ކެމަރޫންގެ ކޯޗަކަށް ސީޑޯފް، އެސިސްޓަންޓަކަށް ކްލައިވެޓް
ކެމަރޫންގެ ކޯޗަކަށް ސީޑޯފް، އެސިސްޓަންޓަކަށް ކްލައިވެޓް

ޔައުންޑޭ (އޮގަސްޓް 5) – ކެމަރޫން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ ކުރީގެ މިޑްފީލްޑަރު ކްލަރެންސް ސީޑޯފް އަދި އެސިސްޓަންޓް ކޯޗަކަށް އެ ޓީމުގެ ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވެޓް ހަމަޖައްސައިފި އެވެ.

ކެމަރޫނުން ފުރަތަމަ މަސައްކަތްކުރީ އިންގްލެންޑާއި ލާޒިއޯގެ ކުރީގެ ކޯޗު ސްވެން-ގޯރާން އެރިކްސަން ގެންނާށެވެ. އެކަމަކު އެއްބަސްވުމަކަށް ނާދެވުނީ އެވެ.

ސީޑޯފަށް އޮތް މަސައްކަތަކީ ފަސް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ކެމަރޫން އަންނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ތައްޔާރުކުރުމެވެ.

އަޔަކްސް އާއި ރެއާލް މެޑްރިޑާއި އޭސީ މިލާނުގައި ވިދާލައި އެ ދެ ކްލަބާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސީޑޯފަކީ ނެދަލެންޑްސްގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އެކަމަކު ކޯޗިންގައި އަދި ކާމިޔާބެއް ނުލިބެ އެވެ. މިލާނާއި ސްޕެއިނުގެ ޑިޕޯޓިވޯ ލަ ކަރޫނާ އަދި ޗައިނާގެ ޝެންޒެންގައި ވެސް ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ދެމި ހުރެވޭ ގޮތެއް ނުވި އެވެ.

އަޔަކްސް، މިލާން އަދި ބާސެލޯނާގެ ކުރީގެ ފޯވާޑް ކްލައިވެޓް ވަނީ ސީޑޯފާ އެކު ނެދަލެންޑްސް ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެއް ކުޅެފަ އެވެ. ސީޑޯފަށް ވުރެ ކޯޗިންގައި އޭނާގެ ތަޖުރިބާ ބޮޑެވެ. އޭނާ ވަނީ ލުއީ ވެން ހާލުގެ އެސިސްޓަންޓަކަށް ނެދަލެންޑްސް ގައުމީ ޓީމުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން ހުރީ ޕީއެސްޖީގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމުގަ އެވެ.