04 އޯގަސްޓް 2018 - 10:49

ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނަރަކަށް ޔޫރަޕްގެ ގިނަ ގައުމުތަކުގައި މަސައްކަތްކޮށްފައިވާ މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރް ގެނެސްފި އެވެ.
ކްރުނިޗް ވަނީ ގައުމީ ޓީމުގެ ކޯޗަކަށް މިހާރު ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓާއި އެސިސްޓަންޓް އަކަށް ހުރި ބެލްޖިއަމްގެ ގެލާ ޝެކިލާޒޭއާ އެކު އަފްގާނިސްތާނުގެ ގައުމީ ޓީމުގައި މަސައްކަތްކޮށްފަ އެވެ.
ފިޒިކަލް ފިޓްނަސް އެންޑް ކޯޗިން އިން ޔޫރަޕްގެ އެންމެ މަތީ ލައިސަންސް ހޯދާފައިވާ ކްރުނިޗް މީގެ ކުރިން ވަނީ ޔޫރަޕްގެ އެކި ކުޅުންތެރިންގެ ޕާސަނަލް ފިޓްނަސް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި މޮންޓަނެގްރޯ ގައުމީ ޓީމަށް ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ސްޓެވަން ޖޮވެޓިޗާއި ސްޓެފަން ސަވިޗް ހިމެނެ އެވެ.
އޭނާ ވަނީ މޮންޓަނެގްރޯގެ ބައެއް ކްލަބްތަކުގެ ފިޓްނަސް ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. އެންމެ ފަހުން އޭނާ މަސައްކަތްކުރި ކްލަބަކީ އިންޑޮނީޝިއާގެ އެއް ވަނަ ޑިވިޝަން ކްލަބް ބޯނެއޯ އެފްސީގަ އެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ސެގާާޓް ހަވާލުވެ މިހާތަނަށް ދެ މެޗެއް ވަނީ ކުޅެފަ އެވެ. އެ ދެ މެޗު ކުޅުނީ އެންމެ އެކަށީގެންވާ ވަރަށް ޕްރެކްޓިސްތަކެއް ނުކޮށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އެ ދެ މެޗުން ލިބުނު ތަޖުރިބާގެ އަލީގައި އޭނާ ވަނީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އޭނާ ބޭނުންވާ ޕްރެސިން ގޭމް ކުޅެވޭނީ ކުޅުންތެރިންގެ ފިޓްނަސް ވަކި ލެވެލަކަށް ގެނެސްގެން ކަމަށް ވެސް އޭރު ވަނީ ބުނެފަ އެވެ.
މީގެ ކުރިން ގައުމީ ޓީމުގެ ކޯޗަކަށް ނިއު ޒީލެންޑުގެ ރިކީ ހާބަޓް ހުރިއިރު އޭނާ ވެސް ވަނީ ޔޫރަޕްގެ ގިނަ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ޓްރެއިނަރެއް ކަމުގައިވާ މިލާން މިރިޗް ގެނެސްފަ އެވެ.
ގައުމީ ޓީމުން 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު ޕްރެކްޓިސްތައް ފަށާފައިވާއިރު، އަންނަ ހޯމަ ދުވަހު ގަތަރުގެ ޓްރެއިނިން ކޭމްޕަށް ދާނީ 27 ކުޅުންތެރިންނާ އެކު އެވެ. ގަތަރު ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމަށް ފަހު 20 ކުޅުންތެރިންގެ ފައިނަލް ސްކޮޑާ އެކު ޓީމު ސީދާ ދާނީ ސާފް ސުޒުކީ ކަޕް (ޗެމްޕިއަންޝިޕް) ކުޅެން ބަންގްލަދޭޝް އަށެވެ.
ގަލޮޅު ދަނޑުގައި ޕްރެކްޓިސް ކުރެވެން ނެތުމުން ޓާފް ދަނޑުގައި ފަރިތަކުރުންތައް ބާއްވަން ޖެހޭތީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްގެން ވާނެ ކަމެއް ނެތް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.
ސާފްގައި ރާއްޖެ އޮތީ އިންޑިއާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ. މުބާރާތް ކުރިއަށްދާނީ އަންނަ މަހު 4 އިން 15 އަށެވެ.