ބޮޑު މުސާރައާ އެކު ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް ޓީޗަރުން ހޯދަން އިއުލާންކޮށްފި
ބޮޑު މުސާރައާ އެކު ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް ޓީޗަރުން ހޯދަން އިއުލާންކޮށްފި

އަންނަ އަހަރު މާލޭގައި ފަށާ ފިންލަންޑް ސްކޫލް- "ޑްރީމް ކެމްޕަސް" ގައި ކިޔަވައި ދިނުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ޓީޗަރުންނަށް ހުޅުވާލައިފި އެވެ.

ފިންލަންޑް ސްކޫލު ރާއްޖެއަށް ތައާރަފުކުރުމަށް ހަރަކާތްތެރިވާ، އެޑިއު ކަނެކްޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަދުލީ ރަޝީދު ވިދާޅުވި ގޮތުގައި އެ ސްކޫލުގެ ކޮންމެ ކުލާހެއްގައި ފިންލަންޑުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ތަޖުރިބާކާރު ފިންލަންޑަށް ނިސްބަތްވާ ޓީޗަރަކާ އެއްކޮށް ކިޔަވައިދޭނެ ދިވެހި ޓީޗަރުންނާއި، އެސިސްޓެންޓް ޓީޗަރުން އަދި ގުރުއާން ޓީޗަރުން ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ކްލާސް ޓީޗަރުންގެ ގޮތުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ ބެޗްލާސް ޑިގްރީ އާއި އެކު ޕްރައިމަރީ ދާއިރާގައި މަދުވެގެން ދެ އަހަރު ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން އެ ސްކޫލުގައި އެސިސްޓެންޓް ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ކިޔަވައި ދިނުމުގެ ދާއިރާއިން ޑިޕްލޮމާ ލިބިފައިވާ ފަރާތްތަކަށް ވެސް ހުޅުވާލާފައިވެ އެވެ. އަދި ގުރުއާން ޓީޗަރުންގެ ގޮތުގައި ޕްރައިމަރީ ޓީޗިން އިން ބެޗްލާސް ޑިގްރީ ނުވަތަ އިސްލީމް ނޫނީ ގުރުއާން އިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ޓީޗަރުންނަށް ފުރުސަތު ދޭނެ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް މުސާރައިގެ ގޮތުގައި މިވަގުތު ރާއްޖޭގައި ޕްރައިވެޓް ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރުންނަށް ލިބޭ ވަރަށް ވުރެ ނިސްބަތުން ބޮޑު އަދަދެއް ލިބޭނެ ކަމަށް އަދުލީ ވިދާޅުވި އެވެ. އަދި އޭގެ އިތުރުން މަހު މުސާރައާ އެއްވަރުގެ އަހަރީ ބޯނަހެއް ވެސް ކަށަވަރުކަމާ އެކު ހަމަޖެހިފައި ވާތީ، އަހަރަކަށް ލިބޭ މުސާރައިގެ ޖުމްލަ ނިސްބަތުން ބޮޑުވާނެ އެވެ. އެގޮތުން މި އަދަދަކީ މި ފެންވަރުގެ ޓީޗަރަކަށް މިހާރު ލިބޭ އަދަދަށްވުރެ މަހަކު 2،000 އާއި 3،000ރ. އާ ދެމެދުގެ ކުރިއެރުމެކެވެ.

"ޓީޗަރުންނަކީ ގައުމުގެ އެންމެ މުހިއްމު ވަސީލަތް، އިންސާނީ ރައުސްމާލު، އުނގަންނައި ދިނުމުގެ ޒިންމާ އަދާ ކުރާ ފަރާތް. މި ދާއިރާ އަށް ނިސްބަތްވާ ކުޅަދާނަ ދިވެހިން އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ޓީޗަރެށްގެ ވަޒީފާއަކީ ވަކީލަކަށްވުން ނުވަތަ ޑޮކްޓަރަކަށް ވުން ހާ މަގުބޫލު ވަޒީފާއަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.

އެޑިއުކަނެކްޓް އިން ބުނިގޮތުގައި ރާއްޖޭގައި އަންނަ އަހަރު ހުޅުވޭ ފިންލެންޑް ސްކޫލްގައި ޕްރިންސިޕަލްއެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ފިންލަންޑްގެ ތަޖްރިބާކާރު ބޭފުޅެކެވެ. އަދި ޓީޗަރުން ތަމްރީންކުރުމާއި، ސްކޫލްގައި ކިޔަވައިދޭ ފެންވަރު ހިފެހެއްޓުމާއި، ސްކޫލް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ މި މަސައްކަތުގައި އެޑިޔުކަނެކްޓާއެކު މަސައްކަތްކުރާ ފިންލަންޑްގެ ކުންފުނި ކަމަށްވާ "އެޑިޔުކްލަސްޓާ ފިންލަންޑް" އިންނެވެ. އަދި އެ ސްކޫލް ހިންގަމުންދަނީ ފިންލަންޑްގެ ތައުލީމީ ނިޒާމާ އެއްގޮތަށް ކަމަށް ވަޒަންކޮށް، އެކްރެޑިޓްކުރުމުގެ މަސައްކަތްކުރިއަށް ގެންދާނީ ދި ނޭޝަނަލް އެޑިޔުކޭޝަން އިންސްޓިޓިއުޓް އޮފް ފިންލަންޑުންނެވެ.

ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރާނީ ފިންލޭޑްގެ އެންމެ ފާހަގަ ކޮށްލެވޭ، އަދި މުޅި ދުނިޔޭގެ ގަދަ 50ގެ ތެރޭގައި ހިމެނޭ ޔުނިވަސިޓީ އޮފް ޔުވަސްކިލާގެ ޓީޗިން ފެކަލްޓީގެ ތަޖުރިބާ ކާރުންނެވެ.
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގައި މަސައްކަތްކުރުމަށް ނެގޭ ދިވެހި ޓީޗަރުނަށް އަމާޒުކޮށް، އެ ޓީޗަރުންނަށް ފިންލަންޑްގެ ތައުލީމީ ނިޒާމަށް އަހުލުވެރިކުރުވުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް އެޑިޔުކަނެކްޓް އިން ބުންޏެވެ. އަދި އެ ޕްރޮގްރާމް ކުރިއަށްގެންދާނީ ފިންލަންޑްގެ ކަމާ ބެހޭ ތަޖްރިބާކާރުންނެވެ.

"ފިންލަންޑުގައި ދެވޭ ތައުލީމަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ތައުލީމީ ނިޒާމް. އަދި ހަމަ އެއާއެކު ފިންލަންޑްގެ ޓީޗަރުންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޓީޗަރުން ކަމަށް ގިނަ ރީސާޗު ތަކުން ހެކިދޭ. މިކަހަލަ ގާބިލު ބަޔަކާ އެކު މަސައްކަތް ކުރަން މި ލިބޭ އަގުހުރި ފުރުސަތު ދިވެހި ޓީޗަރުންނަށް ހޯދައި ދިނުމަކީ އަޅުގަނޑުމެން އެންމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" އަދުލީ ވިދާޅުވި އެވެ.

މިސްކޫލްގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ މުދައްރިސުންނަށް އަމާޒުކޮށްގެން ބުދަ ދުވަހު މައުލޫމާތު ފޯރުކޮށްދިނުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށް އެޑިޔުކަނެކްޓް އިން ބުންޏެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެޑިޔުކަނެކްޓްގެ ވެބްސައިޓު www.educonnect.asia މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވެސް އެ ވެބްސައިޓު މެދުވެރިކޮށް ވަޒީފާއަށް ކުރިމަތި ލެވޭނެ އެވެ.