03 އޯގަސްޓް 2018 - 10:08

އިނގިރޭސިންގެ ތާރީހީ ވެމްބްލީ ސްޓޭޑިއަމް ޕާކިސްތާނަށް އުފަން އެމެރިކާގެ މަހުޖަނު ޝާހިދު ހާނަށް ވިއްކާލަން އުޅޭ ވާހަކަ އަޑުއިވުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ސަޕޯޓްކުރާ ގިނަ ބަޔަކަށް ލިބުނު ބޮޑު ޝޮކެކެވެ. އެކަމުގައި އިނގިރޭސި އެފްއޭގެ ހާއްސަ ޕްލޭނެއް އޮތް ނަމަވެސް، 784.8 މިލިއަން ޑޮލަރަށް ވެމްބްލީ ވިއްކާލުމަކީ އެ ގައުމުގެ ގިނަ ބަޔަކަށް ގަބޫލުކުރަން ވެސް ދަތިވި ކަމެކެވެ.

ވެމްބްލީ އަކީ އިނގިރޭސި ފުޓްބޯޅައިގެ އިތުރުން މުޅި ދުނިޔެ އަށް ބެލި ނަަމަވެސް ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ސްޓޭޑިއަމެވެ. އެ ދަނޑުގައި އިނގިރޭސިންގެ ފުޓްބޯޅައިގެ ގިނަ ހަނދާންތަކެއްވެ އެވެ. އިނގިރޭސި ފުޓްބޯޅަ ލެޖެންޑުން ފާހަގަކުރާ ގޮތުގައި ވެމްބްލީ އަކީ އިންގްލެންޑް ފުޓްބޯޅައިގެ ހިތެވެ. އަދި ކޮންމެ މަގުސަދެއް އޮވެގެން ވިޔަސް އެ ދަނޑު ވިއްކާލުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ވެވޭ ހިޔާނާތެއް ކަމަށް އިނގިރޭސި ފުޓްބޯޅަ ތަރިން ވަނީ ބުނެފަ އެވެ. އަދި މި ވަގުތު އޭގެ ގެއްލުން ނުފެނުނަސް ފަހުން އޭގެ ގޯސް އަސަރުތައް ފެންނާނެ ކަމަށް ބުނާ އިނގިރޭސިން ވެސް މަދެއް ނޫނެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ ވެމްބްލީ ކޮމްޕެނީން 1923 ވަނަ އަހަރު ހުޅުވި އެ ސްޓޭޑިއަމުގެ ބެލެނިވެރި ފަރާތަކީ 2000 ވަނަ އަހަރާ ހަމައަށް އެ ކުންފުންޏެވެ. ވެމްބްލީ އިނގިރޭސި އެފްއޭގެ ބެލުމުގެ ދަށަށް ގެނައި އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީހާ ގުޅޭ ގިނަ ކަންތައްތަކެއް އެ ދަނޑާ ގުޅިފައިވާތީ އެވެ. އެ ގޮތުން އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އެ ފަހަރުގެ ފައިނަލް ކުޅުނީ ވެސް ވެމްބްލީގަ އެވެ.

އިންގްލެންޑްގެ އެފްއޭގެ ބެލެނިވެރިކަމުގެ ދަށަށް ވެމްބްލީ ދިޔައީ 2000 ވަނަ އަހަރު އެވެ. ވެމްބްލީ ތަރައްގީ ކުރުމަށް އެފްއޭ އިން ގިނަ ޕްލޭންތަކެއް އެކުލަވާލައި ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމަކޮށް ގެންގޮސް ދަނޑު އަލުން ހުޅުވީ 2007 ވަނަ އަހަރު އެވެ. މުޅި ދަނޑުގެ މަރާމާތަށް އިނގިރޭސި އެފްއޭ އިން 990 މިލިއަން ޑޮލަރު ހޭދަކުރި ކަމަށް އެފްއޭގެ ހިސާބުތަކުން ދައްކަ އެވެ. އޭރުން ފެށިގެން ބޭނުންކުރަމުން އަންނަ ޔޫރަޕްގެ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވަދެވޭ ވެމްބްލީ އަކީ އިންގްލެންޑް ގައުމީ ޓީމުގެ މެޗުތަކާއި ކްލަބްތަކުގެ ބޮޑެތި މެޗުތައް ކުޅޭ ދަނޑެވެ.
ފާއިތުވި އަހަރުތަކުގައި އިނގިރޭސި އެފްއޭ އިން ވަނީ އެކި ކްލަބްތަކުގެ މެޗުތައް ކުޅެން ދަނޑު ކުއްޔައް ދީގެން ވެސް ރަނގަޅު އާމްދަނީ އެއް ހޯދައިފަ އެވެ. އަދި އެހެނިހެން ކަންތައްތަކަށް ވެސް ދަނޑު ކުއްޔަށް ދީގެން އެފްއޭ އިން މިދިޔަ އަހަރުތަކުގައި ހޯދި ފައިދާ ބިލިއަނަކާ ގާތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޝާހިދު ހާނަކީ އިނގިރޭސި ފުޓްބޯޅަ ކްލަބް ފުލަމް އާއި އެމެރިކަން ފުޓްބޯޅަ ލީގު (އެންއެފްއެލް)ގެ ޖެކްސަންވިލް ޖެގުއާސްގެ ވެރިޔާ އެވެ. މާލިއްޔަތުގައި 7.5 ބިިލިއަން ޑޮލަރު ހުރި ޝާހިދު ހާން އަންނަނީ ކުޅިވަރަށް އެކި ގޮތްގޮތުން ބޮޑު ހޭދައެއް ކުރަމުންނެވެ.
ވެމްބްލީ ގަތުމަށް ފަހު ޝާހިދު ހާންގެ ވިސްނުން ހުރީ އެ ތަނުގައި އެންއެފްއެލް މެޗުތައް ކުރިއަށްގެންދިއުމަށެވެ. އެންއެފްއެލް މެޗެއް ވެމްބްލީގައި ކުޅެފިނަމަ އެ ވެގެންދާނީ އެ މުބާރާތުގެ މެޗެއް އެމެރިކާ އިން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރަށެވެ. ފުޓްބޯޅައިގެ އިތުރުން މި ވަގުތު ވެމްބްލީގައި ކުޅެނީ އިންޓަނޭޝަނަލް ރަގްބީ ލީގެވެ.
ޝާހިދު ހާން ވަނީ އެމެރިކަން ފުޓްބޯޅަ އިންގްލެންޑުގައި ފުޅާކުރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ބުނެފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އޭނާ ވަނީ ވެމްބްލީގައި އެމެރިކަން ފުޓްބޯޅަ ކުޅެގެން މަދުވެގެން އަހަރަކު 180 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ ޕްލޭންތަކެއް ހަދައިފަ އެވެ.
އަދި ޝާހިދު ހާން ވަނީ ވެމްބްލީގެ ޑީލް އޭނާ އަށް ކާމިޔާބު ވުމާ އެކު އިނގިރޭސި ކުޅިވަރު ތާރީހުގައި ތަފާތު ޗެޕްޓަރެއްގެ ފެށޭނެ ކަމަށް ބުނެފަ އެވެ. އަދި އޭގެ ފައިދާ ވަރަށް ބޮޑަށް ކުރިއަށް އޮތް އަހަރު ތަކުގައި ފެނިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ވެމްބްލީގައި އެމެރިކަން ފުޓްބޯޅަ މެޗުތައް ގެންދަން ޝާހިދު ހާން ނިންމީ ޓޮޓެންހަމް ހޮޓްސްޕާސްގެ އާ ސްޓޭޑިއަމް އެމެރިކަން ފުޓްބޯޅަ ކުޅެން ކުއްޔަށްދޭން އެ ޓީމުން ޕްލޭންތަކެއް ހަދާފައި އޮތްކަން އެނގުނު ހިސާބުންނެވެ. ޓޮޓެންހަމުން އެ ކުލަބަށް ލިބޭ އާމްދަނީ އިތުރުކުރަން ހެދި ޕްލޭނުގައި އެމެރިކަން ފުޓްބޯޅަ ކުޅެން ކުއްޔަށް ދީގެން އަހަރަކު 150 މިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ އާމްދަނީއެއް ހޯދަން ވަނީ ޓާގެޓް ކޮށްފަ އެވެ. ޝާހިދު ހާނަށް ވެމްބްލީ ޑީލް ކާމިޔާބު ކުރުމަށް އަވަސްއަރުވާލައިގެން އުޅެނީ ޓޮޓެންހަމްގެ އާ ދަނޑުގެ ކަންތައް ނިމުމުގެ ކުރިން އެކަން ނިންމުމުގެ ގޮތުންނެވެ.
އިނގިރޭސި އެފްއޭ އިން ބުނީ ވެމްބްލީ ވިއްކާލަން އެއްބަސްވަނީ އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. ގްރާސްރޫޓު ހަރުދަނާ ކުރުމާއި އެހެނިގެން މުހިއްމު ހުރިހާ ކަމަށްޓަކައި ބޭނުންވާ ފަންޑް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތްތަކެއް ހޯދުމަށެވެ. އެކަމާ ގިނަ ބަޔެއްގެ ހިތްހަމަ ނުޖެހުން ހުރި ނަމަވެސް ދުރު މުސްތަގުބަލަކަށް ބަލާއިރު އޭގެ ފައިދާކުރާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
އެފްއޭގެ ވިސްނުން ފުރަތަމަ ހުރީ ވެމްބްލީ ވިއްކައިގެން ލިބޭ ފައިސާ އިން، ދަނޑު ހަދަން ނެގި ދަރަނިން ބާކީ ހުރި ބައި ހަލާސްކުރުމަށެވެ. އެއީ 147 މިލިއަން ޑޮލަރެވެ. އެއަށް ފަހު ދެން ހުރި ފައިސާތައް އިނގިރޭސި ފުޓްބޯޅައިގައި މި ވަގުތު ހުރި މައްސަލަތައް ހައްލުކުރަން ބޭނުންކުރުމަށެވެ.
އިންގްލެންޑުގައި 21000 ގްރާސްރޫޓް ކްލަބް އޮތްއިރު، ވަސީލަތްތައް ނެތުމުގެ ސަބަބުން މިދިޔަ ސީޒަނުގައި އެކަނިވެސް ގާތްގަނޑަކަށް ލައްކަ އަކަށްވުރެން ގިނަ މެޗުތައް ކެންސަލްކުރަން ޖެހުނެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޭގެ ސަބަބުން ކުޅުންތެރިންނަށް ގެއްލުނު ފުރުސަތުތަކުގެ އަަދަދު ފަސް މިލިއަނަނަށް އަރާނެ އެވެ.
އިނގިރޭސި އެފްއޭ އިން ވަނީ 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް 802 މިލިއަން ޑޮލަރު (އަހަރަކަށް 44 މިލިއަން ޑޮލަރު) ގްރާސްރޫޓު ފުޓްބޯޅަ ހަރުދަނާކުރަން ހަރަދުކޮށްފަ އެވެ. ވެމްބްލީ ވިއްކާލުމަށް ފަހު އިނގިރޭސި އެފްއޭ އިން ހަދާ ޕްލޭނުގެ ތެރެއިން ގިނަ އާ ދަނޑުތަކެއް ބިނާކޮށް ގިނަ އާ ވަސީލަތްތަކެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ. އެ ވަސީލަތަކުގެ ތެރެއިން ހޯދޭ އާމްދަނީ އަށް ބަލާއިރު އަލުން ގްރާސްރޫޓު ހަރުދަނާކުރަން ކުރިއަށް އޮތް 20 އަހަރު ތެރޭ އަހަރަކު 130 މިލިއަން ޑޮލަރު ހަރަދުކުރެވޭނެ ކަމަށް އަންދާޒާކުރެ އެވެ. މިއީ އިނގިރޭސި ފުޓްބޯޅަ މުޅިން ބަދަލުކޮށްލާނެ ކަމެއް ކަމަށް އިނގިރޭސި އެފްއޭ އިން ގަބޫލުކުރެ އެވެ.
އިނގިރޭސި އެފްއޭ އިން ގަބޫލުކުރާ ގޮތުގައި ރަސްމީކޮށް އެ މީހުންނަށް ވެމްބްލީ ލިބުމުގެ ކުރިން ވެސް ގައުމީ ޓީމަށް ވަކި ހާއްސަ ދަނޑެއް ނެތުމުން އެއްވެސް މައްސަލައެއް ދިމާނުވެ އެވެ. އަދި މަޝްހޫރު އެހެން އެހެން ގައުމުތައް ކަމަށްވާ ޖަރުމަނާއި ސްޕެއިން ފަދަ ޓީމުތަކަށް ބަލާއިރު، ގައުމީ ޓީމަށް ވަކި ހާއްސަ ދަނޑެއް ނޯވެ އެވެ. އަދި އެ ގައުމުތަކުން ގައުމީ ޓީމުތަކުގެ މެޗުތައް ކްލަބްތަކުގެ ދަނޑުތަކުގައި ކުޅެގެން އޭގެ މާލީ ފައިދާ އެ ކްލަބްތަކަށް ކުރުމަކީ އެ ގައުމެއްގެ ފުޓްބޯޅަ އަށް ލިބޭނެ ކުރިއެރުމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އިނގިރޭސި ފުޓްބޯޅަ އިދާރާ އިން ބުނެ އެވެ.
ޝާހިދު ހާން ވަނީ ވެމްބްލީގައި އިނގިރޭސި އެފްއޭގެ އޮފީސް މަސައްކަތްތައް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ. އަދި ގައުމީ ޓީމުގެ މެޗުތައް ކުޅުމަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި އެކަމަކު އެއީ އެމެރިކަން ފުޓްބޯޅަ ސީޒަން ނޯންނަ ދުވަސްވަރެވެ.
ވެމްބްލީ ވިއްކާލުމުގެ މަޝްވަރާތައް ކުރިއަށްދަނިކޮށް އިންގްލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު މިހާރު ސްކައިސްޕޯޓްސްގެ ކުޅިވަރު އެނަލިސްޓް ގެރީ ނެވިލް ވަނީ ހާއްސަ ކޮމިޓީއެއްގެ ތެރެއިން މަޖިލީހަށް ހާޒިރުވެ، ވެމްބްލީ ވިއްކާލުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
މަޖިލީހުގައި ވާހަކަ ދައްކަމުން ނެވިލް ބުނީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށްވާ ވެމްބްލީ ވިއްކާލުމަކީ މުސްތަގުބަލަށް ބަލާއިރު ހެދޭނެ ބޮޑު ގޯހެއް ކަމަށެވެ. އަދި ވިޔަފާރިއެއް ފަށާއިރު ވާހަކަތައް އޮންނާނީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަކު ފަހުން އޭގެ ބާރުގެ ބޭނުން ހިފަން ކޮންމެ ފަރާތަކުން ވެސް މަސައްކަތްކުރާނެ ކަމަށެވެ. އެހެން ކަމުން ވެމްބްލީ ވިއްކާލައިފިނަމަ ފަހުން އޭގެ ހިތި ފެންނާނެ ކަމަށް ބުންޏެވެ.
އިނގިރޭސި ފުޓްބޯޅައިގެ ގްރާސްރޫޓާ އެހެން ކަން ކަމަށް ހަރަދުކުރާނެ ފައިސާ ހޯދޭނެ ބައިވަރު ގޮތްތަކެއް ހުރިކަމަށް ނެވިލް ވަނީ ބުނެފަ އެވެ. އަދި އޭނާގެ ނަޒަރުގައި ކުރެވޭނެ ކަންތައްތައް ވެސް ހިއްސާކުރި އެވެ. އެ ގޮތުން ހަމައެކަނި މިދިޔަ ސީޒަނަށް ބެލި ނަމަވެސް އިނގިރޭސި ފުޓްބޯޅަ ކްލަބްތަކުގައި މަސައްކަތްކުރާ ކުޅުންތެރިންގެ އޭޖެންޓުން ވަނީ 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކުޅުންތެރިންގެ ޓްރާންސްފާ ތެރެއިން ވެސް ހޯދާފައި ކަމަށާއި އޭގެ ތެެރެއިން 25 އިންސައްތަ އަކީ އިނގިރޭސި އެފްއޭ އަށް ދައްކަން ޖެހޭ ޓެކުހެއްގެ ގޮތަށް ގަވާއިދެއް ހެދުމަކީ ވެސް އޮތްގޮތެއް ކަމަށް ބުންޏެވެ.
އަދި އޭގެ އިތުރުން ނެވިލް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކަށް ލިބޭ ޓީވީ ރައިޓްސްގެ ފައިސާ އިން ވެސް ވަކި އިންސައްތައެއް އެފްއޭ އަށް ނެގުމަކީ ރަނގަޅު ގޮތެއް ކަމަށް ބުނެ ހިޔާލު ދީފަ އެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ކޮންމެ ޓީމަކަށް ޓީވީ ރައިޓްސް ފައިސާގެ ގޮތުގައި 122 މިލިއަން ޑޮލަރާއި 195 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން ކޮންމެ ޓީމެއް އަތުން އެފްއޭ އަށް ވަކި އިންސައްތަ އެއް ނަގައިގެން ވެސް ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް އިނގިރޭސި އެފްއޭ އަށް 100 މިލިއަން ޑޮލާ ގާތްކުރާ ވަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް ނެވިލް ގަބޫލުކުރެ އެވެ.
އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެއިގް ކްލާކް ވިދާޅުވީ ވެމްބްލީ ވިއްކާލަން ނިންމަނީ އެ ދަނޑު ހެދިއިރު އޮތް ދަރަނިތައް ދެއްކުމުގެ ގޮތުން ނޫން ކަމަށާއި އެއީ ފުޓްބޯޅައިގެ ކުރިމަގަށް ކުރާ އިންވެސްޓްމަންޓެއް ކަަމަށް ވިދާޅުވެފަ އެވެ. އަދި މި ވަގުތުގައި ކުރީގެ ކުޅުންތެރިން ޖަޒުބާތުގައި ނުޖެހި ފުޓްބޯޅައިގެ މުސްތަގުބަލަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި ފުޓްބޯޅައިގެ މުސްތަގުބަލަކީ އިންގްލެންޑުގެ ކްލަބްތަކާއި އެކި ހިދުމަތްތެރިން ކަމަށްވުމުން އެ މީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ކްލާކް ވިދާޅުވި އެވެ.
ޝާހިދު ހާނަށް ވެމްބްލީ ވިއްކާލުމާ މެދު އިނގިރޭސި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި ތަޖުރިބާކާރުންގެ ހިޔާލު މިހާރު އޮތީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ. އިނގިރޭސި އެފްއޭ އިން އެ މަޝްވަރާތައް ކުރިއަށް ގެންދަމުންދާއިރު، އެފްއޭގެ ޕްލޭނުގައި ހިމެނޭ އެކި ކަންކަމުގެ ތަޖުރިބާކާރުންނާ އަންނަނީ ގަވާއިދުން ބައްދަލުކުރަމުންނެވެ. އަދި ވަރަށް އަވަހަށް ޝާހިދު ހާނަށް ވެމްބްލީ ވިއްކާލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ނިންމާ ނިންމުމެއް އިއުލާން ކުރާނެ ކަމަށް އެފްއޭގެ އޮފިޝަލުން ބުނެ އެވެ.