05 އޯގަސްޓް 2018 - 06:28

ބޮލީވުޑްގައި އަރަމުން އަންނަ ޒުވާން ޕްރޮޑިއުސަރު ރިއާ ކަޕޫރް ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
އޭނާ ޗުއްޓީ ހޭދަ ކުރަނީ ސޮނެވާ ޖާނީގަ އެވެ. އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް ރިއާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ރިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ލޯބިވެރިޔާ ކަރަން ބޫލާނީއާ އެކުގަ އެވެ.
އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވެ އެވެ.
ރިއާ، 31، އަކީ އެކްޓަރު އަނިލް ކަޕޫރްގެ ދެވަނަ އަންހެން ދަރިފުޅެވެ. އޭނާގެ ދައްތަ ސޯނަމް ކަޕޫރް މެއި މަހުގެ 19 ވަނަ ދުވަހު ވަނީ ނިއު ދިއްލީ އަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކޮށްފަ އެވެ.
ރިއާ އެންމެ ފަހުން ޕްރޮޑިއުސް ކުރީ އެކްތާ ކަޕޫރާ ގުޅިގެން ޖޫން މަހު އެކެއްގައި ގެނެސްދިން ކާމިޔާބު ފިލްމް "ވީރޭ ދީ ވެޑިން" އެވެ. އެ ފިލްމްގެ ތަރިންނަކީ ސޯނަމް އާއި ކަރީނާ ކަޕޫރާއި ސްވަރާ ބާސްކަރް އެވެ.
ރިއާ ޕްރޮޑިއުސްކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ހޫބްސޫރަތު (2014) އަދި އައިޝާ (2010) ހިމެނެ އެވެ.
ރިއާ އާއި ސޯނަމް އަންނަނީ "ރިސަން" ގެ ނަމުގައި ފެޝަން ލައިނެއް ވެސް ހިންގަމުންނެވެ. ރިއާއަކީ ސޯނަމްގެ ސްޓައިލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ މީހެއްކަން ފާހަގަކޮށްލެވެ އެވެ.