05 އޯގަސްޓް 2018 - 11:14

ކަރާކަސް (އޮގަސްޓް 5) - ގޮވާ ތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެއްޖެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ހަމަލާ ދިން އިރު މަދޫރޯ ގެންދެވީ ވެރިރަށް ކަރާކަސްގައި ސިފައިންގެ 81 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަގުތުން ދައްކަމުން ދިޔަ ރަސްމިއްޔާތުގައި މަދޫރޯ ކުއްލިއަކަށް މައްޗަށް ބައްލަވާ މަންޒަރު ފެނެ އެވެ. ދެން އެތައް ބައިވަރު ސިފައިން ދުވެފައި ދެ އެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ޖޯޖް ރޮޑްރިގޭޒް ވިދާޅުވީ ރައީސް ހުންނެވި ސްޓޭންޑް މަތިން ގޮވާ ތަކެތި ހަރުކޮށްފައިވާ ދެ ޑްރޯން ގޮއްވާލި ކަމަށެވެ.

އެ ހަމަލާ ދިން ކަމަށް މަދޫރޯ ތުހުމަތުކޮށްފައި ވަނީ ކޮލަމްބިއާ އަށެވެ. ނަމަވެސް ބޮގޯޓާ އިން ބުނެފައި ވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.
ވެނެޒުއެލާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ ހަމަލާގައި ސިފައިންގެ ހަތް މީހުން ޒަޚަމްވި ކަމަށެވެ. އަދި ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ގައުމާ މުޚާތަބް ކުރައްވާ މަދޫރޯ ފަހުން ވިދާޅުވެފައި ވަނީ އޭނާގެ ކައިރިން ވަރުގަދަ ދެ އެއްޗެއް ގޮއްވާލި ކަމަށެވެ. ހަމަލާ އަށް ފަހު، ވަޒަން ނާރާ ޝީލްޑް ބޭނުންކޮށްގެން ބޮޑީގާޑުން މަދޫރޯ ހިމާޔަތް ކުރާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ.
މަދޫރޯ ވިދާޅުވެފައި ވަނީ އޭނާ އަވަހާރަކޮށްލަން މަސައްކަތް ކޮށްފައި ވަނީ އެމެރިކާ އަޑީގައި އޮވެގެން ކޮލަމްބިއާ އިން ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ ކޮލަމްބިއާގެ ރައީސް ހުއާން މެނުއަލް ސަންތޯސް ކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް މަދޫރޯ ވިދާޅުވި އެވެ.