04 އޯގަސްޓް 2018 - 13:15

ޖިއްދާ (އޮގަސްޓް 4) - އަލް ގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަކީ ޅަ އިރު ބަސްއަހާ، ރަނގަޅު ކުއްޖެއް ކަމަށް އޭނާގެ މަންމަ އާލިއާ ޣަނީމް ބުނެފި އެވެ.
އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހަމަލާ ދީ ބިން ލާދިން މަރާލިތާ ހަތް އަހަރު ފަހުން، ފިރިހެން ދަރިފުޅާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން އާލިއާ ބުނީ އެއީ ބޮޑު ވަމުން ދިޔަ ދުވަސްވަރު ލަދުރަކި، ބަސްއަހާ، ކިޔަމަންތެރި ކުއްޖެއް ކަމަށެވެ. އެކަމަކު ހަރުކަށިވެ ހައްދުހަނަޅައި ދިޔައީ ޔުނިވާސިޓީގައި ކިޔެވި ދުވަސްވަރު ބަޔަކު އޭނާގެ "ސިކުނޑިދޮވެލުމުން" ކަމަށް އާލިއާ ބުންޏެވެ.
ބިން ލާދިންގެ އާއިލާއާ އިން ބުނެފައި ވަނީ އެންމެ ފަހުން އޭނާއާ ބައްދަލުވެފައި ވަނީ 1999 ވަނަ އަހަރު ކަމަށެވެ. އޭރު ބިން ލާދިން އުޅުނީ އަފްޣާނިސްތާނުގަ އެވެ. އޭގެ ދެ އަހަރު ފަހުން ވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާ ދީފަ އެވެ.
އެ ދުވަސްވަރު ބިން ލާދިން އަށް ތުހުމަތުކޮށްފައި ވަނީ ދުނިޔެ އަށް ހުރި ބޮޑު ބިރުވެރި ޓެރަރިސްޓެއްގެ ގޮތުގަ އެވެ.
"އެއީ މުޅި އާއިލާ އަށް ވެސް ލިބުނު ބޮޑު ހައިރާން ކަމެއް. ބިން ލާދިން އެފަދަ މަގަކުން ދާންވީ ކީއްވެ؟" ޖިއްދާގައި ހުންނަ ބިން ލާދިންގެ އާއިލީ ގޭގައި އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުންޏެވެ.
އާލިއާ ބުނީ އޭނާގެ ދަރިފުޅު ގޯސް މަގަށް އެޅުވީ ކިޔަވަމުން ދިޔަ ދުވަސްވަރު އެކުގައި އުޅުނު މުސްލިމް ބްރަދާހުޑަށް ނިސްބަތްވާ މީހުން ކަމަށެވެ.
ބިން ލާދިންގެ ބައްޕަ މުހައްމަދު ބިން އައުޟު ބިން ލާދިން ވަނީ ބިން ލާދިން އުފަންވިތާ ތިން އަހަރު ފަހުން އާލިއާ ވަރިކޮށްފަ އެވެ. ބިން ލާދިންގެ ބައްޕަގެ ބާވީސް ވަރަކަށް ކައިވެންޏަށް ވަނީ 50 އަށް ވުރެ ގިނަ ކުދިން ލިބިފަ އެވެ. ބިން ލާދިންގެ ބައްޕަ މަރުވީ އުމުރުން 59 އަހަރުގައި 1969 ވަނަ އަހަރު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގަ އެވެ.
ބިން ލާދިންގެ އާއިލާ އިން ބުނީ ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް ފަހު އެ އާއިލާއާ ސައުދީ ސަރުކާރުން ސުވާލު ކުރި ކަމަށެވެ. އަދި އެ އާއިލާގެ ދަތުރުތައް ކުރުން މަދުވެ ބޭރު ގައުމުތަކުގައި ދިރިއުޅުނު އާއިލާގެ މެންބަރުން އެނބުރި ސައުދީ އަށް އަންނަން ޖެހުނު ކަމަށް ވެސް ބުންޏެވެ.
އިމާރާތް ކުރުމުގެ ވިޔަފާރިން މުއްސަނދިވެފައިވާ ބިން ލާދިންގެ އާއިލާ އަކީ ސައުދީގައި ނުފޫޒް ގަދަ ބައެކެވެ. ސައުދީ ބިން ލާދިން ގްރޫޕަކީ މިއަދު ވެސް ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެވެ. އެއީ ސައުދީ ޝާހީ އާއިލާ އަށް ނިސްބަތް ނުވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި ވެސް މެ އެވެ.
* 1957 - އުފަންވީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި. އުމުރުން ވަރަށް ޅަ އިރު މަންމަ އާއި ބައްޕަ ވަނީ ވަކިވެފައި. ބިން ލާދިން ކިޔެވީ ޖިއްދާ އިން. އޭގެ ފަހުން އަފާޣާނިސްތާނުގައި ހަރަކާތްތެރިވި ސޯވިއެޓް ސިފައިންނާ ބައިވެރިވި.
* 1988 - އަލް ގައިދާ އުފެއްދި.
* 1989 - ސޯވިއެޓް ސިފައިން އަފްޣާނިސްތާނުން ފޭބުމުން އެނބުރި ސައުދީ އަށް ދިޔަ. ސައުދީން ފޮނުވާލުމުން ދެން ދިޔައީ ސޫދާނަށް. އޭގެ ފަހުން އަނެއްކާވެސް އަފްޣާނިސްތާނަށް ދިޔަ.
* 1993 - އާއިލީ ވިޔަފާރިން ބިން ލާދިން ވަކިކުރި. އަދި ސައުދީ ސަރުކާރުން ވެސް ވަނީ އޭނާގެ ރަށްވެހިކަން ބާތިލްކޮށްފައި.
* 1996 - އެމެރިކާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރި.
* 1998 - އެމެރިކާ މީހުންނާއި ޔަހޫދީން މަރަން ފަތުވާ ނެރުނު. ނައިރޯބީ އާއި ދާރުއް ސަލާމްގައި އެމެރިކާ އެމްބަސީ އަށް ދިން ނުރައްކާ ހަމަލާގެ ޒިންމާ އަލް ގައިދާގެ ބޮލުގައި އެޅުވި.
* 2000 - ޔަމަނުގެ ބަނދަރުގައި އޮތް އެމެރިކާގެ މަނަވަރަކަށް ހަމަލާ ދިން.
* 2001 - އެމެރިކާގެ ހަތަރު އެއާލައިން ހައިޖެކްކޮށް ނިއު ޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަނަށް ހަމަލާ ދިން. ގާތްގަނޑަކަށް 3،000 މީހުން މަރުވި.
* 2011 - އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ބިން ލާދިން މަރާލި.