ކޮލަސިނަޗް ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް
ކޮލަސިނަޗް ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

ލަންޑަން (އޮގަސްޓް 4) – އާސެނަލްގެ ވާތު ބެކް ބޮސްނިއާގެ ސައިދު ކޮލަސިނަޗުގެ ކަކުލަށް އަނިޔާވެ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިއާ އަށް އަނިޔާވީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ބުދަ ދުވަހު ޑަބްލިންގައި ޗެލްސީ އަތުން މޮޅުވި މެޗުގަ އެވެ.

ކޮލަސިނަޗަށް އަންނަ ހަފުތާގައި ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި އާސެނަލް ކުޅޭ ފުރަތަމަ އަށް މެޗު ގެއްލޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ ދެ މެޗާއި ލީގު ކަޕުގެ މެޗެއް ވެސް ގެއްލޭނެ އެވެ. އެންމެ އަވަހަށް ވެސް ކުޅެވޭނީ އޮކްޓޯބަރު 20 ގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

ޝާލްކާ އިން ހިލޭ ޓްރާންސްފާއެއްގައި މިދިޔަ ސީޒަނުގައި އާސެނަލާ ގުޅުނު ކޮލަސިނަޗް މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭނާ ނެތުމަކީ އާ ކޯޗު އުނައި އެމެރީ އަށް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ.

ކުޑަކަޅުވާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޗެލްސީއާ ދެކޮޅަށް ނުކުޅެވުނު ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީ އަންނަ ހަފުތާގައި ތަމްރީންތަކަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ލީގުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭއިރު ރަމްސީ އަށް ބައިވެރިވެވޭނެ ކަމަސް ލަފާނުކުރެވެ އެވެ.