އެއްމާބަނޑު ދެބެއިންގެ ކައިވެނި އެއްމާބަނޑު ދެބެއިންނާ
އެއްމާބަނޑު ދެބެއިންގެ ކައިވެނި އެއްމާބަނޑު ދެބެއިންނާ

މި ކައިވެނީގެ ފޮޓޯތަކަށް ބަލާލައިފި ނަމަ، ފުރަތަމަ ހީވާނީ ފޮޓޯގައި ފެންނަ މީހުން ޑަބަލްކޮށް ދައްކަން ފޮޓޯ އެޑިޓްކޮށްފައި ހުރީ ކަމަށެވެ. އެކަމަކު ފޮޓޯގައި ފެންނަނީ ކައިވެނި ކުރި ދެ ޖޯޑެކެވެ.

ދެ ފިރިހެނުންނަކީ އެއްމާބަނޑު ދެބެއިންނެވެ. އަދި ދެ އަންހެންނުންނަކީ ވެސް އެއްމާބަނޑު ދެބެއިންނެވެ.

ބްރިޓަނީ އާއި ބްރިއާނާ ޑީންގެ އުމުރުން 32 އަހަރެވެ. ވަރަށް ކުޑައިރުއްސުރެ ވެސް އެ މީހުން ނިންމާފައި އޮތީ ކައިވެނި ކުރާ ނަމަ، އެކަން ވެސް ކުރާނީ އެއްމާބަނޑު ދެބެއިންނާ ކަމެވެ. ނަސީބު ދިމާކުރިން ގޮތުން ދެ މީހުންގެ ހުވަފެން މިހާރު ހަގީގަތަކަށްވީ އެވެ.

ބްރިޓަނީގެ ފިރިއަކީ ޖޯޝް ސްލޭޔާޒް، 34، އެވެ. ބްރިއާނާގެ ފިރިމީހާއަކީ ޖެރެމީ ސްލެޔާޒް އެވެ. މި ހަތަރު މީހުންގެ ކައިވެނީގެ ހަފުލާގައި ހެދުން ވެސް އެޅީ އެއްގޮތަކަށެވެ. އެހެންވެ ފޮޓޯ އިން ތަފާތެއް ނުފެންނަނީ އެވެ.

ކައިވެނި ކުރީ އެމެރިކާގެ އޮހައިއޯގައި ބޭއްވި ޓްވިންސް ޑޭ ފެސްޓިވަލްގަ އެވެ.

"ކައިވެނީގެ ހަފުލާ ކުރިއަށް ދިޔައީ ފެއަޓީ ޓޭލްއެއް ގޮތަށް. މިއީ ހަމަ އަހަރެމެން އެންމެ ކުރިންސުރެ ވެސް މިކަން ކުރަން ބޭނުންވި ގޮތް،" ޕީޕަލް އަށް ބްރިއާނާ ބުންޏެވެ. "މީގެ ހާއްސަ ކަމަކީ އަހަރެމެން ދެބެއިންނަށް ވެސް އެއްމާބަނޑު ދެބެއިންނާ ކައިވެނި ކުރުމުގެ ނަސީބު ލިބުނީމަ."

އެއްމާބަނޑު ދެ އަންހެނުން، ހަމަ އެއްމާބަނޑު ދެ ފިރިހެނުންނާ ކައިވެނި ކުރެވިގެން ދިޔަ ހަފުލާ ވެސް ވަަރަށް ހާއްސަ އެވެ. ކައިވެނީގެ ހަފުލާ ބަލައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބަ އޮތެވެ.

ޓީވީ ޗެނެލް ޓީއެލްސީން މި ކައިވެނީގެ ހަފުލާ އެންމެހައި ކަންކަން އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

މި ޖޯޑުން މިހާރު ބުނަނީ ކައިވެނިކޮށްގެން ދިރިއުޅޭނީ ވެސް އެއް ގެއެއްގައި ކަމަށެވެ. އަދި ކުދިން ވެސް ހޯދަން ޕްލޭން ކުރާނީ އެއް ދުވަސްވަރެއްގައި ކަމަށް ބުންޏެވެ.

ބްރިޓަނީ ބުނި ގޮތުގައި މިއީ ވަކިވަކި ހަތަރު މީހުންނަށް ވިޔަސް، ދަރިން ލިބިގެން ދަރިން ބަލައި ބޮޑުކުރާނީ އެއް މަޔަކާއި އެއްބަފައެއް ގޮތަށް އިހުސާސް ކުރެވޭ ގޮތަށެވެ.

"އަހަރެމެން ހަތަރު މީހުން އަބަދު ވެސް އުޅޭނީ އެކީގައި، އެއްތާކު،" އޭނާ ބުންޏެވެ.