03 އޯގަސްޓް 2018 - 17:12

ހެނޮއީ (އޮގަސްޓް 3) - އުމުރުން 14 އަހަރު ފުރުނު އިރު ވެސް އޭނާ އަކީ ފަގީރު ކުއްޖެކެވެ. ދިރިއުޅުން ހަމަޖައްސަން ޖެހުނީ އެކި މީހުންނަށް ގުލާން ކޮށްގެންނެވެ. އެކަމަކު ވިއެޓްނާމަށް އުފަން ޓްރިން ވަން ގުޔެޓަކީ މިއަދު ބޮޑު ބިލިއަނަރެކެވެ.

ޒުވާން ދުވަސްވަރުގެ ވަޒީފާ އަކީ މަންމަގެ ފިހާރައިގައި މަސައްކަތް ކުރުން ކަމަށްވިޔަސް އުމުރުން 43 އަހަރުގެ ގުޔެޓަކީ މިއަދު ލަގްޒަރީ ރިސޯޓްތަކާއި ގޮލްފް ކޯސްތަކާއި މައިން ނަގާ ކުންފުނިތަކާ އަދި ވޮކޭޝަނަލް ޓްރޭނިންދޭ ބިޔަ ކުންފުނި އެފްއެލްސީގެ ވެރިޔާ އެވެ.

"އަހަރެންގެ އުމުރުގެ ޅަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ވެފައި،" ހެނޮއީގައި ހުންނަ އޭނާގެ އޮފީހުގައި އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ގުޔެޓް ބުންޏެވެ.
ގުޔެޓުގެ މިލްކިއްޔާތުގެ އަގު މިހާރު 1.39 ބިލިއަން ޑޮލަރަށް އަރަ އެވެ. އެ ކުންފުނިން މިހާރު ތައްޔާރު ވަމުން ދަނީ އަންނަ އޮކްޓޯބަރު މަހު އާ އެއާލައިނެއްގެ ދަތުރުތައް ފެށުމަށެވެ. ގުޔެޓުގެ ބެމްބޫ އެއާވޭސްގެ ދަތުރުތައް ފެށުމާ އެކު ވާދަކުރަން ޖެހޭނީ އޭޝިއާގެ އަގުހެޔޮ އެއާލައިންތައް ކަމަށްވާ އެއާއޭޝިއާ، ތައި އެއާވޭސް، އަދި ވިއެޓްނާމް އެއާލައިންސް އާއި ވިއެޓްޖެޓް ފަދަ ކުންފުނިތަކާ އެވެ.
ގުޔެޓުގެ ކުންފުނިން ވަނީ ބޯއިން 787 ޑްރީމްލައިނާސްގެ 20 ބޯޓަށާއި އެއާބަސް 321ނިއޯގެ 24 ބޯޓަށް އޯޑަރު ދީފަ އެވެ. މި ދެ ކޮންޓްރެކްޓަށް 8.8 ބިލިއަން ޑޮލަރު އަރަ އެވެ. މީގެ ތެރޭން 30 ޕަސެންޓް ދޭނީ އެފްއެލްސީންނެވެ. ބާކީ ބައި ހޯދަނީ ބޭރުގެ އިންވެސްޓަރުންގެ އަތުންނެވެ.
ވިއެޓްނާމުގެ ފަގީރު ސަރަހައްދެއް ކަމަށްވާ ވިން ފޫކް ޕްރޮވިންސްގައި އުފަންވި ގުޔެޓް ބޮޑުވަމުން އައި ދުވަސްވަރު އުޅުނީ ބެމްބޫ ނުވަތަ އޮނު ގަސްތަކުގެ ތެރޭގައި ކުޅޭށެވެ. އުމުރުން 17 އަހަރުގައި އޭނާ ވަނީ ހެނޮއީ އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މޯބައިލް ފޯނުގެ ވިޔަފާރި ފަށައިފަ އެވެ. ފަހުން ވަނީ ރިއަލް އެސްޓޭޓް ވިޔަފާރި އާއި ޓޫރިޒަމް ވިިޔަފާރި އަށް ވަދެފަ އެވެ.