06 އޯގަސްޓް 2018 - 07:21

ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އައްމޯލް ތަކެރިއާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމުން 2014 ގެ މިސް އިންޑިއާ ޖަތަލޭކާ މަލްއުތުރާ ވެސް ފިލްމީ ދާއިރާ އަށް ނެރެން ނިންމައިފި އެވެ.

ވާކިން ޓައިޓްލްއަކަށް "ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް" ގެ ނަން ދީގެން މިހާރު ލަންޑަނުގައި ޝޫޓިން ކުރިއަށްދާ އިރު، ޖަތަލޭކާ، 24، ފެނިގެން ދާނީ އައްމޯލްގެ ލޯބިވެރިޔާގެ ރޯލުންނެވެ. ފިލްމްގައި އޭނާ ފެނިގެން ދާނީ ސިއާ ކިޔާ ކެރެކްޓާއަކުންކެވެ. އައްމޯލް ކުޅެނީ ވަރުން ކިޔާ ކެރެކްޓާއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް" ގައި އައްމޯލް އާއި ޖަތަލޭކާގެ އިތުރުން ވެސް އިތުރު ދެ އެކްޓަރަކު ހިމެނެ އެވެ. އެއީ ޝަވަންގެ ރޯލް ކުޅޭ އިބްރާހީމް ޗައުދަރީ އާއި ތާނިޔާގެ ރޯލް ކުޅޭ ރީމް ޝެއިހް އެވެ.
ލޯބީގެ މި އެކްޝަން ފިލްމްގެ ޝޫޓިން މިދިޔަ ހަފުތާއިން ފެށިގެން ލަންޑަނުގައި ކުރިއަށްދާ އިރު، އެ ގައުމުގައި ކާސްޓާއި ކްރޫ 33 ދުވަހު މަޑު ކުރާނެ އެވެ. އެއަށް ފަހު، އެނބުރި މުމްބާއީ އަށް ގޮސް، ފިލްމްގެ ބާކީ މަންޒަރުތައް ޝޫޓް ކުރާނެ އެވެ.
"ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް" އާ ބެހޭ މާ ބޮޑު ތަފުސީލެއް ބަންސާލީ އާއި އޭނާގެ ޓީމުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެހެންވެ ފިލްމް ސިނަމާތަކަށް އަންނާނެ އިރެއް ވެސް އަދި ނޭނގެ އެވެ.
ބަންސާލީ އެންމެ ފަހުން ގެނެސް ދިނީ އޭނާ ޑައިރެކްޓް ކުރި "ޕަދްމާވަތު" އެވެ.