޯޓުލީ ގޮތަށް އެ ވޯޓު އިއުލާން ކުރުން. އެ ދުވަހު ރައީސް ޔާމީން ޖެހޭނީ ރައީސް އޮފީހުން ނުކުމެ ގެއަށް ވަޑައިގަންނަވަން،" ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ރާއްޖެ ތަރައްގީ ކުރާނެ ގޮތްތަކަށް އަލިއަޅުވާލައްވައި އިބޫ ވިދާޅުވީ މާލެ އަށް މީހުން ތޮއްޖައްސައިގެން ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ރާއްޖޭގެ ދެ ސަރަހައްދެއް ގައި މާލެ ފަދަ ތަރައްގީ ސިޓީ ގާއިމް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ވިލުފުށީ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން އިބޫ ވިދާޅުވީ ސުނާމީގައި ގެދޮރު ގެއްލިފައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށެވެ. އަދި މި ރަށުން ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.
މި އަތޮޅަކީ ފަޅުރަށްތައް ގިނަ އަތޮޅެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ވިލުފުށި ހިމެނޭ ސަރަހައްދުގައި ރިސޯޓްތައް ހަދައި އެ ސަރަހައްދުގެ ރަށްތަަކަށް ޓޫރިޒަމް ތައާރަފް ކުރައްވާނެ ކަމަށެވެ.