02 އޯގަސްޓް 2018 - 19:27

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ޕީޕީއެމް މެދުވެރިކޮށް ފުރާ ހުރިހާ ފޯމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވާނީ ވަރަށް ބޮޑަށް ބަލައި، ދިރާސާކޮށް އަދި ވެރިފައިކޮށްފައި ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން، ފުނަދޫ ދާއިރާގެ މެމްބަރު އަދުރޭ ވިދާޅުވީ އެ ޕާޓީން ފުރާ ފޯމްތައް ދިރާސާކޮށް ވެރިފައިކުރަންޖެހެނީ ސައްހަ ނޫން ފޯމްތަކެއް ހުށަނޭޅުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ސައްހަ ނޫން ފޯމްތަކެއް އީސީއަށް ވައްދާކަށެއް. ދެން އިދިކޮޅު ފަރާތްތަކުން މި ވިދާޅުވަނީ މިހާތަނަށް އީސީއަށް ވެއްދުނު 24،000 ފޯމުގެ ތެރެއިން 17،000 ފޯމަކީ ތިމަންނަމެން ވެއްދި ފޯމޭ،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ބުނި ގޮތުގައި، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް އިއްޔެގެ ނިޔަލަށް 24،000 މީހުން ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 17،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައި ވަނީ އިދިކޮޅު ކޯލިޝަން މެދުވެރިވެގެން ކަމަށެވެ.
"އެ [17،000] ފޯމަކީ އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓްތަކުން ހުށަހެޅި ފޯމް. މިއީ ސިވިލް ސާވިސް މުވައްޒަފުންގެ ނުވަތަ ކުންފުނިތަކުގެ މުވައްޒަފުންގެ ފޯމްތަކެއް ނޫން،" އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވި އެވެ.
ނަމަވެސް، އީސީގެ ރައީސް އަހުމަދު ޝަރީފާ ހަވާލާދީ އަދުރޭ ވިދާޅުވީ އިކޮޅު ކޯލީޝަންގައި ހިމެނޭ ޕާޓީތަކުން ހުށަހެޅި ފޯމްގެ އަދަދު 10،000 އަށް ވެސް އަދި ނާރާ ކަމަށެވެ. އަދުރޭ ވިދާޅުވީ އެ ޕާޓީން ގަބޫލުކުރަނީ އީސީން ދައްކާ ވާހަކަ ކަމަށެވެ.
"ވީހާ ވެސް ގިނަ ބޭފުޅުން ރަޖިސްޓްރީކުރައްވާ. މިއީ ކޮންމެ ބޭފުޅަކު ވެސް ކުރައްވަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ވޯޓުލުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެއްސަކަށް ލިބިދޭ ފަރުދީ ހައްގަކަށް ވާއިރު އަދި ވަކި ބޭފުޅަކަށް ވޯޓުލާން އެ ޕާޓީން ނާންގާ ކަމަށެވެ. އަދި ރީ ރަޖިސްޓްރީކުރުމުގެ ބޭނުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުގެ ބޭނުން ހިފާނެ ފުރުސަތު އެންމެނަށް ވެސް ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކެމްޕޭންގައި މަސައްކަތްކުރަނީ ރައީސް ޔާމީނަށް ތާއީދު އިތުރުކުރަން. އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން ތާއީދު އިތުރުކުރަން. އަދި ވޯޓު ދޭށޭ ވެސް އަޅުގަނޑުމެން ބުނާނަން. އެހެން ނަމަވެސް ރީ ރަޖިސްޓްރޭޝަން ފޯމު ފުރަނީކީ ވަކި ފިކުރަކަށް ބަލައިގެން ނޫން، ވަކި ޕާޓީއަކަށް ބަލައިގެނެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރީ-ރެޖިސްޓްރީ ކުރުމަށް ފޯމު ފުރައި އެ ފޯމުތައް ޕީޕީއެމް އޮފީހަށް ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި އެ ފޯމުތައް އީސީގައި ރެޖިސްޓްރީ ނުވެ ލަސްވަމުންދާ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.