05 އޯގަސްޓް 2018 - 14:46

ޖިއްދާ (އޮގަސްޓް 5) - ސައުދީ އަރަބިއާގެ ޖިއްދާގައި ނިމުނު ހައްޖު ހެކަތޯން ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި އެވެ.

ސައުދީ ފެޑެރޭޝަން ފޯ ސައިބަސެކިއުރިޓީ، ޕްރޮގްރާމިން އެންޑް ޑްރޯންސް އިން އިންތިޒާމް ކުރި ހެކަތޯން ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އެރީ އެންމެ ގިނަ މީހުން ބައިވެރިވި ހެކަތޯންގެ ގޮތުގަ އެވެ. ޖިއްދާގައި ތިން ދުވަހަށް ބޭއްވި ހެކަތޯންގައި 2،950 މީހުން ބައިވެރިވި އެވެ. ކުރިން މި ރެކޯޑް އޮންނަނީ 2012 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހެކަތޯންގަ އެވެ. އެ ފަހަރު ވަނީ 2،577 މީހުން ބައިވެރިވެފަ އެވެ.

ޖިއްދާގެ ފޯރަމްސް އެންޑް އިވެންޓްސް ސެންޓަރުގައި އޮގަސްޓް 1-3 އަށް ބޭއްވި ސައުދީ ހައްޖު ހެކަތޯންގައި 100 އަށް ވުރެ ގިނަ ގައުމުގެ އަންހެން އަދި ފިރިހެން ޑިވެލޮޕަރުން ބައިވެރިވި އެވެ. ހެކަތޯންގެ ބައިވެރިންނަށް ގޫގްލަ އިން ވަނީ ޓްރޭނިން ވޯކްޝޮޕްތައް ހިންގައިފަ އެވެ.
ސައުދީ ސައިބަސެކިއުރިޓީ ފެޑެރޭޝަނުން ވަނީ ހެކަތޯންގެ ބައިވެރިންގެ ޕްރޮޖެކްޓްތަކަށް ދެ މިލިއަން ރިޔާލުގެ އިނާމު ހުށަހަޅައިފަ އެވެ. އެއް ވަނަ ޕްރޮޖެކްޓަކަށް އެއް މިލިއަން ރިޔާލް ދިނެވެ. އެއް ވަނަ ހޯދާފައި ވަނީ ސައުދީގެ ޒުވާން ހަތަރު އަންހެނުން ހިމެނޭ ޓީމަކުންނެވެ. އެ ޓީމުން ހުށަހެޅީ ތަފާތު ބަސްބަހުން ވާހަކަ ދައްކާ ހައްޖުވެރިންނާ ވާހަކަ ދައްކަން ފަސޭހަ އެޕްލިކޭޝަނެކެވެ.
ދެ ވަނަ އަށް ދިޔަ މިސްރު ޓީމަށް ފަސް ލައްކަ ރިޔާލް ދިނެވެ. ތިން ވަނަ ހޯދި އަލްޖީރިއާ ޓީމަށް 350،000 ރިޔާލް ދިނެވެ. އަދި އެންމެ ތަފާތު ޕްރޮޖެކްޓެއް ހުށަހަޅައިގެން ސައުދީ ޓީމެއް ވަނީ 150،000 ރިޔާލްގެ އިނާމު ހޯދައިފަ އެވެ.