"ޕްރޮފެސާ އެންޑް ދަ މޭޑްމޭން" ގައި މެލް ގިބްސަން އާއި ޝޯން ޕެން
"ޕްރޮފެސާ އެންޑް ދަ މޭޑްމޭން" ގައި މެލް ގިބްސަން އާއި ޝޯން ޕެން

އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ މެލް ގިބްސަން އާއި ޝޯން ޕެން އެއް ފިލްމަކަށް ސޮއިކޮށްފި އެވެ.

"ޕްރޮފެސާ އެންޑް ދަ މޭޑްމޭން" ގައި މެލް ގިބްސަން އާއި ޝޯން ޕެން
"ޕްރޮފެސާ އެންޑް ދަ މޭޑްމޭން" ގައި މެލް ގިބްސަން އާއި ޝޯން ޕެން

ވަރުގަދަ ދެ ޑައިރެކްޓަރުންގެ ގޮތުގައި ވެސް މިހާރު މަޝްހޫރު މި ދެ އެކްޓަރުން އެކުގައި މަސައްކަތް ކުރަން ސޮއި ކުރި ފިލްމަކީ "ޑަލަސް ބަޔާސް ކުލަބް" އާއި "ހާޓް ލޮކާ" ފަދަ މޮޅެތި ފިލްމުތަކުގެ ފަހަތުގައި އޮތް ވޮލްޓޭޖް ޕިކްޗާޒްގެ "ދަ ޕްރޮފެސާ އެންޑް ދަ މޭޑްމޭން" އެވެ.

މި ފިލްމަކީ އޮކްސްފޯޑް ޑިކްޝަނަރީ ވުޖޫދަށް އައުމަށް މެދުވެރިވި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ސައިމަން ވިންޗެސްޓާ ލިޔެފައިވާ ވާހަކަ "ދަ ޕްރޮފެސާ އެންޑް ދަ މޭޑްމޭބް" އަށް ފިލްމެއް ހެދުމުގެ ގޮތުން އެ ވާހަކައިގެ ރައިޓްސް ގިބްސަން ގަނެފައި ވަނީ 1998 ގަ އެވެ.

އޭގެ ގާތްގަނޑަކަށް 20 އަހަރު ފަހުން ފިލްމެއްގެ ގޮތުގައި އެ ވާހަކަ ގެނެސްދޭ އިރު، މީގެ ޑައިރެކްޝަނާއި ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ގިބްސަންގެ "އެޕޮކަލިޕްޓޯ" ގެ ސްކްރީންޕްލޭ ލިޔުނު ފަރްހާދް ސަފިނިއާ އެވެ. ޕްރޮޑިއުސަރަކީ ވެސް ގިބްސަން އެވެ.

"ޕްރޮފެސާ އެންޑް ދަ މޭޑްމޭން" ގައި ގިބްސަން، 60، ފެނިގެން ދާނީ ޕްރޮފެސަރު ޖޭމްސް މުރޭގެ ރޯލުންނެވެ. "މިލްކް" ފަދަ ފިލްމްތައް ކުޅެފައިވާ ޕެން، 55، ފެނިގެން ދާނީ ޑރ. ވިލިއަމް ޗެސްޓާ މައިނާގެ ރޯލުންނެވެ.

ވަރުގަދަ އަދި އެހާމެ ތަޖުރިބާކާރު ދެ އެކްޓަރުން އެއް ފިލްމަކުން ފެނިގެންދާތީ، "ދަ ޕްރޮފެސާ އެންޑް ދަ މޭޑްމޭން" އާ ކުރެވޭ އުންމީދުތައް ހުރީ ވަރަށް އުހުގަ އެވެ.

މި ފިލްމުގެ މަސައްކަތް އަންނަ މަހު ފަށަން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ފިލްމް ރިލީޒް ކުރާނެ ތާރީއެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިހާރު ވެސް ޔަގީންވާ "ޕްރޮފެސާ އެންޑް ދަ މޭޑްމޭން" އަކީ ގިބްސަން އާއި ޕެންގެ ފޭނުންނަށް ވަރަށް ހާއްސަ ފިލްމަކަށް ވެގެން ދާނެ ކަމެވެ.