05 އޯގަސްޓް 2018 - 12:22

އަދަބު ލުއިކޮށްދެއްވަން ހަމަޖެއްސެވި ބައެއް ގައިދީން ގޭ ބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.
ހުކުމް ތަންފީޒުކުރަމުންދާ ގައިދީންތަކެއްގެ އަދަބު ލުއިކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މި އަހަރުގެ މިނިވަން ދުވަހު ނިންމަވައިފަ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ އަދަބު ލުއިކޮށްދެއްވަން ނިންމަވާފައި ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް އެކަނި ކަމަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން މިއަދު ވިދާޅުވީ ގައިދީންގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ނިންމުމާ އެކު ބައެއް މީހުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ބައެއް އިތުރު ގައިދީންނާ އިންޓަވިއުކޮށް ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައިދީން ގޭ ބަންދަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. އެ މަސައްކަތް ނިމުމުން އަދަބު ލުއިކޮށްދިން ގައިދީންގެ އަދަދު ހިއްސާކުރާނަން،" ލުގުމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައިދީން ގޭ ބަންދަށް ބަދަލުކުރަނީ އެކަމަށް ހާއްސަ ކޮމެޓީއަކުން އިންޓަވިއުކޮށް ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ. އެގޮތުން، އަދަބު ލުއިކޮށްދީފައިވާ މީހަކު، ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެ މީހަކަށް ދިން ލުއި ބާތިލްވާނެ އެވެ.
އަދަބު ލުއިކޮށްދޭ ގައިދީންގެ ތެރޭގައި، މީހުން މެރުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި ޓެރަރިޒަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ނުހިމެނެ އެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމާއި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި ތިބި މީހުން ވެސް، އަދަބު ލުއިކޮށްދިނުމުގެ ތެރޭގައި ނުހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.