37 މިލިއަން ޕައުންޑަށް ސާނޭ ސިޓީ އަށް ބަދަލުވެއްޖެ
37 މިލިއަން ޕައުންޑަށް ސާނޭ ސިޓީ އަށް ބަދަލުވެއްޖެ

މެންޗެސްޓާ (އޮގަސްޓް 2) - ޝާލްކާ އަށް ކުޅޭ ޖަރުމަނުގެ އުއްމީދީ މިޑްފީލްޑަރު ލިރޯއީ ސާނޭ 37 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ސާނޭ ސިޓީ އަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސާނޭ ބުނީ ސިޓީ އަށް ބަދަލުވީ ގާޑިއޯލާގެ އެދުމުގެ މަތިން ކަމަށެވެ.

"ސިޓީ އަށް އަހަރެން ގެންނަން ގާޑިއޯލާ ވަރަށް މުހިއްމު ދައުރެއް އަދާކުރި. ގާޑިއޯލާ އަކީ ކުޅުންތެރިން ކުރިއެރުވުމަށް އެހީތެރިވާން ދަންނަ މޮޅު ކޯޗެއް. ގާޑިއޯލާގެ އިރުޝާދުގެ ދަށުން އަހަންނަން ސިޓީގައި މޮޅު ކުޅުންތެރިއަކަށް ވެވޭނެ،" ސިޓީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސާނޭ ބުންޏެވެ.

ވިންގަކަށް ކުޅޭ ސާނޭ ވަނީ ޝާލްކާ އަށް މިހާތަނަށް ޖަރުމަނު ލީގުގައި ކުޅުނު 47 މެޗުން 11 ލަނޑު ޖަހައި، ހަތް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސާނޭ އަކީ މި ފަހަރު ޔޫރޯގައި ވާދަކުރި ޖަރުމަނު ގައުމީ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.

ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން ސެލްޓަ ވިގޯގެ ފޯވާޑް ނޮލީޓޯ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ވަނީ އެ ޓީމަށް ބަދަލުވެފަ އެވެ. ސިޓީން އަންނަނީ އެވަޓަންގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ވެސް ފާރަލަމުންނެވެ.

ސާނޭ ސިޓީއާ ގުޅުމުން ސިޓީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ސާމިރް ނަސްރީގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.