އަފްޣާނިސްތާނުގެ މިސްކިތަކަށް ދިން ހަމަލާގައި 29 މަރު
އަފްޣާނިސްތާނުގެ މިސްކިތަކަށް ދިން ހަމަލާގައި 29 މަރު

ކާބުލް (އޮގަސްޓް 3) - އަފްޣާނިސްތާނުގެ ޝިއައީ މިސްކިތަކަށް މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 29 މީހުން މަރުވެ 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ބުރުގާ އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ޕަކްޓިއާ ޕްރޮވިންސްގެ ގާޑޭޒް ސިޓީގެ މިސްކިތަށް ހަމަލާ ދޭން ފެށީ މިއަދުގެ ހުކުރު ވަގުތު އެވެ. އެ މީހުން ބަޑިން ހަމަލާ ދިނުމަށް ފަހު، ފަހުން ވަނީ ގައިގައި ހަރުކޮށްފައިވާ ގޮވާ އެއްޗެހިތައް ގޮއްވާލައިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ ދެ މީހުން ހަމަލާ ދޭން ފެށުމާ އެކު އޭގެ ތެރޭން އެކަކު ވަނީ ސަލާމަތީ ފަރާތްތަކުން ހަމަލާދީ މަރާލައިފަ އެވެ. ނަމަވެސް ދެ ވަނަ މީހާ ވަނީ މިސްކިތުގެ އެތެރެ އަށް ވަދެ ގޮއްވާލައިފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަ ކުދިން ވެސް ހިމެނެ އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލައިފައެއް ނުވެ އެވެ. ތާލިބާނުން ބުނެފައި ވަނީ އެއީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށެވެ. ޝިއައީ މިސްކިތްތަކަށް މީގެ ކުރިން ގިނަ ހަމަލާތައް ދީފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނެވެ.