ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް
ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް

ޖަޒީރާއެއްގެ ގޮތުގައި އުފެދިފައިވާ މި ރާއްޖެ އަކީ ދަތުރުވެރިންނާއި ފަތުރުވެރިންނަށް އަޖައިބެއް ފަދަ ތަނެކެވެ. ކުދި ރަށްތަކާއި ފަޅުތައް ފެތުރިފައި މިވަނީ އިންޑިޔާ ކަނޑުގެ އެއް ލައްކަ އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. ރާއްޖޭގައި 1100 އަށް ވުރެ ގިނަ ރަށް ހިމެނެނީ ގުދުރަތީ ގޮތުން އުފެދިފައިވާ 26 އަތޮޅުގަ އެވެ. އޭގެ އިތުރުން އެތައް ސަތޭކަ ފަރަކާއި ފަޅުތަކާއި ގިރިތަކާއި ހާތައް މި އަތޮޅުތަކުގައި އެކުލެވިގެން ވެ އެވެ. މި ހުރިހާ ތަނެއް ޗާޓުކޮށް ގަވާއިދުން މުރާޖާކުރުމަކީ ބުރަ މަސަކަތެކެވެ.

ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް
ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް

ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ މައިގަނޑު ދެ ވައްތަރުގެ ޗާޓެވެ. ފުރަތަމަ ވައްތަރަކީ ދަތުރު ފަތުރުކުރަން ބޭނުންކުރާ ނެވިގޭޝަން ޗާޓެވެ. އެކަމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަނީ އެޑްމިރަލްޓީ ޗާޓެވެ. ރާއްޖޭގެ އެޑްމިރަލްޓީ ޗާޓުތަކަކީ 1839 ގައި އިނގިރޭސިން ޗާޕުކޮށްފައިވާ ވަރަށް ދުވަސްވީ ޗާޓުތަކެކެވެ.

ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް
ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް

ދެ ވަނަ ބާވަތުގެ ޗާޓަކީ ރަށްތަކާ ބެހޭ ޗާޓެވެ. މިފަދަ ޗާޓުތަކުން ފޯރުކޮށްދޭނީ އަތޮޅުތަކާއި ރަށްރަށާ ބެހޭ މައުލޫމާތުތަކެވެ.

ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް
ބަދަލުވަމުންދާ ރާއްޖޭގެ ޖޯގްރަފީ ޗާޓު ކުރެހުމުގެ ބުރަ މަސައްކަތް

ރާއްޖޭގެ ސަރަހައްދުގައިވާ ފަރުތަކާއި ފަޅުތަކުގެ ސަބަބުން ކަނޑު ދަތުރުފަތުރުކުރުމަކީ ޒަމާނުއްސުރެ ދަތުރުވެރިންނަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ތާރީހު ފޮތްތަކުންނާއި ލިއެކިއުންތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން ދަތުރުކުރަން އެންމެ ތަޖުރިބާ ބޮޑު ކައްޕީން ވެސް ޖެހިލުން ވެ އެވެ. މަޝްހޫރު އިބްނު ބަތޫތާ ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގެ އުނދަގޫތަކާ ބެހޭ ގޮތުން ވަނީ ލިއުއްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރަހައްދަށް ވަނުމަށް ފަހު ދިވެއްސެއްގެ އެހީތެރިކަން ނެތި ދަތުރު ނުކުރެވޭ ކަމަށެވެ. އަދި އެއް ރަށުން ނައްޓާލާ އިރަށް އަނެއް ރަށުގެ މަލަމަތި ފެނުނު ކަމަށް ވިއަސް މިސްރާބުން ކައްސާލައިފި ނަމަ ކޮންމެވެސް ފަރަކަށް އުރި ނޫން ނަމަ ރާއްޖޭގެ ސަރަހައްދުން ބޭރުވާނެ ކަމަށް އޭނާ ލިއުއްވި އެވެ.

ރާއްޖޭގެ ކަނޑު ދަތުރަށް އެކަށީގެންވާ ޗާޓުތައް ނެތުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ރާއްޖެ ސަރަހައްދުން 1994 ވަނަ އަހަރުން ފެށިގެން އާންމުކޮށް ދަތުރުކުރާ ޕެސެންޖާ ލައިނަރެއްގެ ކައްޕިއަކު ބުނީ ރޭގަނޑު ކަނުއަނދިރީގައި ވެސް އެމީހުންނަށް ބޭނުންކުރަން ޖެހުނީ 1839 ގައި އިނގިރޭސި ވިލާތުން ޗާޕުކޮށްފައިވާ ރާއްޖޭގެ އެޑްމިރަލްޓީ ޗާޓެވެ. ރާއްޖޭގެ ފަހުގެ ޗާޓެއް ލިބެން ނެތުމަކީ ކަނޑު އުޅަނދުފަހަރަށް އޮތް ނުރައްކަލެކެވެ.

ޖީޕީއެސް އަކީ ސެޓެލައިޓް ބޭނުންކޮށްގެން ތަންތަން ފާހަގަކޮށްދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ޓެކްނޮލޮޖީ އެވެ. މިޒަމާނުގެ ޖީޕީއެސްތައް ހުންނަނީ އެ އިންނަ ތަން ޑިޖިޓަލް ޗާޓެއްގައި ފެންނަ ގޮތަށެވެ. އެކަމަކު ރާއްޖޭގައި ބޭނުންކުރާ ޖީޕީއެސްތަކުގައި ހިމެނޭ ޗާޓްތަކުގައި ވެސް ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ. މިގޮތުން އެންމެ ބޮޑު މައްސަލަ އަކީ ބައެއް ފަރުތައް ދިމާނުވުމެވެ. ބައެއް އަތޮޅުތަކުގެ ޗާޓުގައި އަސްލު ފަރު އިންނަން ވީ ތަން ނޫން ތަނުގައި ފާހަގަވެފައި ހުރުމަކީ ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން ރާއްޖޭގެ ގިނަ ކައްޕީންނަކީ ޖީޕީއެސް އަށް މުޅިން ބަރޯސާ ވެގެން އުޅޭ ބައެއް ނޫނެވެ. ބައެއް ސަރަހައްދުތަކުގައި ދުއްވާ އިރު އެމީހުން ޖީޕީއެސް ބޭނުމެއް ނުކުރެ އެވެ.

ޖީޕީއެސްގެ ޗާޓު ރަނގަޅުކުރެވެން އޮތީ ފަހުގެ މައުލޫމާތު ހިމެނޭ ފުރިހަމަ ޗާޓެއް ތައްޔާރުކޮށްގެންނެވެ. މިއީ މިހާރު ވެސް ކުރަމުން އަންނަ ބުރަ މަސައްކަތަކެވެ.

ރާއްޖޭގެ ރަށްރަށާ ބެހޭ ފުރިހަމަ މައުލޫމާތު ހިމެނޭ ފޮތެއް އެކުލަވާލުމަކީ މުހިންމު ކަމެކެވެ. ފަރުތަކާއި ރަށްތައް ހުރި ތަންތަނާއި ބޮޑުމިނާއި އަލަށް އުފެދޭ ރަށްތަކާއި ނެތިގެން ދާ ރަށްތަކާއި ރިސޯޓްތަކުގެ އިތުރުން ފަޅުރަށްތަކާއި ބިން ހިއްކައިގެން ބޮޑުކުރާ ނުވަތަ އެއްކޮށްލާ ރަށްރަށާއި އެއާޕޯޓްތައް ހަދާ ރަށްތަކާ ބެހޭ ފުރިހަމަ މައުލޫމާތު އެއްކުރުން ފަސޭހައެއް ނޫނެވެ.

އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖޯގްރަފީ ގޮތުން ރަށްރަށަށް އަންނަ ބަދަލުތަކެވެ. ގުދުރަތީ ގޮތުން ތިލަފަޅު ފިނޮޅަށް ބަދަލުވެ، ފިނޮޅުގައި ރުއްގަސް އާލާވެ ރަށްރަށަށް ސިފަ އާދެ އެވެ. މިސާލަކަށް 1955 ގައި އައި ތޫފާނެއްގައި ށ. އަތޮޅުގެ ފަރެއްގައި ތިން ރަށް އުފެދުނެވެ. އަދި 1960ގެ އަހަރުތަކުގައި މާމިނގިލީ މީހުން މާލޭގެ އުމްރާނީ މަސައްކަތަކަށް ފޭދޫފިނޮޅުން ގިނަ އަދަދަކަށް ވެލި ނެގުމުގެ ސަބަބުން، އެރަށް ކުޑަފިނޮޅަކަށް ބަދަލުވެ ވެލި ނެގުމުގެ މަސައްކަތް ހުއްޓާލުމުން 1980 އަހަރުތަކުގެ ތެރޭގައި އެރަށް އަނެއްކާ ބޮޑު ރަށަކަށް ބަދަލުވި އެވެ. މިހާރުގެ ތާރީހަށް ބަލާއިރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގައި ތ. ކަޅުފަހަލާފުށި ދެ ބުރިވެ ދެ ރަށަކަށް ވި އެވެ. އަހަރުތަކެއް ފަހުން އެ ދެ ރަށް އަނެއްކާ ވަނީ ގުޅި، އެއް ރަށަކަށް ބަދަލުވެފަ އެވެ.

ރާއްޖޭގައި އުފެދިފައިވަނީ ކިތައް ރަށްތޯ ސުވާލުކޮށްފި ނަމަ އެއީ ޖަވާބު ދޭން އެހާ ފަސޭހަ ސުވާލެއް ނޫނެވެ. ނަމަވެސް އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ޖޯގްރަފީ އާއި ރަށްރަށާ ބެހޭ ގޮތުން ލިބެން ހުރި އެކި މައުލޫމާތު ހިމަނައިގެން 2008 ގައި ވޯޓާ ސޮލިއުޝަންސް އިން ވަނީ ރާއްޖޭގެ ޗާޓު ފޮތެއް ނެރެފަ އެވެ. އަދި 2016 ގައި މި ފޮތުގެ މައުލޫމާތައް ރަނގަޅުކުރުމަށް ފަހު އަލުން ވަނީ އާއްމު ކޮށްފަ އެވެ.

ރަށްތަކުގެ ޗާޓުތައް ރަނގަޅުކުރުމަށް ދެން ދިމާވާ އަނެއް ގޮންޖެހުމަކީ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ ޖޯގްރަފީ ބަދަލުވުމުންދިއުމެވެ. ރަށްރަށް ހިއްކުމާއި ފަރުތައް ހިއްކައިގެން އާ ރަށްތައް ހެދުމާއި މީހުން އުޅޭ ރަށްތަކާ ފަޅުރަށްތައް އެއްކޮށްލުމާއި ފަރުތަކުގެ އެކި ހިސާބުތަކުން ނެރުތައް ކޮނުމުގެ ސަބަބުން އުކާލާ ފަހުން ހެދިފައިވާ ގިނަ ރަށްތައް އެއްވެސް ޗާޓު ފޮތެއްގައި ނެތެވެ. އޭގެ މިސާލަކަށް މާލެ އަތޮޅު އެކަނި ފުދޭނެ އެވެ. އާ އެތައް ރަށްތަކެއް ވަނީ، ފަޅުތަކުގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތްތަކުން އުފަންވެފަ އެވެ. އަތޮޅުތަކުގެ ޖޯގްރަފީގެ ވަނަވަރު މިވަނީ އެތައް ގުނައަކަށް ބަދަލުވެ މުޅިން އާ ޗާޓުތަކެއް ކުރަހަން ބޭނުން ވެފަ އެވެ.

މާސިންގާ ކަނޑު ތެރޭގައި ފެތުރިފައިވާ ޖަޒީރާ ރަށްތަކުގެ ޗާޓުތަކުގެ މައުލޫމާތު އާކުރުމުގައި ޓެކްނޮލޮޖީ އަކީ މުހިންމު ވަސީލަތެކެވެ. މިގޮތުން ސެޓްލައިޓާއި ޑްރޯނާއި ސާވޭކުރުމަށް ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކެވެ. ހަމައެކަނި ސެޓްލައިޓް ފޮޓޯތަކެއް ބަލައިގެން ރާއްޖޭގެ ޗާޓްތައް ކުރެހުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގައި އެ މަސައްކަތްކުރަމުން އަންނަ އެއް ބަޔަކީ ވޯޓާ ސޮލިއުޝަންސް އެވެ.

މިގޮތުން މިކަން ކުރުމުގައި ރަށްތަކާއި ފަރުތަކުގެ ބައްޓަމާއި އޭރިއާ އަދި ސައިޒް ބެލުމަށް ސާވޭ ޓީމުން ޖީޕީއެސް އާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރެ އެވެ. ޗާޓުތައް ކުރެހުމުގައި ފައި މަގާއި ދުއްވާ އުޅަނދުފަހަރު ބޭނުން ކޮށްގެން މައުލޫމާތު އެއްކުރެވެ އެވެ. މިސާލަކަށް ރަށެއްގެ ޗާޓު ކުރަހަން ފައިމަގުގައި ރަށް ވަށާ ހިނގަން ޖެހެ އެވެ. މިގޮތަށް ރަށް ވަށާ ހިނގާއިރު ޖީޕީއެސް މެދުވެރިކޮށް ރަށުގެ ބައްޓަން ކުރަހައިދެ އެވެ. އަދި ފަހުން ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމްސް (ޖީއައިސީ) މެދުވެރިކޮށް ކޮމްޕިއުޓަރުގައި މި ޗާޓުތައް ތައްޔާރުކުރެ އެވެ. މިހެންވެ ސާވޭކުރުމަކީ ހަރަދު ބޮޑު އަދި އުނދަގޫ މަސައްކަތެކެވެ.

ވޯޓާ ސޮލިއުޝަންސްގެ ޗީފް ސާވޭޔާ ފަރުހަތު ޖަމީލު ވިދާޅުވާ ގޮތުން ރާއްޖޭގެ ރަށްރަށުގެ ޗާޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ އެ ކުންފުނިން ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ރަށްރަށުގެ ޗާޓުތައް އެކުލަވާލަނީ ލިބެން ހުންނަ ފަހުގެ މައުލޫމާތު ހިމަނައިގެން ޗާޓް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވާ ގޮތުގައި ވޯޓާ ސޮލިއުޝަންސް އަކީ އަބަދުވެސް ފަހުގެ ޓެކްނޮލޮޖީއާ ރައްޓެހި ކުންފުންޏެކެވެ. މިގޮތުން ޗާޓު ކުރެހުމުގައި މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ކަނޑު ދަތުރުކުރަން ބޭނުން ކުރާ ޗާޓުތައް އެކުލަވާލުމުގެ މަސައްކަތެވެ. އެގޮތުން 2017 ވަނަ އަހަރު ރާއްޖެ އަށް މަލްޓި ބީމް ސާވޭ ކުރުން ވޯޓާ ސޮލިއުޝަންސް އިން ތައާރަފުކުރުމާ އެކު މި ވަސީލަތް ބޭނުންކޮށްގެން ކަނޑުގެ އަޑި އޮންނަ ގޮތުގެ ކުރެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ކަނޑުއޮޅިތައް އޮންނަ ގޮތާއި ދަތުރުވެރިންނަށް ނުރައްކަލެއް ވެދާނެ ގިރިތަކާއި ހާތަކާއި އަދި މިނޫން ވެސް ކަނޑު އަޑީގައި ހުންނަ ތަންތަން އޮންނަ ގޮތަށް ޗާޓު ކުރެވެ އެވެ. މި ޓެކްނޮލޮޖީގައި އެކުލަވާލެވޭ ޗާޓުތަކަކީ ކަނޑު ދަތުރުކުރާ ކެޕްޓަނުންނަށް ފަސޭހަކޮށްދޭނެ ފުރިހަމަ ޗާޓަކަށް ވެގެން ދާނެ އެވެ.

ވޯޓާ ސޮލިއުޝަންސްގެ އޮފް ޝޯ ސާވޭޔާ މުހަންމަދު އައްފާނު ޝާކިރު ވިދާޅުވީ އޮފީހުން ބޭރުގައި މަސައްކަތް ކުރާހިތްވާ ކުދިންނަށް ކެރިއާއެއްގެ ގޮތުގައި އޯޝޮނަގްރާފީ އަކީ ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ޝައުގުވެރިކަން ހުންނަ ކުދިންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ވޯޓާ ސޮލިއުޝަންސް ސަމާލުކަން ދޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެ ތަރައްގީ ހަރުފަތްތަކުގައި މައްޗަށް އަރަން މަސައްކަތް ކުރާއިރު، ރާއްޖޭގެ ފުރިހަމަ ޗާޓެއް އެކުލަވާލުމަކީ މުހިންމު ކަމެކެވެ. މިހާރު އޮތް ގޮތް ނޭނގި ތަރައްގީގެ ނާރެސް މިސްރާބު ނަގަންވީ ދިމާ ދެނެގަތުމަށް އުނދަގޫވާނެ އެވެ. ފަޅެއް ހިއްކައިގެން ރަށެއް ހެދުމަށް ވެސް ސައްހަ ޗާޓެއް ބޭނުން ވާނެ އެވެ. ދަތުރު ފަތުރުކުރުމުގެ ފެރީގެ ނިޒާމެއް ހެދުމަށްޓަކައި އަތޮޅުތަކާ ބެހޭ ސައްހަ މައުލޫމާތު ވެސް ބޭނުން ވާނެ އެވެ.