06 އޯގަސްޓް 2018 - 07:22

އެކްޓަރު އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމް "ލީނާ" ރިލީޒްކުރާ ތާރީހު ބޮޑު އީދުގެ ފަހުން އިއުލާންކޮށް، ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތްތައް ފަށަށް ނިންމައިފި އެވެެ.
މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ހިނގާފައިވާ މަރުގެ ހާދިސާއެއް އަސްލަކަށް ބަލައިގެން މުއާ ޑައިރެކްޓްކޮށް، އޭނާ މުހިއްމު ރޯލެއް ވެސް ކުޅޭ "ލީނާ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
މި ފިލްމްގެ ޝޫޓިންގެ ވަރަށް ބޮޑު ބައި މި އަހަރުގެ ކުރީކޮޅު ވަނީ އއ. އުކުޅަހުގައި ނަގައި ނިންމައިފަ އެވެ.
މުއާ ބުނީ ފިލްމުގެ އެހެން ޕްރޮޑިއުސަރުންނާ ވެސް މަޝްވަރާކޮށް، ފިލްމް ސިނަމާ އަށް ގެންނާނެ ތާރީހެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
"އެކަމަކު އީދުގެ ފަހުން ތާރީހު އިއުލާން ކުރާނީ. މީގެ ކުރިން ދިވެހި ފިލްމެއްގެ ޕޯސްޓަރެއް ނުފެންނަހާ ސަޕްރައިޒްކޮށް ލީނާގެ ޕޯސްޓަރު ވެސް ދައްކައިލާނަން. އަދި އީދަށް ފަހު، ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާނެ،" އެހެން ފިލްމެއްގެ ޝޫޓިން އަށް މި ވަގުތު ނ. ވެލިދޫގައި ހުރެ މުއާ ބުންޏެވެ.
އޭނާ ބުނީ ޔަގީނުން ވެސް މި އަހަރު "ލީނާ" ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ.
"އަހަރެންގެ ފުރަތަމަ ފީޗާ އަށް ވީމަ ވެސް މިއަށް ކުރެވޭ އެކްސްޕެކްޓޭޝަންތައް ވަރަށް ބޮޑު. އެކަމަކު އަމިއްލައަކަށް ނުބުނާނަން ވަރަށް މޮޅު ފިލްމަކަށް ވާނެއެކޭ. ހަމަ ޔަގީނުން ވެސް މިއަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" ހިތް ރޮއްވާ ނުލާ އާއި ވީ ބޭވަފާ ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "މިއީ ބެލުންތެރިން ވަރަށް ބަލާ ހިތްވާ ކަހަލަ ފިލްމަކަށް ޔަގީނުން ވެސް ވާނެ."
ކުރިން މިދިޔަ އެޕްރީލް ނުވަތަ މެއި މަހު ސިނަމާ އަށް ގެންނަން ރޭވި "ލީނާ" ފަސްކޮށްލީ ކުރިއަށް ރިޔާސީ އިންތިހާބު ވެސް އޮތުމާ އެކު، ސިޔާސީ ކަންކަން އެއްކޮށް ހަމައަކަށް އެޅުމުން ފިލްމް ބެލުންތެރިންނަށް ގެނެސްދޭންވެގެން ކަމަށް މުއާ ބުންޏެވެ.
"މީގައި އަދި އެބަހުރި ޝޫޓްކޮށްލަން ޖެހޭ މަންޒަރުކޮޅެއް ވެސް. އެ މަސައްކަތް ފަށާނީ މިހާރު މަސައްކަތް މި ކުރަމުން އަންނަ ފިލްމްގެ މަސައްކަތް ނިންމާފައި،" އޭނާ ބުންޏެވެ.
"ލީނާ" ގެ ޓައިލްޓް ރޯލުން ފެނިގެން ދާނީ މުއާގެ މިހާރުގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އެވެ. މިއީ މި ދެ ތަރިން އެކުގައި ބޮޑު ސްކްރީނުން ފެނިގެން ދާނެ ފުރަތަމަ ފިލްމް ވެސް މެ އެވެ.
"ލީނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، ނުޒުހަތު (ނުޒޫ) ޝުއައިބް، އަހުމަދު ނިމާލް އަދި އަލީ (ދޮން އައްޔަ) އާޒިމް ހިމެނެ އެވެ.