އުރީދޫގެ އަހަރީ ދުވަހުގެ އުފަލުގައި އިތުރަށް 13 ޕަސެންޓް ޑޭޓާ ދެނީ
އުރީދޫގެ އަހަރީ ދުވަހުގެ އުފަލުގައި އިތުރަށް 13 ޕަސެންޓް ޑޭޓާ ދެނީ

އުރީދޫގެ 13 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެކުންފުނީގެ މަގްބޫލް ޑޭޓާ ޕެކްތައް ގަތުމުން 13 ޕަސެންޓް އިތުރު ޑޭޓާ ދޭން ނިންމައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ މިމަހުގެ ނިޔަލަށް ކުރިއަށްދާ އެ އޮފާގެ ދަށުން ބޯނަސް ޑޭޓާ ދެނީ ޑޭޓާ 99، ޑޭޓާ 110، ޑޭޓާ 160، ޑޭޓާ 220، ޑޭޓާ 330، ޑޭޓާ 440 ނުވަަތަ ޑޭޓާ 1100 ގަތުމުން ކަމަށެވެ.

"ދިވެހިރާއްޖޭގައި އުރީދޫގެ ތޭރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، މި އޮފާއަކީ އަޅުގަނޑުމެންނަށް މެދުކެނޑުމެއް ނެތި ހިތްވަރުދެމުންދާ ލޮބުވެތި ކަސްޓަމަރުންނަށް ކުޑަ ހަދިޔާއެއް. ފެށުނީއްސުރެ، ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އުރީދޫން ދޭ އަހަމިއްޔަތުކަން، އަޅުގަނޑުމެންގެ ކަސްޓަމަރުން ގަބޫލުކޮށް އެކަމުގެ އަގުވަޒަން ކުރޭ،" އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސްތަގުބަލުގައި ވެސް އުރީދޫން މަސައްކަތް ކުރާނީ އެ އަޒުމާ އެކު، އެއް ދުވަހުން އަނެއް ދުވަހަށް ހިދުމަތުގެ ފެންވަރު ރަގަޅުކޮށް އީޖާދީ އުފެއްދުންތައް ރާއްޖެ އަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ މައި އުރީދޫ އެޕް އަދި މަގޭ ޕްލޭންގެ ހިދުމަތް، ނުވަތަ *929# އަށް ގުޅައިގެން، ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތެއްގައި ވެސް މި ޑޭޓާ ޕެކްތައް ފަސޭހަކަމާއި އެކު ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ އަހަރީ ދުވަހަކީ އޮގަސްޓް 1، އެވެ.