05 އޯގަސްޓް 2018 - 11:22

ބުދަ ދުވަހާ ގުޅޭ
"ޖިނާ!" ޒޫނާ ތެދުވަމުން ގޮވައިލިއެވެ.
ޖިނާ ނުކުތީ ފާޚާނައިންނެވެ. އޭނަގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ޒޫނާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. އަނެއްކާ ވެސް އެނދުގައި އޮށޯވެލިއެވެ.
"އަހަރެން ހޭލާއިރަކު ޖިނާއެއް ނޯވޭ އެނދަކު،" ޒޫނާ ބުންޏެވެ. "މަ ހީކުރީ.."
"އާނ!" ޖިނާ އެއްބަސްވިއެވެ. "ރޭގަ ކޮންމެވެސް ނުގުޅޭ އެއްޗެއް ކެވުނީކަންނޭނގެ. ފާޚާނަޔަކުން ނޭރި. ހިތަށްއެރި ޒޫނާއަށް ގޮވަން ވެސް. އެކަމަކު ނިދައިލައިފަ އޮތްލެއް ލޯބިކަމުން ނުކެރުނީ."
ލާނެތް ގޮތަކަށް ބަލަހައްޓައިގެން ޒޫނާ އޮތެވެ. ޒޫނާގެ ހިތުގައި އުތުރިއަރަމުންދިޔައީ އުފާވެރިކަމެވެ. އަރުތެރޭގައި ވަނީ ފޮނިކަމެވެ. އެއީ ދިގު އިންޒާރަކަށް އައި އުފާވެރި، ފޮނި ނިމުމެވެ.
"އަހަންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ!" ޒޫނާ މަޑުމަޑުން ބުންޏެވެ. "އަހަރެން ހަމަ އަސްލުގަ ވެސް މީ ޖިނާގެ އަންހެނުންތަ؟"
އެ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ޖިނާ އައިސް އެނދުގައި އިށީނދެލިއެވެ.
"މުހިންމީ އަންބަކަށް ވުމެއް ނޫނޭ ޒޫނާ!" ޖިނާ ބުންޏެވެ. "ކިތައް އަންހެނުން އެ އުޅެނީ ފިރިމީހާގެ އަނިޔާއިން ސަލާމަތް ނުވެވިގެން. މުހިންމީ ލޯބި. ޒޫނާ ހިތްފުރޭ ވަރަށް އަހަރެން ލޯބިދޭނަން. ޒޫނާ ޖެހޭނެ އެކަން ދަންނަން. އަހަރެން ދޫކޮށްނުލާތި! އަހަންނާ ރުޅިނުވާތި!"
ދުވަހުގެ މެންދުރު ވީއިރު ވެސް ޖިނާ ގެއަށް ދާކަށް ނޫޅެއެވެ. ގަޑިންގަޑިއަށް ޒޫނާއަށް ކާއެއްޗެހި ގެނެއެވެ. ބޭރަށް ނުކުންނަތާ މާ ގިނައިރެއް ނުވެ ކޮންމެވެސް ކާއެއްޗެއް ހިފައިގެން އާދެއެވެ. އެއްވަރުގެ މީރު އެއްޗެއްސެވެ. ޖިނާ ކަނީ ވަރަށް ކުޑަ އެތިކޮޅެކެވެ. ފުރިފައި ހުރީމައެވެ. މަދުން ކާން އާދަވެފަ ހުރީމައެވެ. ނުވަތަ އެ ކަހަލަ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ފުއްދައިލައެވެ. އެންމެފަހުން، ޖިނާ ގެއަށް ނައިސްގެން ޖިނާގެ ދަރިން ގުޅިއެވެ. އެކި ދަރިންނަށް އެކި ޖަވާބުދެމުން ގޮސް، ގެއަށް ދާން ޖިނާ ނުކުތީ އިރުއޮއްސުނު ވަގުތުއެވެ. ޖިނާގެ ގޭގެ ދޮރުމައްޗަށް އަރައިފައި އައިނު ރަނގަޅުކޮށްލިއެވެ. ދެކޮޅު ހޯދައި ބަލައިލިއެވެ. އެއަށް ފަހު މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ގޭތެރެ އޮތީ ނިއްވައިލައިފައެވެ. އެއްވެސް އަލިކަމެއް ނެތެވެ. އެއީ އާންމުކޮށް ގޭތެރެ އޮންނަ ގޮތެއް ނޫނެވެ. އެހެންވިޔަސް ޖިނާ ކުޑަކޮށް ވެސް ހާހެއް ނުވެއެވެ. ކުއްލިއަކަށް ބޮކި ދިއްލުނެވެ. ސުވިޗު ކައިރީގައި ސުހޭލު ހުއްޓެވެ. އޭނަގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރިކަމެވެ.
"މާ އަނދިރިކޮށްލައިގެން ތި އުޅެނިއްޔޯ؟" ޖިނާ އެހިއެވެ.
ސުހޭލު އެއްވެސް ޖަވާބެއް ނުދިނެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ފަޒޭލު ނުކުތެވެ. ސުހެއިލު ފަދައިން ފަޒޭލު ވެސް އަނގަޔަކުން ނުބުނެއެވެ. ބަލަހައްޓައިގެން ހުރީއެވެ. ޖިނާ ފަހަރަކު ކުއްޖެއްގެ މޫނަށް ބެލިއެވެ.
"ކިހިނެއްވީ؟" ޖިނާ ސުވާލުކުރިއެވެ.
"އަހަރުމެންނަށް ހުރިހާ އެއްޗެއް އެނގިއްޖެ!" ޖަވާބުދިނީ ސުހެއިލެވެ.
"ކޮން ހުރިހާ އެއްޗެއް؟" ޖިނާ އެހިއެވެ. "ކިހިނެއްތަ ވީ؟"
އަވަހަށް ޖަވާބުދޭކަށް އެކަކު ވެސް ނޫޅެއެވެ. ސުހެއިލު މަޑުމަޑުން ހިނގައިލައިފައި ގޮސް ސޯފާގައި އިށީނެވެ. އޭނަގެ ފަހަތުން ފަޒޭލު ވެސް ސޯފާގައި އިށީނެވެ.
"ރަނގަޅަށް ވިސްނައިލަބަލަ!" ފަޒޭލު ވާހަކަދެއްކިއެވެ. "މި ގޭގަ ހުންނަންޖެހޭ މީހަކު މި ވަގުތު މި ގޭގަ ނެތްހެނެއް ހިޔެއްނުވޭތަ؟"
ހުރި ފިޔަވަޅުމަތީގައި ވަރަށް ސާބިތުކަމާ އެކުގައި ޖިނާ ހުއްޓެވެ.
"ކީކޭ ބުނަން ތި އުޅެނީ؟" ޖިނާ ސުވާލުކުރިއެވެ. "މި ގޭގަ ކާކު ނެތީ؟"
"އަޅެ ބުނެބަލަ!" ސުހެއިލު ބުންޏެވެ. "އެ މީހަކީ ކާކުކަމާ، އެ މީހާ ފޮރުވީ ކޮންތާކުކަން ވެސް ޖެހޭނެ އަހަރުމެންނަށް ބުނެދޭން. ވަރަށް ސިއްރުންނެއްނު ހުރިހާ ކަމެއް ވެސް ކުރީ."
އެ ދަނޑިވަޅަށް ޝާޒްލީ ނުކުތެވެ. ރުޅި މޫނު ދައްކަމުން ޖިނާއަށް ބަލައިލިއެވެ. ޖިނާ ބަލައިލުމާއެކު ޝާޒްލީ އަތުގައި އޮތް ބުޅާ ވަރަށް އެހެން ކަހަލަ ގޮތަކަށް ގޮވައިލިއެވެ. ޖިނާ ފަހަތަށް ޖެހިލިއެވެ. ޝާޒްލީ ކުރިޔަށް ޖެހިލިއެވެ. ޖިނާ ފަހަތަށް ޖެހެމުންޖެހެމުން ގޮސް ސޯފާގައި އަޅައިގެންފައި ސޯފާގައި އިށީނދެވުނެވެ.
"ސަޕްރައިޒް!" ތިން ކުދިން އެކުގައި ހަޅޭއްލަވައިގަތެވެ.
ޖިނާ ހައިރާންވެފައި ބަލަހައްޓައިގެން އިންދައި، ސުހޭލާއި ފަޒޭލު އައިސް ޖިނާގެ ދެފަރާތުގައި އިށީނެވެ.
"އަހަންނަށް ތި ތަންކޮޅު!" ޝާޒްލީ ގޮވައިލިއެވެ.
ޖިނާގެ ކަނާއަތް ފަރާތުގައި އިން ފަޒޭލު ތެދުވެފައި އެ ތަންކޮޅު ޝާޒްލީއަށް ދިނެވެ. ޝާޒްލީ އިށީނެވެ. ޝާޒްލީ އަތުގައި އޮތް ބުޅާ ކުއްލިއަކަށް ފުންމައިލައިގެން ދުރަށް ދިޔައެވެ. އަޒީޒާ ހެމުންހެމުން ނުކުތެވެ.
"ދަރިފުޅު މީހަކާ އިންކަން އެ ކުދިންނަށް އެނގިގެން އެ އުޅެނީ." އަޒީޒާ ބުންޏެވެ.
ޖިނާގެ މޫނުމަތީގައި ހުރި ހާސްކަމުގެ އަސަރު ފިލިއެވެ. ހިނިތުންވެލިއެވެ. ދުރުގައި އޮތް ބުޅާ ޒާތަކަށް އަޑުލައްވަން ފެށިއެވެ. ޖިނާގެ ސަމާލުކަމަށް އެ ކަން އައެވެ. އެހެން ކުއްޖަކަށް އެ ކަމެއް ފާހަގައެއް ނުވިއެވެ. ޝާޒްލީ ފިޔަވައެވެ.
"ކެޓަށް ކިހިނެއް މިވީ؟" ޝާޒްލީ މަޑުމަޑުން ބުނެލިއެވެ.
ޝާޒްލީގެ ބުޅާ ޖިނާޔާ ވަރަށް އޮޅެވެ. އަބަދުވެސް އެ ކަން އޮންނަނީ އެހެންނެވެ. ރުޅިހަދައިލައިފައި ދުރަށް ދިޔަ އެއީ ފުރަތަމަ ފަހަރެވެ. އެކަމަކު، ދެކެވެމުންދިޔަ ވާހަކައިގެ ސަބަބުން ޝާޒްލީއަކަށް އެހެން މީހަކު ސަމާލުކަމެއް ނުދިނެވެ.
"އެ މީހުން ބޭނުމީ ޒޫނާ މި ގެއަށް ގެންނާށޯ!" އަޒީޒާ ބުންޏެވެ.
"އެހެންތަ؟" ޖިނާ އުފާވެފައި ބުންޏެވެ. "ހުރިހާ ކަމެއް ބޭޒާރުވެ ނިމުނީ ދޯ!"
"އަހަރުމެންގެ ސީކްރެޓް އެޖެންޓުން ވަރަށް ގަދަވާނެ ދޯ ބޭބޭ؟" ޝާޒްލީ ފަޚުރުވެރިކަމާ އެކުގައި ބުންޏެވެ. "ދެން އަދި އެހެން އަޕްޑޭޓެއް ދޭނަން. އަހަރުމެން މިހާރު ޖޮބަށް ވަންނަން ލެޓަރ ވެސް ލައިފިން. އަވަހަށް ދައްތަ މި ގެއަށް ގެނެސްދީ! އަހަރެން ދަންތަ ބަލާ؟"
"އެއްވެސް މައްސަލައެއް ނެތް!" ޖިނާ އެއްބަސްވިއެވެ. "އަހަރެން ވެސް ބޭނުމީ ވީހާ ވެސް އަވަހަށް ޒޫނާ މި ގެއަށް ގެންނަން."
ދުރުގައި އޮތް ބުޅާ އަނެއްކާ ވެސް ގޮވައިލިއެވެ. އެ ފަހަރުވެސް އެ ކަން ދިޔައީ މީހުންނަށް ފާހަގަނުކުރެވިއެވެ. ގަޑިން ރޭގަނޑު އެގާރަޖެހިއިރު ވެސް ޖިނާ ހުރީ ޖިނާގެ ގޭގައެވެ. އެ ގެޔަކީ ޖިނާއަށް އާ ތަނެއް ނޫނެވެ. އަޒްރާގެ ކުޑަކުޑަ ފޮޓޯއެއް އައިސްއަލަމާރީގައި ތަތްކޮށްފައި ހުއްޓެވެ. ތަންކޮޅެއް ކައިރިއަށް ގޮސް ޖިނާ އެ ފޮޓޯ ބަލައިލިއެވެ. ފޮޓޯގައި އަޒްރާ އިނީ ކުޑަކޮށް ހައިރާންވެފައެވެ. ހަނދާނުގެ ދެތިން ވިދުވަރު ޖިނާގެ ލޯކުރިމަތީގައި ފިޔަޖަހައިލިއެވެ. ފަރުހާދާ ދޭތެރޭގައި އަޒްރާއަށް ޝައްކުވެގެން ފަރުހާދުގެ މޫނަށް ވެސް އަޒްރާ ބަލަހައްޓައިގެން އިނީ އެ ފަދަ ގޮތަކަށެވެ. އެ ހަނދާންތައް އާކުރާކަށް ޖިނާ ބޭނުމެއް ނޫނެވެ. އަޒްރާގެ ފޮޓޯގަނޑު ނައްޓައިލައިފައި ބޮނޑިކޮށްލިއެވެ. ކުޑަދޮރު ބޭރަށް އެއްލައިލިއެވެ. ޒޫނާގެ ފޯނު ރަނގަބީލުވާން ފެށީ އެ ވަގުތުއެވެ. އޭރު ޒޫނާ އިނީ މަންމަ ގާތުގައި އޮލަ ވާހަކައެއްގައެވެ.
"ކޮންއިރަކުން މިކޮޅަށް އަންނަނީ؟" ޒޫނާ ވަރަށް ހަމަޖެހިލައިފައި އެހިއެވެ.
"ތި ސުވާލު ކުރަންވީ އަހަންނެއްނު!" ޖިނާ ޖަވާބުދިނެވެ.
"ކޮބާ ތީގެ މާނައަކީ؟" ޒޫނާ އެހިއެވެ.
ފޯނުން ވާހަކަދެއްކި ނަމަވެސް ޖިނާ ހުރީ ފޯނު ހިފައިގެނެއް ނޫނެވެ. ޖިނާ ހުރީ ބޮޑުކޮޓަރީގެ ބާލުޚާނާއަށް ނުކުމެ ބޭރު ބަލާށެވެ. އެ ވަގުތު ޖިނާގެ ތުންފަތް ވެސް ހަރަކާތެއް ނުކުރެއެވެ. އެކަމަކު ޖިނާ ވާހަކަދައްކާ އަޑު ޒޫނާއަށް އިވެއެވެ.
"އަހަރެން މީހަކާއިންކަން ތިން ކުދިންނަށް ވެސް އެނގިއްޖެ!" ޖިނާ ބުނި އަޑު އިވުނެވެ. "އެމީހުން ބޭނުންވަނީ ޒޫނާ މި ގެއަށް ގެންނަން. ވީހާ ވެސް އަވަހަކަށް."
ޒޫނާއަށް ލިބުނީ ޝޮކެކެވެ. އެހާ ސިއްރުން ކުރި ކަމެއް އެހާ އަވަހަށް ފަޅާއެރީމައެވެ. އެހެންނަމަވެސް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވެސް ލިބުނެވެ. މައްސަލައަކަށް ނުވެ ހުރިހައި ކަމެއް ވެސް ދިޔަލެއް އޮމާންކަމުންނެވެ.
"ސީރިޔަސްކޮށް؟" ޒޫނާ ބުންޏެވެ. "ދެން ކީކޭ ޖިނާ ބުނަނީ؟ ގެއަށް ދޮންމަންމައެއް ގެންނާކަށް ބިރެއްނުގަނޭ؟"
ޖިނާ ހީނގަތެވެ. ހީނގަތް ރާގުގެ ސަބަބުން ޒޫނާ ހަނދާންވީ މާޒީއެވެ. ފަޅުރަށެވެ. ފަތިސްހަނދުވަރެވެ. ޖިންނިއެވެ. ޖިންނީގެ ސަބަބުން ޒޫނާއަށް ދުއްތުރާ އެންމެ ބޮޑުވި ދުވަސްވަރު، ބޮޑާކަން ފާޅުކުރުމަށް ޓަކައި އޭނަ ހޭނީ އެ ފަދަ ރާގެއްގައެވެ. އެހެންނަމަވެސް ޒޫނާގެ އިހުސާސްތައް ކޮންޓުރޯލުކުރިއެވެ. މާޒީގެ ހިރަފުސް ކައިވެންޏަށް ބުރާކަށް ޒޫނާ ނޭދެއެވެ.
"ޒޫނާ ވާނީ އަހަރެންގެ ދަރިންގެ މަންމަޔަށް،" ޖިނާ ބުނި އަޑު އިވުނެވެ. "އަވަހަށް ފޮށްޓަށް އެއްޗެހި އަޅާ. ތިކޮޅަށް ވުރެ މިކޮޅުގަ އުޅެން މާ ފަސޭހަވާނެ. އަހަރެން ހާދަ ކަމެއް ރާވައިގެންނޭ މި އުޅެނީ. މިރޭ މި ގޭގަ ހުންނާނީ. މާދަމާ ހެނދުނު ޒޫނާ އަންނަންވާއިރަށް ކުޑަކޮށް ތައްޔާރު ވެސް ކޮށްލަންޖެހޭ."
"ހޫނ!" ލާނެތް ރާގެއްގައި ޒޫނާ ބުނެލިއެވެ. "އަހަރެން އަންނަންވާއިރަށް އަންހެނުންގެ ފޮޓޯތަކާ ސާމާނުތައް ފޮރުވަން ދޯ ތި އުޅެނީ. މަށަށް އޯކޭޔޭ ނުފޮރުވިޔަސް. އެއީ ޖިނާގެ ޕާސްޓެއްނު!"
ދައްކަން ހުރި ވާހަކަތައް ގިނަކަމުން ޖިނާ ކުރުކޮށްލިއެވެ.
"އަހަރެންގެ އަސްލު ޕާސްޓަކީ ތީ!" ޖިނާ ބުންޏެވެ.
ޒޫނާޔާ ވާހަކަދެއްކުމަށް ފަހު ޖިނާ ކޮޓަރިއަށް ވަނެވެ. އެ ތަނުން ޖިނާއަށް އިހުސާސްކުރެވެނީ ބީރަށްޓެހިކަމެވެ. އަމިއްލަ ނަފުސަށް ނިސްބަތްވާ އެކައްޗެއް ވެސް އެތާކު ނެތެވެ. އަލަމާރި ހުޅުވައިލުމުން ފެންނަނީ ނުދަންނަ މަންޒަރެކެވެ. އެނދުގައި އަޅާފައި އޮތް ފަލަނގުފޭއްޔާއި، ބާލީސްތައް ކިޔައިދެނީ އެހެން ދެ މީހެއްގެ ވާހަކަތަކެކެވެ. ޒޫނާ އައުމުގެ ކުރިން މުޅި ކޮޓަރި "ދޮންނަން" ޖެހޭނެއެވެ. އިންސާނަކަށް އެއީ ބޮޑުކަމެކެވެ. އިފުރީތަކަށް އެއީ ދާދި ކުޑަ ކަމެކެވެ. ޖިނާ ކޮޓަރިން ނުކުތެވެ. ގޭތެރެއޮތީ ފަޅުވެފައެވެ. ކުއްލިއަކަށް ޝާޒްލީ ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ބަލައިލިއެވެ.
"ބަލައިލީ ކާކުތޯ!" ނުކުންނަމުން ޝާޒްލީ ބުންޏެވެ. "ޑެޑީ ވެސް ތި އުޅެނީ ނުނިދިގެން ދޯ؟ އަހަރެން ވެސް މި އުޅެނީ މަންމަ މިސްވެގެން. އަޅެ ކީއްވެތަ މަންމަ ނުގުޅަނީ؟"
ޖިނާ ސޯފާގައި އިށީނދެފައި ޝާޒްލީ ވެސް އިށީނުމަށް އިޝާރާތްކޮށްލިއެވެ.
"މަންމަ ލޯބިވާ ނަމަ ފޯނު ނަންބަރު ބަދަލުކޮށްފަ ނާންގައެއް ނުހުންނާނެ،" ޝާޒްލީ އިށީނުމުން ޖިނާ ބުންޏެވެ.
ނުނިމޭ