03 އޯގަސްޓް 2018 - 11:39

ރާއްޖޭގައި ގާނޫނާ އެއްގޮތަށް ކުރިއަށް ދާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޔޫތު ވިންގުން އިސްނަގައިގެން ޒުވާނުންނާ އެކު ބޭއްވި ޕެނަލް ޑިސްކަޝަންގައި ޒުވާނަކު ކުރި ސުވާލެއްގެ ޖަވާބުގައި އިބޫ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ވެސް މަގްސަދު ކަމަށެވެ.

ރާއްޖޭގައި ގާނޫނާ އެއްގޮތަށް ފަށާފައި ހުރި ކޮންމެ އިންވެސްޓްމަންޓަކަށް ވެސް އަމަލު ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ މަޝްރޫއުއެއްގައި މައްސަލައެއް ހުރި ނަމަ، އެ ކަން ބަލައި ރިވިއުކުރަން ޖެހޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނަށް، އިދިކޮޅު ވެރިކަމެއްގައި އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"އެއް ސަރުކާރަކުން ކޮށްފައި ހުރި ކޮންޓްރެކްޓެއް، ސަރުކާރު ބަދަލުވިއޭ ކިއާފައި ބާތިލްވެގެން ދާކަށް ނުޖެހޭ ސައްހަ އެގްރީމަންޓަކަށް ވާ ނަމަ،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ވެސް ރާއްޖޭގައި މިހާރު ކުރިއަށް ދާ މެގަ ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ އެވެ. އަދި މަޝްރޫއުތައް ހުއްޓުމަކަށް އަންނަން އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ގެޓް ޓު ނޯ އިބޫ"ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޒުވާނުން ވަނީ އެކި ދާއިރާތަކުން އިބޫ އަށް ސުވާލު ކުރިމަތިކޮށްފަ އެވެ. އަދި ކޯލިޝަންގެ ވެރިކަމެއްގައި އަމަލުކުރާނެ ބައެއް ސިޔާސަތުތައް އިބޫ ވަނީ ތަފްސީލްކޮށް ހާމަކޮށް ދެއްވައިފަ އެވެ.
ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ ގޮތް ހަދާނެތޯ ޒުވާނަކު ކުރި ސުވާލުގެ ޖަވާބުގައި އިބޫ ވިދާޅުވީ ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް އޮތުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް މިހާރުގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބަދަލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާ ވެސް އެކުގަ އެވެ. އެ ދުވަހުގެ ވޯޓު ނެގުމުގެ ކުރިން، އެމްޑީޕީން ނެރުނީ ފްރީ ލައިން ވިޕެއް ކަމަށާއި އެ ވިޕްގެ ސަބަބުން އެމްޑީޕީ މެމްބަރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވޭނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އިބޫ ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުން އެ އިސްލާހަށް ވޯޓު ދެއްވާފައިވާތީ އޭގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން ނަންގަވަން ޖެހޭ ޒިންމާ ނަންގަވާ ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ 2015 ގަ އެވެ.
- އިބޫ، އީޕީއެސް އާއި މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވި.
- ސްކޫލް ނިންމެވުމަށް ފަހު، ޓީވީއެމްއާ ގުޅިވަޑައިގެން ހަބަރު ލިޔުއްވި.
- އިބޫ އޮސްޓްރޭލިއާގައި ދެ އަހަރު ވަންދެން ކޯސްތަކެއް ފުރިހަމަ ކުރެއްވި.
- މަސްވެރިން ބާނާ މަހުގެ ހަމަ އަގު ދެއްވާނަން.
- ދިވެހި މަސް ކަނޑުތަކަކީ ދިވެހިންގެ މިލްކެއް ކަމުގައި ހަދައި ދެއްވާނަން.
- ކަންކަން ކުރައްވާނީ ހަތަރު ލީޑަރުން ސޮއިކޮށް އެއްބަސްވެފައިވާ ގޮތަށް.
އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، 25 ބިލިއަން ރުފިޔާގައި ހުރި ދަރަނި، މި އަހަރު ނިމޭއިރު، 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދަރަނި އިތުރުވެގެން ދިޔައީ މެގަ ޕްރޮޖެކްޓްތައް ހިންގަން ކޮމާޝަލް ލޯން ނަގަން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަސްލު އަގަށް ވުރެ، ބޮޑު އަގުތަކުގައި މަޝްރޫއުތައް ހިންގާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަމެއްގައި އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމުގެ ގޮތުން، އިންވެސްޓްމަންޓުތަކަށް ރައްކާތެރިކަން ފޯރުކޮށް ދެއްވާނެ އެވެ. އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ރާއްޖެ އަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ ޓެކްސް ބޭސް ފުޅާކޮށް، ދައުލަތަށް ޓެކްސް ލިބޭ އަދަދު އިތުރުކުރައްވައި، ގައުމުގެ ދަރަނި އަދާކުރެވޭނެ ކަމަށެވެ.
އިބޫ ވިދާޅުވި ގޮތުގައި ސަރުކާރު ހިންގޭނީ ހަމައެކަނި އެމްޑީޕީ ނުވަތަ އޭނާ ބޭނުންވާ ގޮތަކަށެއް ނޫނެވެ. އެހެންކަމުން ގުޅިފައިވާ ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އޮތް އިރު، އެއަށް އަމަލު ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ. ގާނޫނުއަސާސީއާ އެއްގޮތަށް އަޅުގަނޑުމެންގެ އެއްބަސްވުމާ އެއްގޮތަށް އެކަން ކުރިއަށް ދާނީ. އެއްބަސްވުމުގައި އޮތް އެއްޗެއް ހާމަކުރާނަން. އޭރަށް އެނގޭނެ ކުރިއަށް ދާނެ ގޮތެއް،" ޒުވާނަކު ކުރި ސުވާލެއްގެ ޖަވާބުގައި އިބޫ ވިދާޅުވި އެވެ.