ޓެކްސް އަށް މަކަރު ހަދައިގެން "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ޑައިރެކްޓަރަކު ހައްޔަރުކޮށްފި
ޓެކްސް އަށް މަކަރު ހަދައިގެން "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ޑައިރެކްޓަރަކު ހައްޔަރުކޮށްފި

މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމާފައިވާ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ޑައިރެކްޓަރު ވިޖޭ ގުއްޓޭ، ސަޕްލައި ނުކުރާ މުދާތަކަކަށް ޖީއެސްޓީ ނަގައި މަކަރު ހެދި ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ގުޑްސް އެންޑް ސާވިސެސް ޓެކްސް އިންޓެލިޖެންސް (ޑީޖީޖީއެސްޓީއައި) އިން އޭނާ ހައްޔަރުކުރީ ބުރާސްފަތި ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ގުއްޓޭ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމުގެ ހުއްދަ މުމްބާއީގެ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން ދީފައިވެ އެވެ. އަދި އޭނާ އަށް ވަނީ ޖީއެސްޓީ ގާނޫނުގެ ދަށުން، މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްފަ އެވެ.

ގުއްޓޭ އާއި އޭނާގެ ވީއާރްޖީ ޑިޖިޓަލް ކޯޕަރޭޝަން ލިމިޓެޑުން ދޫނުރާ މުދާތަކަކަށް ފޭކް އިންވޮއިސް ހަދައިގެން 34.37 ކްރޯޑް ރުޕީސްގެ ޖީއެސްޓީ އަށް މަކަރު ހަދާފައިވާ ކަމަށްވެ އެވެ. މި މައްސަލާގައި ގުއްޓޭގެ ކުންފުނީގެ އިތުރުން އެހެން ކުންފުންޏެއްގެ މައްޗަށް ވެސް ތުހުމަތުކޮށް، އެ ކުންފުނީގެ ޑިރެކްޓަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ބައޮގްރިފިކަލް ޑްރާމާ އެވެ. ގުއްޓޭ ހައްޔަރު ކުރި އިރު، ފިލްްމްގެ ޝޫޓިން ނިމި އޭގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

"ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ކާސްޓުންގެ ތެރޭގައި އަކްޝަޔޭ ކަންނާ، އާހަނާ ކުމާރް، ސުޒޭން ބާނަޓް އަދި އަރްޖުން މާތޫރް ހިމެނެ އެވެ.