ގޭމްސް އަށް ނުދެވޭތީ އިންޑިއާ ކޯޗު ހިތްހަމަނުޖެހިފައި
ގޭމްސް އަށް ނުދެވޭތީ އިންޑިއާ ކޯޗު ހިތްހަމަނުޖެހިފައި

އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަންގައި މި މަހު ފަށާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާގެ ޒުވާން ގައުމީ ޓީމު ވާދަކުރުމުގެ ފުރުސަތު ނުލިބުމުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް އިންޑިއާގެ ކޯޗު އިންގްލެންޑްގެ ސްޓެފަން ކޮންސްޓަންޓީން ބުނެފި އެވެ.

އިންޑިއާ އަންނަނީ 1994 ވަަނަ އަހަރުގެ އޭޝިއަން ގޭމްސް އިން ފެށިގެން ގަވައިދުން އެ ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އިންޑިއާ އިން ބައިވެރިނުވަނީ އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ކްރައިޓީރިއާ އަށް ނުފެތޭތީ އެވެ. އިންޑިއާގެ އޮލިމްޕިކް ކޮމިޓީން ހުއްދަ ދީފައި ވަނީ އޭޝިއާގައި ރޭންކިން އަށް ބަލާއިރު ގަދަ އަށެއްގައި އިންޑިއާ ހިމެނޭ ކުޅިވަރުތަކަށެވެ. ފުޓްބޯޅައިގައި އިންޑިއާ އޮތީ އޭޝިއާ ސަރަހައްދަށް ބަލާއިރު 14 ވަނައިގަ އެވެ.

"(އޭޝިއަން ގޭމްސް އަށް ނުދިއުމަކީ) ވަރަށް ގޯސްކޮށް ނިންމި ނިންމުމެއް. އަހަރެން ގާތުގައި އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނުބުނޭ އަހަރެމެންނަށް ގޭމްސްގައި ބައިވެރިނުވެވޭ ސީދާ ސަބަބެއް. އެއީ އެންމެ ފަހުން ފަހަރުގެ ގޭމްސްގެ ނަތީޖާ އަށް ބަލައިގެން ކުރިކަމަކަށްވާނަމަ މިހާރު އިންޑިއާ ފުޓްބޯޅަ އޮތީ ކުރިން އޮތް ހާލަތުގައެއް ނޫން. މި ފަހަރު މި ގެއްލުނީ ވަރަށް ރަނގަޅު ފުރުސަތެއް. އަހަރެމެންނަށް މުބާރާތުގެ ދެ ވަނަ ބުރަށް ވެސް ދެވުނީސް. ބޮޑެތި ކަންތައް ހާސިލްކުރަން ބޮޑު މެޗުތައް ބޭނުންވޭ،" ކޮންސްޓަންޓީން ބުންޏެވެ.

އޭޝިއަން ގޭމްސްގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ އިންޑިއާ އިން ވަނީ އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމެއް ފޮނުވަން ނިންމައިފަ އެވެ. ސާފަށް އިންޑިއާ އިން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުން ކެޕްޓަން ސުނިލް ޗެތުރީ އާއި ބައެއް މަޝްހޫރު އެހެން ކުޅުންތެރިން ބާކީކުރިއިރު، ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފަ އެވެ.

ބަންގްލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް އިންޑިއާ އިން ކާމިޔާބުކުރީ 23 އަހަރުން ދަށުގެ ޓީމަކާ އެކު އެވެ. އިންޑިއާ އިން މި ފަހަރުގެ ސާފަށް ނެގި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ވަނީ ދާދި ފަހުން އިންޑިއާގައި އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ކުޅުނު ހަތަރު ކުޅުންތެރިއަކު ހިމަނައިފަ އެވެ. ދެން ހިމެނޭ ކުޅުންތެރިންގެ ތެރެއިން 23 އަހަރުން މަތީގެ ހަމައެކަނި ކުޅުންތެރިއަކީ އިންޑިއަން ޕްރިމިއާ ލީގުގައި ޖަމްޝީދުޕޫރަށް ކުޅުނު ސުމީތު ޕާސީ އެވެ. އޭނާ އަދި މިހާތަނަށް ގައުމީ ޓީމަށް ކުޅުނީ ތިން މެޗެވެ.

އެންމެ ފަހުން އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު ކޮންސްޓަންޓިން ވަނީ މި މުބާރާތުގައި ދެން އިންޑިއާ އިން ގިނައިން ފުރުސަތު ދޭނީ ޒުވާން ކުޅުންތެރިންނަށް ކަމަށް ބުނެފަ އެވެ. އަދި ދެން އިންޑިއާ އިން ވިސްނާނީ އޭޝިއަން ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށް އޭރު އޭނާ ބުނެފައިވެ އެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި މި ސަރަހައްދުން ބައިވެރިވަނީ ބަންގްލަދޭޝް އާއި ޕާކިސްތާން އަދި ނޭޕާލް އެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މީޑިއާގައި ބުނީ އެފްއޭއެމުން ފިރިހެން ފުޓްބޯޅަ ޓީމު ނުފޮނުވާގޮތަށް ނިންމީ ސާފް ޗެމްޕިއަންޝިޕް ކުޅޭ ޓީމުގައި ޒުވާން ކުޅުންތެރިން ހިމެނޭތީ ދެ މުބާރާތުގައި ކުޅެން ޖެހިއްޖެނަމަ ޝެޑިއުލަށް ބުރޫ އަރާނެތީ ކަމަށެވެ.

އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް އޮތީ މި މަހު 14 އިން އަންނަ މަހު ދެ ވަނަ ދުވަހަށެވެ. އަދި ސާފް އޮތީ އަންނަ މަހު 4 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސާފަށް އެކުލަވާލި ސްކޮޑު އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޝިއަން ގޭމްސްގައި ރާއްޖެ ބައިވެރިނުވުމާ ބެހޭގޮތުން ގައުމީ ކޯޗު ޕީޓަ ސެގާޓް އެހާ ބޮޑަށް ވާހަަކައެއް ނުދައްކަ އެވެ. އޭނާގެ ވިސްނުން ހުރީ ސާފްގައި ރަނގަޅު ވާދައެއް ކުރުމަށް ކަމަށް ބުންޏެވެ. އަދި ސެގަޓް ވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ރާއްޖެ ގޮވައިގެން ދިއުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފަ އެވެ.