03 އޯގަސްޓް 2018 - 12:23

ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ހާއްސަކޮށްގެން މި މަހު ރާއްޖޭގައި ބާއްވަން ރޭވި ބައިނަލްއަގްވާމީ މުބާރާތް އަންނަ ޑިސެމްބަރު މަހު ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިހާބުވެވަޑައިގަތުމަށް ފަހު ވި އެއް ވައުދަކީ ޕޮމިސް ކަޕްގެ ނަމުގައި ގައުމީ ޓީމަށް ހާއްސަ މުބާރާތެއް ދެ އަހަރުން އެއް އަހަރު ބޭއްވުމެވެ. އެ މުބާރާތް މި އަހަރު ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، މުބާރާތުގެ އިންތިޒާމުގެ މަސައްކަތް މި އަހަރު ފެށުނީއްސުރެ އަންނަނީ ކުރަމުންނެވެ.
މިދިޔަ ޖޫން މަހު ފަހުކޮޅު ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަޝިޕް އެއްބަސްވުމުގައި ދިރާގާ އެކު ސޮއިކުރި ހަފުލާ އަށް ފަހު "މިހާރު" ކުރި ސުވާލަކަށް ޖަވާބުދެމުން ބައްސާމް ވަނީ ގައުމީ ޓިމުގެ މުބާރާތް އެކި ސަބަބުތަކާ ހުރެ ފަސްކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުއްމީދުކުރަނީ އެ މުބާރާތް މި އަހަރުގެ ޑިސެމްބަރު މަހު ބޭއްވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވެސް ދާދި ފަހުން ވިދާޅުވީ ގައުމީ ޓީމުގެ މުބާރާތް ޑިސެމްބަރު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގައުމީ ޓީމުގެ މުބާރާތް ބާއްވަން އެފްއޭއެމްގެ ވިސްނުން ހުރީ މި ސާކް ސަރަހައްދުން ބޭރުގެ ޓީމުތައް ބައިވެރިކޮށްގެންނެވެ. ރާއްޖޭގެ އިތުރުން ތިން ޓީމެއް ބައިވެރިކުރާ ގޮތަށް ފުރަތަމަ މަޝްވަރާކުރި ނަމަވެސް ފަހު ވަކި އަދަދެއް ފައިނަލް ނުވާ ކަމަށް ބައްސާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ކުރިމަގަށް އާ ޓީމެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމީ ޓީމަށް ހަމަޖެއްސި ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓުގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ވަނީ މޮޅުވެފަ އެވެ. އޭޝިއަން ކަޕް ކޮލިފައިން ފަހު މެޗުން ބޫޓާން އަތުން 7-0 އިން މޮޅުވުމަކީ ޒުވާން ޖީލެއްގެ ފެށުން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ މަސައްކަތް ގައުމީ ޓީމުން ފަށާފައިވާއިރު، މި ވަގުތު އެންމެ ރަނގަޅު ފޯމުގައި ހުރި ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ސްކޮޑުގައި ނުހިމެނެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދިން އެއް ސަބަބަކީ އޭނާގެ އުމުރު ކަމަށް ގައުމީ ކޯޗު ބުނި ނަމަވެސް އޭނާއާ އެއް އުމުރެއްގައި ކުޅުންތެރިންތަކަށް ފުރުސަތު ދިނެވެ. ދަގަނޑޭ ވަނީ މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ބޭނުން ކަމަށާއި އެކަމަކު ކޯޗުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ބުނެފަ އެވެ.
ސާފް ސުޒުކީ ކަޕްގެ ކުރިން ގައުމީ ޓީމު 27 ކުޅުންތެރިންނާ އެކު ގަތަރުގައި ކޭމްޕް ކުރާނީ މި މަހު ހަ ވަނަ ދުވަހު އެވެ. ގަތަރު ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމަށް ފަހު 20 ކުޅުންތެރިންގެ ސްކޮޑަކާ އެކު ޓީމު ސީދާ ދާނީ ސާފް ސުޒުކީ ކަޕް ކުޅެން ބަންގްލަދޭޝް އަށެވެ. ސާފް އޮތީ އަންނަ މަހު 5 އިން 15 އަށެވެ. ރާއްޖެ ހިމެނެނީ އިންޑިއާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުންވެފައިވާތީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ޓާފް ދަނޑުގަ އެވެ.