05 އޯގަސްޓް 2018 - 12:57

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް، އިދިކޮޅު ފަރާތްތަކުން ހުޅުމާލޭގައި ހަރުކުރި ޕޯސްޓަރުތަކެއް، ޕީޕީއެމް ޓީޝާޓު ލައިގެން ތިބި ދެ އަންހެނަކު ވީދާލާތަން ފެންނަ ފޮޓޯތައް އާންމުވުމާ އެކު، އެތައް ބައެއްގެ ފާޑުކިއުން ޕީޕީއެމަށް އަމާޒުވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް ފިހާރަ ކައިރީގައި ހުރި ބިލްބޯޑެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމްގެ އިތުރުން، އިދިކޮޅު ހަތަރު ލީޑަރުންގެ ފޮޓޯތައް ތަތްކޮށްފައި ހުއްޓައި އެ ޕޯސްޓަރުތައް ވީދައިލީ އެޗްޑީސީގެ ދެ މުވައްޒަފުން ކަމަށްވެ އެވެ. އެ ދެ އަންހެނުން ތިބީ "ރައީސް ޔާމީން 2018" ޖަހާފައިވާ ޕީޕީއެމްގެ ޓީޝާޓު ލައިގެންނެވެ.
ފޮޓޯ އިން ފެންނަނީ އޭގެ ތެރެއިން އެކަކު، ސައިކަލް މައްޗަށް އަރައިގެން ފޮޓޯތައް ވީދާ ތަނެވެ.
އެ ޕޯސްޓަރުތައް ނައްޓާލުމުން އިދިކޮޅު ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެކަމަކު ޕީޕީއެމުން ބުނީ އިދިކޮޅު ފަރާތްތަކުން ޕޯސްޓަރުތައް ހަރުކުރީ، ރައީސް ޔާމީންގެ ފޮޓޯފުޅެއް ޖެހި ޕޯސްޓަރެއް ބިލްބޯޑުގައި ހަރުކޮށްފައި ވަނިކޮށް، އެ ނައްޓާލުމަށް ފަހު ކަމަށެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން "މިހާރު" އަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕޯސްޓަރުތައް ހަރުކުރީ ޕީޕީއެމްގެ ބިލްބޯޑެއްގައި ކަމަށެވެ. އެ ބިލްބޯޑުގައި އިދިކޮޅު ފަރާތްތަކަށް ޕޯސްޓަރު ހަރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެ އަންހެނުން އެ ކުރީ ރަނގަޅު ކަމެކޭ ނުބުނަން. އެކަމަކު އެއީ ޕީޕީއެމްގެ ބޭނުމަށް އެ ތަނުގައި ހަރުކޮށްފައި ހުރި ބިލްބޯޑެއް. އޭގައި ރައީސް ޔާމީންގެ ފޮޓޯ ޖަހާފައި ހުއްޓާ އެ ޕޯސްޓަރު ނައްޓާލުމަށް ފަހު، އިދިކޮޅު ފަރާތްތަކުގެ ޕޯސްޓަރުތައް ތަތްކުރީ،" ބުންޔާމީން ވިދާޅުވި އެވެ.
ޕޯސްޓަރުތައް ތަތްކުރީ ޕީޕީއެމްގެ ބިލްބޯޑެއްގައިތޯ ނުވަތަ ނޫންތޯ އިދިކޮޅު ފާޑުކިއުންތަކުގައި ބަލާފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ޕޯސްޓަރުތައް ނެއްޓިޔަސް، ރައްޔިތުންގެ ހިތުގައި ލީޑަރުންނަށް އޮތް ލޯބި އިރާލާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ. ޕޯސްޓަރުތައް ނެއްޓި ވަރަކަށް އިބޫ އަށް ލިބޭ ވޯޓު ގިނަ ވާނެ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.
"ހަތް ދިހަ ފަސް ޕަސަންޓު ވޯޓު ހޯދާނީ އިދިކޮޅު ކެންޑިޑޭޓު ގަޔަށް ބޮލަށް އަރަން މީހުން ފޮނުވައިގެންތޯ؟ ނޫނީ އިދިކޮޅު ޕާޓީތަކުގެ ޕޯސްޓަރު އިރައިގެންތޯ؟ ދިވެހިންނަކަށް ގޭންގްސްޓާ ސްޓައިލް ކަމަކުނުދޭ އިނގޭތޯ. ޔާމީންގެ އަނިޔާވެރިކަމަށް ރައްޔިތުން މި ފަހަރު ނޫނެކޭ ބުނާނެ،" މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ހުޅުމާލެ އިން 75 ޕަސަންޓު ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ބުންޔާމީން ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައި ރޮޒެއިނާ ޓުވީޓް ކުރެއްވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ތުހުމަތު ކުރެއްވި ގޮތުގައި، ހުޅުމާލޭގައި ހުރި ކެމްޕެއިން ޕޯސްޓަރުތައް އިރަން ފެށީ ބުންޔާމީންގެ އޯޑަރަށް، ފައިސާ އަށް މަސައްކަތް ކުރާ ކުދިންކޮޅެކެވެ. އެކަމަކު މަހްލޫފްގެ އެ ވާހަކަތައް ބުންޔާމީން ވަނީ ދޮގުކުރައްވައިފަ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިބޫ މުޅި ދުވަހު ރައްޔިތުންނާ ބައްދަލު ކުރައްވަމުން ގެންދެވި އިރު، ރައީސް ޔާމީންގެ އެކްޓިވިސްޓުންނަށް ކުރެވުނުހާ ވެސް ކަމަކީ އިދިކޮޅު ބޭފުޅުންގެ ފޮޓޯ ޖަހާފައި ހުރި ޕޯސްޓަރުތައް ނެއްޓުން ކަމަށެވެ. ޕޯސްޓަރުތައް ނެއްޓުމުގެ ބަދަލުގައި ރައީސް ޔާމީން ދޮރުން ދޮރަށް ހިންގުވަން ނެރުނު ނަމަ، މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޯސްޓަރުތައް ވީދާލާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި އެމްޑީޕީގެ އޮފީސް ކައިރީގައި ދަމާފައި ހުރި ޕީޕީއެމްގެ ދިދަފަތީގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރުމަށް ފަހު، ބައެއް މީހުން ބުނެފައިވާ ގޮތުގައި ފެނިގެން މިދަނީ ޑިމޮކްރަސީ އާއި ހުދުމުހުތާރު ކަމުގެ ތަފާތެވެ. އެގޮތުން، އެމްޑީޕީ އޮފީސް ކައިރީގައި ދަމާފައި ހުރި ޕީޕީއެމްގެ ދިދަފަތިތައް ނައްޓާނެ ބަޔަކު ނޫޅޭ ކަމަށް އެ މީހުން ބުނެ އެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓު ފާތުމަތު ޝިއުނާ ބުނީ ކޮންމެ ދުވަހަކު ޕީޕީއެމްގެ ދިދަފަތި ދަށުން އެމްޑީޕީ އޮފީހަށް އޭނާ ވަންނަނީ އެކަން ހަޖަމްވެގެންނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުގެ ޕޯސްޓަރު ފެނުނަސް، ޕީޕީއެމަށް ހަޖަމްނުވާކަން ފާހަގަކޮށް އޭނާ ބުނީ މިއީ ޕީޕީއެމް މީހުންގެ އެކަނި ގައުމު ނޫން ކަމަށެވެ.
ހުޅުމާލެ އަކީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގައި މާލެ އިން އެންމެ ބޮޑު ފޯރިއެއް ނަގާ އެއް އަވަށެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމްގެ ދިދަ ފަތި ދަމައި، ރައީސް ޔާމީންގެ ބިލްބޯޑުތައް ވަނީ ހަރުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ގެތަކުގައި މިހާރު ވަނީ ޕީޕީއެމްގެ ދިދަ ވެސް ހަރުކޮށްފަ އެވެ.