05 އޯގަސްޓް 2018 - 06:40

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ލ. އާއި ތ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރެއް މިއަދު ފައްޓަވައިފި އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ފުރަތަމަ ވަޑައިގަންނަވާނީ ތ. ތިމަރަފުއްޓަށެވެ.
ތ. އަތޮޅުގެ ދަތުރުގައި އިބޫގެ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިފޯމް މޫވްމެންޓުގައި އުޅުއްވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހިމެނިވަޑައިގަންނެވެ އެވެ. މީގެ އިތުރުން ވެސް އިދިކޮޅު ކޯލިޝަންގެ ބައެއް މީހުން އިބޫގެ އަރިހުގައި ވަޑައިގަންނަވާނެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫގެ މި ދަތުރުގައި މިއަދާއި މާދަމާ ތ. އަތޮޅު ގައި ކެމްޕެއިން ކުރެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ ލ. އަތޮޅުގެ ރަށްތަކަށެވެ. އެނބުރި މާލެ ވަޑައިގަތުމަށް ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.
އިބޫ، މީގެ ކުރިން ވަނީ އައްޑު އާއި ފުވައްމުލަކުގެ އިތުރުން ބ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އެ ދަތުރުތަކުގައި އެ އަތޮޅުތަކުގެ ރަށްރަށުގެ ގެތަކަށް ވަޑައިގަތުމުގެ އިތުރުން ޖަގަހަތައް ހުޅުވުމާއި ޖަލްސާތައް ބޭއްވެވި އެވެ.
އިބޫގެ ރަނިންމޭޓް، ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް އަންނަނީ ރާއްޖޭގެ އިތުރު އަތޮޅުތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އިދިކޮޅު ކޯލިޝަންގެ ޓީމަކާ އެކު ފައިސަލް ވަނީ ދާދި ފަހުން އދ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފަ އެވެ.