07 އޯގަސްޓް 2018 - 07:31

އާމިރު ހާންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ސަރްފަރޯޝް" ގެ ދެވަނަ ބައި ޖޯން އަބްހަރަމް ލީޑް ރޯލަށް ލައިގެން ހަދަން ނިންމައިފި އެވެ.
ޖޯން މެތިއު މަތަން ޑައިރެކްޓްކޮށް 1999 ގައި ގެނެސްދިން ފިލްމްގެ ދެވަނަ ބައި ގެނެސް ދޭނީ ޖޯން ހިމަނައިގެން ކަމަށް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައި ވަނިކޮށް އޭނާ ވަނީ ފިލްމަށް ސޮއިކުރިކަން ކަށަވަރު ވެސްކޮށް ދީފަ އެވެ.
ޖޯން ބުނި ގޮތުގައި "ސަރްފަރޯޝް" ގެ މައިގަނޑު ޕްލޮޓް ދެވަނަ ބައިގައި ވެސް އާ ކުރަން ނިންމި ނަމަވެސް ފިލްމްގެ ކެރެކްޓާތައް މި ފަހަރު ތަފާތު ވާނެ އެވެ. އޭނާ ބުނި ގޮތުގައި އާމިރް ކަހަލަ މޮޅު އެކްޓަރަކު ކުޅެފައިވާ ފިލްމެއްގެ ދެވަނަ ބަޔާ ހަވާލުވުމަކީ ޗެލެންޖަކަށް ވާނެ އެވެ.
ނަމަވެސް ފިލްމަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދޭން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. ޖޯން ބުނީ އާމިރް ކުޅުނު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) އަޖޭ ސިންގް ރާތޯޑްގެ ކެރެކްޓާ މި ފަހަރު އޭނާގެ ކޮނޑުގައި އެޅުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
ޑައިރެކްޓަރު ޖޯން ބުނި ގޮތުގައި "ސަރްފަރޯޝް" ގެ ދެވަނަ ބައިގެ ސްކްރިޕްޓް މިހާރު އޮތީ ނިމުމުގެ މަރުހަލާގަ އެވެ. އަދި އެ މަސައްކަތް އެއްކޮށް ނިމުމުން، ފިލްމް ރަސްމީކޮށް އިއުލާންކޮށް، ޝޫޓިން އަށް ތައްޔާރު ވާނެ ކަމަށް ބުންޏެވެ.
އާމިރާ އެކު "ސަރްފަރޯޝް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ކެންސަރަށް މިހާރު ފަރުވާ ހޯދަމުން އަންނަ ބަތަލާ ސޮނާލީ ބެންޑްރޭ އާއި ނަސީރުއްދީން ޝާހެވެ. މި ފިލްމްގައި ކިޔައި ދިނީ ޓެރަރިސްޓުންތަކެއްގެ އަތްދަށުން ގައުމު ސަލާމަތްކުރަން މަސައްކަތް ކުރާ ހިތްވަރު ގަދަ ފުލުހެއްގެ ވާހަކަ އެވެ.
"ސަރްފަރޯޝް" އަކީ ބޮކްސް އޮފީހުގައި 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. އެ ފިލްމް ހަދަން ހަރަދު ކުރީ 3.6 މިލިއަން ޑޮލަރެވެ.
"ސަރްފަރޯޝް" ގެ ދެވަނަ ބަޔަށް ޖޯން، 45، ސޮއި ކުރި އިރު ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއް ކުރި އޭނާގެ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އަށް ފަހު، މި މަހުގެ 15 ގައި ރިލީޒް ކުރާ "ސަތިޔަމޭވް ޖަޔަތޭ" އިން ވެސް ޖޯން ފެނިގެން ދާނެ އެވެ.
ރޮބީ ގެރެވާލްގެ ސްޕައި ތުރިލާ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ޖޯން ސޮއިކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ނިކިލް އަދްވާނީގެ "ބަތުލާ" ވެސް ހިމެނެ އެވެ.