"ކޯޓުއާ އާއި ވިލިއަން މަޑުކުރުމުގެ އުއްމީދު އެބައޮތް"
"ކޯޓުއާ އާއި ވިލިއަން މަޑުކުރުމުގެ އުއްމީދު އެބައޮތް"

ލަންޑަން (އޮގަސްޓް 4) – ޗެލްސީގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި މިޑްފީލްޑަރުން ވިލިއަން ކްލަބުގައި މަޑުކުރުވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ އާ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ނަޕޯލީގެ ކުރީގެ ކޯޗު ޗެލްސީއާ ހަވާލުވެ ގެނައި ނަން މަޝްހޫރު ހަމައެކަނި ކުޅުންތެރިއަކީ އޭނާގެ ކޯޗުކަމުގެ ދަށުން ނަޕޯލީ އަށް ކުޅުނު އިޓަލީގެ ޖޯޖީނިއޯ އެވެ. އެކަމަކު އެއަށް ވުރެ ކަންބޮޑުވާން ޖެހުނީ ޕްލޭމޭކަރު އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ގޮސްދާނެތީ އެވެ. އެކަން ނުވާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު އަދިވެސް ފަހަރުގައި ކޯޓުއާ އާއި ވިލިއަން ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

"ކޯޓުއާ އަކީ މި ޓީމުގެ ގޯލްކީޕަރު، އަހަންނަށް ނޭގޭ ކުރިމަގުގައި ވާނެ ގޮތެއް. އެކަން ބިނާވަނީ ކްލަބަށް އަދި ހާއްސަކޮށް އޭނާ އަށް އަހަރެން ދެކޭ ގޮތުގައި. އަހަރެން އުއްމީދުކުރަން (މި ސީޒަނުގައި ވެސް) ކޯޓުއާ އަހަރެމެންގެ ގޯލްކީޕަރަކަށް ވާނެ ކަމަށް. އަހަންނަށް އެ އިތުބާރު އެބައޮތް،" ސާރީ ބުންޏެވެ.

ސާރީ ބުނީ ވިލިއަންއާ އޭނާ މަޝްވަރާތަކެއް ބޭއްވި ކަމަށާއި އެކަމަކު އެއީ އޭނާގެ ކުރިމަގާ ބެހޭގޮތުން ނޫން ކަމަށެވެ. އެ ބައްދަލުވުމަކީ ޕްރީ ސީޒަން ތަމްރީންތަކަށް ވިލިއަން ހާޒިރުވުން ލަސްވުމުން ބޭއްވި ބައްދަލުވުމެކެވެ. އެންގި ދުވަހަށް އޭނާ އަށް ހާޒިރުނުވެވުނީ ޕާސްޕޯޓް މައްސަލައެއް ޖެހިގެންނެވެ.

"އެއީ ވަރަށް ޕޮޒިޓިވްކޮށް ދިޔަ ވާހަކަތަކެއް. އަހަރެން ވަރަށް އުފާވެފައި މިހިރީ އެކަމާ. ވިލިއަންގެ އެއްވެސް މައްސަލައެއް ނެތް،" ސާރީ ބުންޏެވެ.

ސާރީގެ ރަސްމީ ފުރަތަމަ މެޗުގައި މާދަމާރޭ ކޮމިއުނިޓީ ޝީލްޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ސާރީ ކުޅުވާ ސްޓައިލަށް ވަރަށް ގަޔާވާ ކޯޗެކެވެ.

"ގާޑިއޯލާ އަކީ އަހަރެންގެ ރަށްޓެއްސެއް. އޭނާ އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ކޯޗު ނުވަތަ އެންމެ މޮޅު އެއް ކޯޗު. އުނދަގޫ މެޗެއް މިއީ. އެ ޓީމު އެއޮތީ ދެ އަހަރު އެއްކޮށް މަސައްކަތްކޮށްފައި. އަހަރެމެން މި މަސައްކަތްކުރީ ދެ ހަފުތާ ބައި،" ސާރީ ބުންޏެވެ.

އޭނާ ބުނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ފުރަތަމަ ފަހަރަށް މެޗަކަށް ނުކުމެވޭތީ އުފާވާ ކަމަށާއި މިހާ ކުރީކޮޅު ތަށްޓެއް މުހިއްމުވާތީ މޮޅުވާން ކޮންމެހެން ބޭނުންވާ ކަމަށެވެ.