02 އޯގަސްޓް 2018 - 16:48

މެކްސިކޯ ސިޓީ (އޮގަސްޓް 2) - މެކްސިކޯގެ އުތުރުގެ ސަރަހައްދަކަށް މިދިޔަ އަންގާރަ ދުވަހު ވެއްޓުނު އެއަރޯމެކްސިކޯގެ ބޯޓުން އެންމެ ބޮޑަށް ޒަޚަމްވެފައި ވަނީ ޕައިލެޓް ކަމަށް އޮފިޝަލުން ބުނެ އެވެ.
ޕައިލެޓުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް އޮފިޝަލުން ބުނެ އެވެ. ނަމަވެސް ޕައިލެޓުގެ ހާލު އެހާ ސީރިއަސް ނޫން ކަމަށްވެ އެވެ. ދެން އެންމެ ބޮޑަށް ޒަޚަމްވެފައި ވަނީ ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ.
ބޯޓު ވެއްޓުނު ނަމަވެސް ބޯޓުން ދަތުރުކުރި 103 މީހުން ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް 97 މީހުން ވަނީ ޒަޚަމްވެފަ އެވެ. އެއާލައިނުން މިއަދު ބުނީ ހޮސްޕިޓަލުގައި ފަރުވާ ދިން މީހުންގެ ތެރޭން 64 މީހުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
ވެއްޓުނު ބޯޓުގެ ކަޅު ފޮށި ތަހުގީގު ޓީމުން މިހާރު ވަނީ ހޯދައިފި އެވެ. ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނުމުން، ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދަން މަގުފަހިވާނެ ކަމަށް ތަހުގީގު ޓީމުން ބުނެ އެވެ. ފްލައިޓް އޭއެމް2431 ވެއްޓުނު ހަގީގީ ސަބަބެއް އަދިވެސް ނޭނގެ އެވެ. އެއާ ޓްރެފިކް ކޮންޓްރޯލުން ބުނެފައި ވަނީ ބޯޓު ވެއްޓުނީ މޫސުން ގޯސްވެގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އޭރު ވެސް މޫސުން ވަރަށް ގޯސް ކަމަށް އޮފިޝަލުން ބުނެ އެވެ.
"ލަފާ ކުރެވެނީ ބޯޓަށް ހޮނުއެޅީ ކަމަށް. ވަރަށް ބިރުވެރި،" ބޯޓުން ދަތުރުކުރި ޕަސިންޖަރަކު ރޮއިޓާސް އަށް ބުންޏެވެ.
ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ބޯޓު އުފެއްދި ބްރެޒިލްގެ ކުންފުންޏާއި އިންޖީނު އުފެއްދި އެމެރިކާގެ ކުންފުނީގެ އޮފިޝަލުން މިހާރު ވަނީ ބައިވެރިވެފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ވެއްޓުނު ބޯޓުން އެ ގައުމުގެ 65 މީހުން ދަތުރުކުރި ކަމަށެވެ.