06 އޯގަސްޓް 2018 - 07:18

"ޓީއެސްއެމްސީ" އަށް ވައިރަސް ވަދެއްޖެ އެވެ. މި ކަމާ ކަންބޮޑުވާ މީހަކު އުޅޭ ހެއްޔެވެ؟ އުޅޭނެކަން ކަށަވަރެވެ.
ޓީއެސްއެމްސީ" – ޓައިވާން ސެމީކޮންޑަކްޓާ މެނޫފެކްޗަރިން ކޮމްޕެނީ އަކީ އައިފޯނުގައި ބޭނުންކުރާ "އޭ11 ބަޔޮނިކް ޗިޕްސެޓް" އުފައްދާ ކުންފުންޏެވެ. އެޕަލް އިން މި އަހަރު ނެރޭ އައިފޯނުތަކުގައި ބޭނުންކުރުމަށް "އޭ12 ޗިޕްސެޓް" ވެސް އުފައްދަނީ އެ ތަނުގަ އެވެ.
ޓީއެސްއެމްސީގެ ބައެއް ފެކްޓަރީތައް ބަންދުކުރި ވާހަކަ ފަލަ ސުރުޚީތަކުން އަދި ވެސް ނުފިލަ އެވެ. އެ ތަނުގައި ބޭނުންކުރާ ބައެއް ކޮމްޕިއުޓަރުތަކަށް ވައިރަސް އެރި ވާހަކަ އަދި ވެސް ދަނީ ދިގުލަމުންނެވެ. ސަބަބަކީ އައިފޯނުތައް ނެރޭ ތާރީޚު ބޯމަތިވެފައި ވާތީ އެވެ.
އެޕަލުން ކަންކުރަމުން އަންނަ އާދަ އަށް ބަލާއިރު، މި އަހަރު ނެރޭ އައިފޯނުތައް ތައާރުފުކުރުމަށް ދެން ދުވަސްތަކެއް ނެތެވެ. ނަމަވެސް، އައިފޯނުތަކަށް ބޭނުންވާ ޗިޕްތައް އުފެއްދުމަށް އެޕަލް އިން އެންމެ ބޮޑަށް އިތުބާރުކުރާ ކުންފުންޏަށް ވައިރަސް އެރުމުން، އައިފޯނުތައް ނެރުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބަދަލުއައުން އެކަށީގެންވެ އެވެ. އެ ބިރު މިހާރު އެބަ އޮތެވެ.
ޓައިވާން ސެމީކޮންޑަކްޓާ މެނޫފެކްޗަރިން ކޮމްޕެނީ އަށް ވައިރަސް ވަދެގަތް ގޮތެއް ނޭނގެ އެވެ. އަދި އެއީ ވަކި ބަޔަކު ގަސްދުގައި ކުރި ކަމެއްކަން ވެސް ނޭނގެ އެވެ. މި ކަމާ ގުޅޭ ގޮތުން ޓީއެސްއެމްސީ އިން އަދި އެޕަލް އިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. އެ މީހުން މިހާރު ބަލަނީ ވީހާ އަވަހަކަށް ފެކްޓަރީތައް ސާފުކޮށް މަސައްކަތް ފެށޭތޯ އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ބޭނުންވާ އަދަދު ހަމަ ނުވި ނަމަވެސް، އައިފޯނުތައް ދައްކާލަން ކަނޑައަޅާފައިވާ ތާރީޚުގައި، ފޯނުތައް ތައާރުފުކުރާނެ އެވެ.