އިބޫގެ ކެމްޕޭނުގައި މައުމޫން، ނަޝީދު، ގާސިމް، އިމްރާންގެ ފޮޓޯ ވެސް!
އިބޫގެ ކެމްޕޭނުގައި މައުމޫން، ނަޝީދު، ގާސިމް، އިމްރާންގެ ފޮޓޯ ވެސް!

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕޭންގެ ޕޯސްޓަރު ހަރުކުރުން މިއަދު ރަސްމީކޮށް ފެށިއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިބޫ އާއި އޭނާގެ ރަނިން މޭޓް ފައިސަލް ނަސީމުގެ އިތުރުން އިދިކޮޅު ހަތަރު ލީޑަރުންގެ ފޮޓޯތައް ވެސް އޭގައި ހިމެނުމެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފޮޓޯ ވެސް މި ކެމްޕޭންގައި ބޭނުންކުރަނީ، އިދިކޮޅު ކޯލިޝަންގެ ބައެއް މީހުން ބުނާ ގޮތުގައި، މިއީ ވަރުގަދަ ކޯލިޝަނެއްކަން ދެއްކުމަށެވެ.

ހަތަރު ލީޑަރުންގެ ތެރެއިން މައުމޫން ހުންނެވީ ޖަލުގަ އެވެ. ހުކުމެއްގައި ތިއްބެވި ނަޝީދާއި ގާސިމް އުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ރާއްޖެ އިން ބޭރުގަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ އިމްރާން މި ވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.

ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތް މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ފައްޓަވައި ދެއްވީ އިބޫ އާއި ފައިސަލް އެވެ. އަދި ކޯލިޝަންގެ އިސް އެހެން ބޭފުޅުން ވެސް މިކަމުގައި ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ހަރަކާތަށް ފުލުހުން އެއްވެސް ހުރަހެއް އަޅާފައެއް ނުވެ އެވެ.

އިދިކޮޅުގެ ކެންޑިޑޭޓަކަށް އިބޫ ވެވަޑައިގަތުމުގެ ކުރިން އެމްޑީޕީން، ނަޝީދުގެ ޕޯސްޓަރު ހަރުކުރަން އުޅުމުން ފުލުހުން ހުއްޓުވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ހަމަޖެއްސިޔަސް ސަރުކާރުގެ ވިސްނުމަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެ ކެމްޕޭން ކުރިއަށް ނުގެންދެވޭނެ ކަމެވެ.

މިއަދުގެ ހަރަކާތް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުން، ފެށުމަށް ފަހު، ޕޯސްޓަރު ހަރުކުރުމުގެ ކުރިއަށް ގެންދިޔައީ ދެ ޓީމަކަށް ބަހާލައިގެން އިބޫ އާއި ފައިސަލް އެކި ސަރަހައްދުތަކަށް ވަޑައިގެންނެވެ. ޕޯސްޓަރު ތަތް ކުރުމުގައި ދެ ބޭފުޅުން ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަތެވެ.

މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ވެސް އިބޫގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.