ސްޓީވެން ސްޕީލްބާގްގެ ޕްރޮޖެކްޓެއް ހިލަރީ ކްލިންޓަނާ އެކު
ސްޓީވެން ސްޕީލްބާގްގެ ޕްރޮޖެކްޓެއް ހިލަރީ ކްލިންޓަނާ އެކު

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް އޮބާމާ ނެޓްފިލްސްއާ ގުޅިގެން ހައި ޕްރޮފައިލް ޝޯތަކެއް ގެނެސް ދޭން ނިންމާފައިވާ އިރު، އަނެއްކާ ވެސް އެމެރިކާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކު މުނިފޫހި ފިލުވުމުގެ މަސައްކަތާ ގުޅިވަޑައިގެންފި އެވެ.

އޮބާމާގެ ވެރިކަމުގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި އަދި އެންމެ ފަހުން ބޭއްވި އެމެރިިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ހިލަރީ ކްލިންޓަން އަތުގުޅާލައިފައި ވަނީ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްއާ އެވެ.

އެލިން ވައިސް ދާދި ފަހުން ނެރުނު ފޮތް "ދަ ވުމަންސް އަވާ: ދަ ގްރޭޓް ފައިޓް ޓް ވިން ދަ ވޯޓް" އަށް ބިނާކޮށް ސްޕީލްބާގް ގެނެސް ދޭން ނިންމާފައިވާ އުފެއްދުމުގެ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ޒިންމާ ހިލަރީ ނަންގަވާނެ އެވެ.

ހިލަރީއާ އެކު މީގައި ދެން ހިއްސާވަނީ ލިޔުންތެރިޔާ އެލިން އާއި ސްޕީލްބާގްގެ އެމްބްލިން ޓެލެވިޝަންގެ ދެ ކޯ-ޕްރެޒިޑެންޓުން ކަމަށްވާ ޑެރީލް ފްރޭންކް އާއި ޖަސްޓިން ފެލްވީ އެވެ.

މި އަހަރުގެ މާޗްގައި ނެރުނު "ދަ ވުމަންސް އަވާ" އަކީ އަންހެނުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިދިނުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ.

"ދަ ވުމަންސް އަވާ" ބެލުންތެރިންނަށް ގެނެސް ދޭނީ ފިލްމެއްގެ ސިފައިގައިތޯ ނޫނީ މިނީ ސީރީޒެއްގެ ގޮތުގައިތޯ އަދި ނުނިންމަ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން މީތި ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު ބޮޑީ ސްޓްރީމިން ސާވިސްއެއްގެ ތެރެއިން ވެބް ސީރީޒެއްގެ ގޮތުގަ އެވެ. އެކަމަކު ފެންނާނެ އިރެއް އަދި ނޭނގެ އެވެ.

"ދަ ވުމަންސް އަވާ" ގެ ސްކްރިޕްޓް ލިޔާނެ މީހަކާއި މީގެ ޑައިރެކްޓަރާއި ކާސްޓުންނަކީ ކޮބައިކަން ވެސް އިއުލާނެއް ނުކުރެ އެވެ.

މި މަސައްތުގައި ހިލަރީ ހިއްސާވެވަޑައިގަންނަވާ އިރު، ފިރިކަލުން އަދި ކުރީގެ ރައީސް ބިލް ކްލިންޓަނާއި ޖޭމްސް ޕެޓާސަން މިދިޔަ ޖޫން މަހު ނެރުނު "ދަ ޕްރެޒިޑެންޓް އިޒް މިސިން" ވެސް ސީރީޒެއްގެ ގޮތުގައި ޝޯޓައިމް އިން ގެނެސް ދޭން ވަނީ ނިންމައިފަ އެވެ.