ރޮނާލްޑޯއާ ބެހޭ ސުވާލުތައް ނުކުރަން ލޮޕެޓެގީ އެދިއްޖެ
ރޮނާލްޑޯއާ ބެހޭ ސުވާލުތައް ނުކުރަން ލޮޕެޓެގީ އެދިއްޖެ

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 5) - ޕްރީ ސީޒަނުގައި ރޭ ޔުވެންޓަސް އަތުން ރެއާލް މެޑްރިޑް 3-1 އިން މޮޅުވި މެޗަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭ ސުވާލުތައް ނޫސްވެރިން ގިނައިން ކުރާތީ ރެއާލުގެ ކޯޗު ހޫލެން ލޮޕެޓެގީ އެކަމާ ހިތްހަމަ ނުޖެހިއްޖެ އެވެ.

ރޮނާލްޑޯއާ ބެހޭ ސުވާލުތައް ނުކުރަން ލޮޕެޓެގީ އެދިއްޖެ
ރޮނާލްޑޯއާ ބެހޭ ސުވާލުތައް ނުކުރަން ލޮޕެޓެގީ އެދިއްޖެ

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ. ރޭގެ މެޗުގައި ރެއާލާ ދެކޮޅަށް ޔުވެންޓަސް އިން ކުޅުނީ ރޮނާލްޑޯ ނުލަ އެވެ. އެކަމަކު ވެސް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލޮޕެޓެގީއާ ގިނަ ސުވާލުތައް ކުރިމަތިވީ ރޮނާލްޑޯއާ ބެހޭގޮތުންނެވެ.

"މި މެޗުގެ ވާހަކަ ދައްކާއިރު ހަގީގަތުގައި ރޮނާލްޑޯގެ ވާހަކަ ދެއްކުން މުހިއްމެއް ނޫން. އެއީ އޭނާ މި މެޗުގައި ނުއެއް ކުޅޭ. ދެން ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަހަރެން ވަރަށް ގިނައިން ރޮނާލްޑޯއާ ބެހޭ ސުވާލުތަކަށް ޖަވާބު ދީފިން. އަހަރެންގެ އެދުމެއް ރޮނާލްޑޯ އަކީ މިހާރު މި ޓީމުގައި ނެތް ކުޅުންތެރިއަކަށްވާތީ އޭނާއާ ބެހޭ ސުވާލުތައް އެހާ ގިނައިން ނުކުރުމަށް،" ކުރިން ސްޕެއިން ގައުމީ ޓީމަށް ކޯޗުކޮށްދިން ލޮޕެޓެގީ ބުންޏެވެ.

ލޮޕެޓެގީ ވަނީ މީގެ ކުރިން ރޮނާލްޑޯއާ ބެހޭގޮތުން އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގިނަ ސުވާލުތަަކަކަށް ޖަވާބުދީފަ އެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އިން ލީޑުނެގީ ރެއާލުގެ ޑެނީ ކާވަހާލް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގަރެތު ބޭލް އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ވިނީޝިއަސް ޖޫނިއާ އާއި މާކޯ އަސެންސިއޯގެ މޮޅު ކުޅުމާ އެކު ރެއާލުން ވަނީ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ. ރެއާލުގެ ފަހު ދެ ގޯލު ޖެހީ އަސެންސިއޯ އެވެ.

ޕްރީ ސީޒަނުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ލިވަޕޫލާ ގުޅުނު ބްރެޒިލްގެ ކީޕަރު އެލިސަން ބެކާގެ ފުރަތަމަ މެޗުން އެ ޓީމު ވަނީ 5-0 އިން ނަޕޯލީ ބަލިކޮށްފަ އެވެ. އޭސީ މިލާން 1-0 އިން ބާސެލޯނާ ބަލިކުރިއިރު، އާސެނަލް ވަނީ 2-0 އިން ލާޒިއޯ ބަލިކޮށްފަ އެވެ.