02 އޯގަސްޓް 2016 - 18:28

އަންނަ ސެޕްޓެމްބަރު މަހު މިސްރުގައި ބާއްވާ މިއުޒިކް ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވާ ގްރޫޕަކަށް މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕް ހޮވިއްޖެ އެވެ.

ހަބޭސް ފެސްޓިވަލަށް ހޮވުނުކަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ވަނީ އެ ބޭންޑަށް އަންގައިފަ އެވެ.
ފެސްޓިވަލްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެންސީއޭ އިން ހުޅުވާލި ފުރުސަތަށް މުއްދަތު ހަމަވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
މިސްރުގެ ކަލްޗަ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" އޮންނާނީ އަންނަ މަހުގެ 20-27 އަށެވެ.
ކައުޗް ސާފިން އިޖިޕްޓްގެ އެހީތެރިކަމާ އެކު މި އަހަރު ބާއްވާ ފެސްޓިވަލް ވެގެން ދާނީ މި ފެސްޓިވަލްގެ ހަތް ވަނަ އަހަރަށެވެ.
ފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްގެ މެމްބަރުންނަށް ދަތުރުފަތުރާއި ތިބުމުގެ ހަރަދު ހަމަޖައްސަނީ މިސްރުގެ ކަލްޗާ މިނިސްޓްރީންނެވެ. މި މިއުޒިކް ފެސްޓިވަލްގައި ބޭނުން ކުރެވޭނީ ހަމައެކަނި ސަގާފީ ހެދުމާއި، މިއުޒިކު ކުޅެން ބޭނުން ކުރާ ސަގާފީ އާލާތްތަކެވެ.
ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ ފެސްޓިވަލުން ފުރުސަތު ލިބުމަކީ ބޭންޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ފެސްޓިވަލަށް ވަރަށް ބޮޑަށް ތައްޔާރު ވާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ މިކަހަލަ އިންޓަނޭޝަނަލް ފެސްޓިވަލަކުން ހަބޭސް އަށް ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު. އެހެންވެ ވަރަށް އުފަލުން މި ތިބީ. ވަރަށް ރެޑީވެގެެން ފެސްޓިވަލަށް ފުރައިގެން ދާނީ،" އައްޔަ ބުންޏެވެ.
އޭނާ ބުނީ ފަންނުވެރިން ކުރިއަރުވަން އެންސީއޭ އިން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވެސް ފާހަގަކުރާ ކަމަށެވެ.
"އެހެންވެ ވަރަށް ބޮޑު ޝުކުރެއް އަދާ ކުރަން ބޭނުންވޭ އެންސީއޭ އަށް،" އައްޔަ ބުންޏެވެ.
ހަބޭސް ކުޑައިގެ ދަށުން ބޮޑުބެރުގެ އިތުރުން ޕޮޕް ބޭންޑް "ހަބޭސް ޕޮޕް" އާއި ހެވީ މެޓަލް ބޭންޑް "ގްރެވިޓީ" ވެސް ހިންގަ އެވެ.