03 އޯގަސްޓް 2016 - 06:27

މިދިޔަ އަހަރު "ރަންދަރި" ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) އާ ފިލްމެއްގެ މަސައްކަތް ފަށައި، ފިލްމު މި އަހަރު ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އޭނާ މި ފަހަރު ގެނެސްދޭ ފިލްމުގެ ނަމަކީ "ނޭދެން ވަކިވާކަށް" އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކުޅަދާނަ ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ.

މިއީ މަހުދީގެ ސްކްރީންޕްލޭއަކަށް މާއެނބޫ ފިލްމެއް ޑައިރެކްޓް ކުރާ ފުރަތަމަ ފަހަރެވެ. އެހެންވެ "ނޭދެން ވަކިވާކަށް" އަކީ މީގެ ކުރިން އޭނާ ހަދާފައިވާ ފިލްމުތަކަށް ވުރެ ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް މާއެނބޫ ބުންޏެވެ.

އަނެއްކޮޅުން މި ފިލްމަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ހިމަނައިގެން އޭނާ ފިލްމެއް ޑައިރެކްޓް ކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
"މިއީ ޔޫއްޕެގެ ވަރަށް ތަފާތު މޮޅު ރޯލެއް ފިލްމުން ފެނިގެން ދާނެ ފިލްމެއް. ޔޫއްޕެއާ އެކު މަސައްކަތްކޮށްލުމަކީ ވަރަށް ބޮޑު ތަޖުރިބާއެއް. އޭނަކީ ވަރަށް ޕްރޮފެޝަން އެކްޓަރެއް،" މާއެނބޫ ބުންޏެވެ.
ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ އެކަމަކު ބެލުންތެރިންނަށް ތަފާތެއް ދައްކުވައި ދޭނެ "ނޭދެން ވަކިވާކަށް" ގެ ތަރިންގެ ތެރޭގައި ޔޫއްޕެއާ އެކު ފާތުމަތު އާޒިފާ (އަޒޫ)، މަޝްހޫރު ފެޝަން ޑިނައިޒަރު ޖާދުﷲ އިސްމާއީލް (ޖާދު) ވެސް ބޮޑު ރޯލަކުން ފެނިގެން ދާނެ އެވެ.
މީގެ އިތުރުން އަހުމަދު ސައިދާއި އަލީ ޝާހިދު (ސްޓެޕް އައްޔަ) ވެސް ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.
މާއެނބޫ މިހާރު ހުރީ ކްރޫ އާ އެކު އއ. ތޮއްޑޫގަ އެވެ. ޝޫޓިން އަށް އެ ރަށަށް ފުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ފިލްމުގެ ބޮޑު ބައި ޝޫޓް ކުރަނީ އެ ތޮއްޑޫގަ އެވެ.
"މާލޭގައި ވެސް ބައެއް މަންޒަރުތައް ނަގާނެ. ތޮއްޑޫގައި ނަގަން ޖެހޭ މަންޒަރުތައް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް މި އައީ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޝޫޓިން ނިންމާލައި މާލެ ފުރާނަން،" ކޮޕީ ރާގުގެ ހަތަރު ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން މާއެނބޫ ބުންޏެވެ.
އޭނާ ބުނީ ތޮއްޑޫގައި "ނޭދެން ވަކިވާކަށް" ޝޫޓް ކުރަމުން އަންނަ އިރު، ރަށުގެ ރައްޔިތުންނާއި ތޮއްޑޫ ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭ ކަމަށެވެ.
"ފިލްމުގެ މުޅި ޓީމް ވެސް ވަރަށް ސަޕޯޓިވް. އެކްޓަރެއްގެ އިތުރުން މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުން ސައީދު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް. އޭނަގެ އެހީތެރިކަން ވަރަށް ބޮޑު،" މާއެނބޫ ބުންޏެވެ.
އޭނާ ބުނީ "ނޭދެން ވަކިވާކަށް" މި އަހަރު ސްކްރީނަށް ގެންނަން ނިންމި ނަމަވެސް، އަދި ވަކި ތާރީހެއް ނުނިންމާ ކަމަށެވެ.
"ފިލްމް އެއްކޮށް ނިންމާލާފައި އޮލިމްޕަސް ހޯދުމުގެ ކަންތައްތަކާ އުޅޭނީ،" އިބްރާހީމް ވިޝާން (ކަނޑި) ކެމެރާ ކުރާ ފިލްމާ ބެހޭ ގޮތުން މާއެނބޫ ބުންޏެވެ.