04 އޯގަސްޓް 2018 - 18:21

އިސްލާމްއާބާދު (އޮގަސްޓް 4) - ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ އިމްރާން ޚާން އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.
ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އަށް އަންނަ އަންގާރަ ދުވަހު އިމްރާން ޚާން، 65، ހާޒިރު ކުރަނީ ޚައިބަރު ޕަކްތުންކުވާގެ ސަރަހައްދީ ސަރުކާރުން ހެލިކޮޕްޓަރުތަކެއް ގަވާއިދު ޚިލާފަށް ބޭނުންކޮށްގެން ލިބުނު ގެއްލުމުގެ މައްސަލައިގަ އެވެ. ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ޚައިބަރު ޕަކްތުންކުވާ ޕްރޮވިންސްގެ ވެރިކަމުގައި އޮތީ އިމްރާން ޚާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) އެވެ.
އިމްރާން ޚާން ވިދާޅުވީ އޭނާގެ ޕާޓީން އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިވާ ނުވާނެ ކަމަށާއި އެއީ ސިޔާސީ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށެވެ.
އެންއޭބީ އަށް ޖުލައި 18 ވަނަ ދުވަހު ހާޒިރުވާން ވެސް އިމްރާން ޚާން އަށް ކުރިން އެންގި އެވެ. ނަމަވެސް އިންތިޚާބު ބޯމަތިވެފައި އޮތުމުން އިމްރާން ޚާންގެ ވަކީލުން ވަނީ އާއްމު އިންތިޚާބުގެ ފަހުން ތާރީޚެއް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.
ޚައިބަރު ޕަކްތުންކުވާގެ ޕީޓީއައިގެ ކުރީގެ ޗީފް މިނިސްޓަރާއި އެ ޕާޓީގެ ސީނިއާ ހަތަރު އޮފިޝަލަކު ކުރިން ވަނީ އެންއޭބީ އަށް ހާޒިރުވެ ބަޔާންދީފަ އެވެ.
ޖުލައި 25 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދި ޕީޓީއައިގެ ލީޑަރު ބޮޑު ވަޒީރުކަމުގެ ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ މި މަހު 11 ވަނަ ދުވަހު އެވެ.