04 އޯގަސްޓް 2018 - 07:32

ކަސްރަތުގެ ޕްރޮގްރާމްތައް ބަރާބަރަށް ކުރިއަށް ގެންދިޔުމުގައި މިހާރު ގިނަ ބަޔަކު އެހީތެރިކަން ހޯދަނީ އެކި ނަންނަމުގައި ހުންނަ އެޕްތަކުންނެވެ. ސްޓްރާވާއަކީ ދުނިޔޭގެ ފެންވަރުން ފާހަގަކުރެވޭ އެޕެކެވެ. މީގެ ޕްރީމިޔަމްއަކީ އަތްފޯރާ އަގެއްގައި ލިބެން ހުރި އެއްޗަކަށް ނުވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ނިޔަތުގައި ސްޓްރާވާއިން މިހާރު ވަނީ މީގެ އާ ޕެކެޖްތަކެއް ތައާރަފްކޮށްފައެވެ.
ސްޓްރާވާއަކީ އެޕް ސްޓޯރުގައި ހިލޭ ޑައުންލޯޑުކުރެވޭ އެޕެކެވެ. އެކަމަކު ސްޓްރާވާ ސަމިޓްގެ ނަމުގައި މިފަހަރު އާންމުކުރި ކަސްރަތު އެޕް، އެޕްސްޓޯރުގައި ތިން ގޮތަކަށް ވިއްކަން ހުރެއެވެ. އެއީ ޓްރެއިނިން ޕެކާއި ސޭފްޓީ ޕެކާއި އެނެލިސިސް ޕެކެވެ. މިއީ ކުރީގެ ޕްރީމިޔަމް ޕެކް ބައިބައިކޮށްލައިގެން އުފެއްދި ވަކި ތިން ޕެކޭޖެވެ. ބޭނުމަކީ އެމީހަކާ އެންމެ ގުޅޭ ކަސްރަތު ޕްރޮގްރާމެއް ހޯދައިދިނުމެވެ.
މި ޕެކެޖްތަކުގެ މެމްބަރޝިޕް ވަކިން ނުވަތަ އެއްކޮށް ވެސް ގަނެވެއެވެ. ތިން ޕެކް އެއްކޮށް ގަންނަ ނަމަ މަހަކު 8ޑޮލަރެވެ. އަދި އަހަރަކަށް ތިން ޕެކް އެއްކޮށް ވިއްކަނީ 60 ޑޮލަރަށެވެ. ވަކިން ޕެކް ގަންނަންޏާ ޕެކެއް ވިއްކަނީ މަހަކު ތިން ޑޮލަރަށެވެ. އަހަރީ ފީއަކީ 24 ޑޮލަރެވެ. މިއީ ސްޓާރާވާ އެޕްތްކުގެ ތެރޭން އެމީހަކު އިޚުތިޔާރުކުރާ އެޕެއް ޚަރަދުކުޑަކޮށް ހޯދުމަށް އޮތް ފުރުސަތެކެވެ.
ސްޓްރާވާ ސަމިޓްގައި ހިމެނޭ ޓްރެއިނިންގް ޕެކަކީ ހުރިހާ ފެންވަރެއްގެ އެތުލީޓުންނަށް ޚާއްސަ ޕެކޭޖެކެވެ. މީގައި ޓްރެއިނިން ޕްލޭނާއި ޖީޕީއެސް ޓްރެކްކުރެވެން ހުރެއެވެ. އަދި އެމީހަކު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ވެސް އިޚްތިޔާރުކުރެވެއެވެ. އޭގެތެރޭގައި ވަގުތާއި ރާސްތާ އާއި ގައިގެ ބާރު ދެނެގަނެވެން ހުރެއެވެ. އަދި މި އެޕް ފަރުމާކޮށްފައިވަނީ އެ ބައިތައް އިތުރަށް ރަގަޅުކުރަން ހިތްވަރު ލިބޭނެ ފަދަ ގޮތަކަށެވެ.
އެނެލިސިސް ޕެކްއަކީ މައިގަނޑު ގޮތެއްގައި ތިމާގެ ފެންވަރު ވަޒަންކުރާ އެޕެކެވެ. ކަސްރަތު ކުރެވުނު މިންވަރު އަންގައިދޭ ވަކްއައުޓް އެނެލިސިސް އާއި ކަސްރަތުކޮށްގެން ލިބުނު ފައިދާ އާއި ކުރިއެރުން އަންގައިދޭ ފިޓްނަސް އެންޑް ފްރެޝްނެސް ބައި މީގައި ހިމެނެއެވެ. މި އެޕް ބޭނުންކުރާ އެހެން މީހުންނާ ވަގުތުން ވާދަކުރެވޭތީ ގަވައިދުން ކަސްރަތު ކުރުމަށް މި ޕެކޭޖުން ހިތްވަރުދެއެވެ.
ސްޓްރާވާ ސަމިޓްގައި ހިމެނޭ ސޭފްޓީ ޕެކް އަމާޒުކޮށްފައިވަނީ ރަށުތެރެއަށް ނުކުމެ ކުރާ އެކި ކަހަލަ ކަސްރަތުތަކަށެވެ. މީގެ ތެރޭގައި ބައިސްކަލު ދުއްވުމާއި ފަރުބަދަމަތީ ދުވަންދިޔުން ފަދަ ކުޅިވަރުތައް ހިމެނެއެވެ. މީގައި ހިމެނޭ އެންމެ ހާއްސަ ސިފައަކީ ރައްކާތެރިކަމުގެ ގޮތުން ތިމާ އުޅޭ ހިސާބު، އެކުވެރިންނަށް އަންގައިދެވޭކަމެވެ. މި ޕެކޭޖް އުފައްދާފައިވަނީ ކުޅިވަރުގައި އުޅުމުގެ ތެރޭގައި މަގެއްގެ އެއްފަރާތުގައި ހުއްޓި ހުންނަންޖެހުނަސް، ކުރިއަށް ނުދެވި ހުއްޓަސް، ނުރައްކަލަކާ ކުރިމަތިވިޔަސް އެކަނިވެރިނުވާނެ ގޮތަކަށެވެ.
ސްޓްރާވާ، ހިލޭ ޑައުންލޯޑުކުރެވޭނެއެވެ. ގަންނަންޖެހޭނީ މި އެޕްތަކެވެ.