ކޯޓުއާ ބޭނުންވަނީ ރެއާލަށް ބަދަލުވާން
ކޯޓުއާ ބޭނުންވަނީ ރެއާލަށް ބަދަލުވާން

މެޑްރިޑް (އޮގަސްޓް 5) - ޗެލްސީގެ ބެލްޖިއަމް ގޯލްކީޕަރު ތިބައޫ ކޯޓުއާ ބޭނުންވަނީ ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ބަދަލުވާން ކަމަށް އޭނާގެ އޭޖެންޓް ކްރިސްޓޮފް ހެންރަޓޭ ބުނެފި އެވެ.

މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީން އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ކޯޓުއާ އާއި ބްރެޒިލްގެ ވިލިއަން އެ ޓީމުގައި މަޑުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުނެފި އެވެ.

"އަހަންނަށް ވަރަށް ގިނައިން އެބަފެނޭ މީޑިއާގައި ޗެލްސީން މިކަން ކޯޓުއާ އަތްމައްޗަށް ދޫކޮށްލާފައޭ ބުނާތަން. އެކަމަކު ހަގީގަތަކީ ކޯޓުއާ ވަނީ ވަރަށް ސާފުކޮށް ކްލަބަށް އެނާ ބޭނުންވާ ގޮތް އަންގާފައި. ކޯޓުއާ ބޭނުންވަނީ ޗެލްސީ ދޫކޮށް ރެއާލަށް ބަދަލުވާން. އެއީ ފައިސާއަށްޓަކައެއް ނޫން. އެއީ އާއިލީ ސަބަބުތަކެއް ވެސް އޮވެގެން،" ކޯޓުއާގެ އޭޖެންޓް ހެންރަޓޭ ބުނެފި އެވެ.

ޗެލްސީން 2011 ވަނަ އަހަރު ބެލްޖިއަމްގެ ގެންކަށް 10 މިލިއަން ޑޮލަރު ދީފައި ކޯޓުއާގެ ސޮއި ހޯދުމަށް ފަހު ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމުގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށް ފަހު ޗެލްސީއާ އަލުން ކޯޓުއާ ގުޅުނީ 2014 ވަނަ އަހަރު އެވެ.

ސްޕެއިނުގައި ކޯޓުއާ އުޅުނުއިރު އޭނާ ލޯބީގެ ގޮތުން ގުޅުނު މާތާ ޑޮމިންގޭޒާ ދެމީހުންނަށް ކުއްޖަކު ލިބުނެވެ. މިދިޔަ އަހަރު ކޯޓުއާ އާއި މާތާ ވަކިވި ނަމަވެސް އަލުން އެ ދެ މީހުން ވަނީ ގުޅިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޯޓުއާ އަލުން މެޑްރިޑަށް ދިިރިއުޅުން ބަދަލުކުރަން ބޭނުންވަނީ ވެސް އެ ސަބަބަށްޓަކަ އެވެ.

"މިއީ އޭނާގެ އާއިލާއާ ވަރަށް ބޮޑަށް ގުޅިފައި އޮތް ނިންމުމެއް. އަހަރެމެން ވަރަށް ބޮޑަށް އެދެން މެޑްރިޑްގެ ހުށަހެޅުމަށް ޗެލްސީން އާއެކޭ ބުނުމަށް،" ހެންރަޓޭ ބުންޏެވެ.

އުމުރުން 26 އަހަރުގެ ކޯޓުއާ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ޗެލްސީން ވަނީ ފެންވަރު ރަނގަޅު ކީޕަރެއް ނުލިބެނިސް ކޯޓުއާ ދޫކޮށްނުލަން ނިންމައިފަ އެވެ. މި ވަގުތު ޗެލްސީގެ ގޯލު ބަލަަހައްޓަމުންދަނީ އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ އާއި ދާދި ފަހުން އެ ޓީމާ ގުޅުނު އިނގިރޭސި ކީޕަރު ރޮބަޓް ގްރީން އެވެ.

ވޯލްޑް ކަޕަށް ދިން ޗުއްޓީ އަށް ފަހު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަލުން ކޯޓުއާ ޗެލްސީގެ ޕްރެކްޓިހަށް ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ރޯމާގެ ކީޕަރު އެލިސަން ބެކާ ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމު އެލިސަންގެ ވިސްނުން ހުރީ ލިވަޕޫލަށް ބަދަލުވުމަށްކަން އެނގުމާ އެކު ޗެލްސީން އޭނާ ގެނައުމުގެ މަސައްކަތް ހުއްޓާލި އެވެ. ލިވަޕޫލުން އެލިސަންގެ ސޮއި ހޯދީ 84.4 މިލިއަން ޑޮލަރު ދީފަ އެވެ. މިއީ ކީޕަރަކަށް ޓީމަކުން ހޭދަކުރި އެންމެ ބޮޑު އަދަދެވެ.

ކޯޓުއާ ގޮސްފިނަމަ ޗެލްސީން ގެންނަން ބޭނުންވާ ކީޕަރުންގެ ތެރޭގައި މިހާރު ހިމެނެނީ އިންގްލެންޑުގެ ދެ ކީޕަރުން ކަމަށްވާ އެވަޓަންގެ ޖޯޑަން ޕިކްފޯޑް އާއި ސްޓޯކް ސިޓީގެ ޖެކް ބަޓްލަންޑް އެވެ. އަދި ރެއާލުގެ ކީޕަރު ކޭލޯ ނަވާސް ވެސް ޗެލްސީން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.