06 އޯގަސްޓް 2018 - 07:22

އަންނަ މަހު ރިލީޒް ވާން ހުރި ފިލްމްތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ފިލްމަކީ ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އެވެ. މިއީ 2015 ގައި ރިލީޒް ކުރި "ދިލްވާލޭ" އަށް ފަހު، އޭނާ ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ހިންދީ ފިލްމެވެ.
މިދިޔަ އަހަރު ކާޖޮލް ވަނީ ތަމަޅަ ފިލްމް "ވީއައިޕީ 2" ގައި މުހިއްމު ރޯލެއް ކުޅެފަ އެވެ. އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ "ހެލިކޮޕްޓާ އީލާ" އަކީ ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ޕްރަދީޕް ސަރްކާރު ޑައިރެކްޓްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ. ޕްރަދީޕް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2014 ގައި ރާނީ މުކަރްޖީ ފުލުހެއްގެ ރޯލް ކުޅުނު "މަރްދާނީ" އެވެ.
އާދީއްތަ ދުވަހު ފާހަގަކުރި ކާޖޮލްގެ 44 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި "ހެލިކޮޕްޓާ އީލާ" ގެ ޓްރެއިލާ މި ވަނީ ދައްކާލައިފަ އެވެ. މި ފިލްމަކީ އޯވަ-ޕްރޮޓެކްޓް މަޔަކާއި އޭނާގެ ފިރިހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުމުގެ ވާހަކަ ކިޔައިދޭ އާއިލީ ފިލްމެކެވެ.
މި ފިލްމުގައި ކާޖޮލްގެ ދަރިފުޅުގެ ރޯލް ކުޅެފައި ވަނީ މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ހޯދި ބެންގާލީ އެކްޓަރު ރިދީ ސެން އެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޓޯޓާ ރޯއި ޗައުދަރީ އާއި ނީހާ ދޫޕިއާ ވެސް ހިމެނެ އެވެ.
މީގައި ކާޖޮލް ފެނިގެން ދާނީ ލަވަކިޔުންތެރިއަކަށް ވެސް ވާން މަސައްކަތް ކުރާ އެކަނިވެރި މައެއްގެ ރޯލުންނެވެ.
ސަމީރް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2013 ގައި ޕްރިތީ ޒިންތާ ޕްރޮޑިއުސްކޮށް ބަތަލާގެ ރޯލް ކުޅުނު "އިޝްގް އިން ޕެރިސް" އެވެ. އޭގެ ފަސް އަހަރު ފަހުން އޭނާ މިހާރު ވަނީ އާ ފިލްމެއް އިއުލާންކޮށްފަ އެވެ.
"ގަނިތު" ގެ ނަން ދީފައިވާ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަ ނުކުރި ނަމަވެސް، ފިލްމްގެ ފަސްޓްލުކް މަޝްހޫރު ފިލްމް ކްރިޓިކް ތަރަޝް އަދާޝް ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އަންނަ އަހަރުހެ ޖޫން މަހު ރިލީޒް ކުރަން ނިންމާފައިވާ "ގަނިތު" ޝޫޓިން ފަށަނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް އަހަރުގެ ފަހުކޮޅުގަ އެވެ.
އެކަމަކު ފިލްމްގެ ޕްލޮޓާއި މީގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދިއެއް ނޭނގެ އެވެ.
ދާދި ފަހުން ޝޫޓިން ފެށި އިމްރާން ހާޝިމީގެ އާ ފިލްމް "ޗީޓް އިންޑިއާ" ގެ ބަތަލާއަކަށް ޝްރެޔާ ދަންވަންތަރީ ހަމަޖައްސައިފި އެވެ. ގިނަ އަދަދެއްގެ ޓީވީ އިޝްތިހާރުތަކާއި ބައެއް ފިލްމްތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޝްރެޔާ މި ފިލްމްގެ ބަތަލާއަކަށް ނެގި އޮޑިޝަން ހެދި 50 އަންހެނުންގެ ތެރެއިން ކަމަށް ފިލްމްފެއާ އިން ބުންޏެވެ.
އިންޖިނިއަރިން ދާއިރާ އިން ޑިގްރީއެއް އޮތް ބަތަލާ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި 2010 ގެ ތެލެގޫ ފިލްމް "ސްނޭހާ ގީތަމް" އާއި 2014 ގެ "ދަ ގާލް އިން މީ" ހިމެނެ އެވެ.
"ޗީޓް އިންޑިއާ" އަކީ އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ދޯހަޅި ކަންތައްތަކަށް އަލިއަޅުވާލައިގެން ސޯމިކް ސެން ޑައިރެކްޓް ކުރާ ފިލްމެވެ. ފިލްމް ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 25، 2019 ގަ އެވެ.