05 އޯގަސްޓް 2018 - 13:57

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަލަށް 56 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މިދިޔަ ހަފުތާގައި ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އަލަށް ހުޅުވި ގެސްޓް ހައުސްތަކާއި ރިސޯޓުތަކާއެކު 3،849 ޓޫރިސްޓު އެނދު އިތުރުވި އެވެ. އެއާއެކު ޓޫރިސްޓު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭ ޖުމްލަ އެނދުގެ އަދަދު 40،893 އަށް އިތުރުވެފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ އޮތޯރިޓީން ބުނީ ޖުމްލަ ޓޫރިސްޓް އެނދުގެ އަދަދު އަހަރުން އަހަރަށް 10 ޕަސެންޓްގެ އިތުރުވެފައިވާ ކަމަށެވެ. އަދި ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން 3،579 ޓޫރިސްޓު އެނދު ރަޖިސްޓްކުރި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެއާއެކު ޖުމްލަ ޓޫރިސްޓު އެނދުގެ އަދަދު ފުރަތަމަ ކުއާޓަރުގައި 41،726 އެނދަށް އިތުރުވެފައިވެ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި 122 ރިސޯޓު ހިންގިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އެ އަދަދު ވަނީ 129 އަށް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް 476 ގެސްޓް ހައުސް ހިންގި އެވެ. އަދި 129 ރިސޯޓު ވެސް ހިންގި އެވެ.