ކެމްޕެއިން ދަތުރެއްގައި ޝަހީމް މެލޭޝިއާ އަށް
ކެމްޕެއިން ދަތުރެއްގައި ޝަހީމް މެލޭޝިއާ އަށް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕެއިން ދަތުރުފުޅެއްގައި މިރޭ މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.

ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އޭނާގެ ދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ޕީޕީއެމަށް ތާއީދުކުރާ މީހުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

"މިދަތުރަކީ ހަތަރު ދުވަހުގެ ދަތުރެއް. އާއިލާތަކަށް ދައުވަތު ދީގެން ބައްދަލުކޮށް ރައީސް އަބްދުﷲ ޔާމީން ހޮވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަން ހިއްސާ ކުރާނަން،" މާލޭގެ ހަތަރު ނަމްބަރު ޖެޓީގައި ހުންނަވައި ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ އެދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އަތޮޅުތެރެއަށް ދަތުރުތައް ކުރައްވާނެ ކަމަށެވެ.

ޝަހީމް މިއަދު މެލޭޝިއާއަށް ވަޑައިގެންނެވިއިރު އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވަނީ މިހަފުތާގައި ސިންގަޕޫރަށް ވަޑައިގެން އެގައުމާއި މެލޭޝިއާގައި އުޅުއްވާ ދިވެހިންނާ ބައްދަލު ކުރައްވައިފަ އެވެ.