02 އޯގަސްޓް 2018 - 15:05

އިސްލާމްއާބާދު (އޮގަސްޓް 2) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ކުރީގެ ކްރިކެޓް ތަރިން ކަމަށްވާ ސުނިލް ގަވަސްކަރާއި ކަޕިލް ދޭވް، އަދި ނަވްޖޮޓް ސިންގް ސިދޫގެ އިތުރުން ބޮލީވުޑުގެ ތަރި އާމިރު ޚާން އަށް ދައުވަތު ދީފި އެވެ.
އިމްރާން ޚާން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހު 11 ވަނަ ދުވަހު އެވެ.
އިމްރާން ޚާން ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭ ގޮތަށް ސާކް ގައުމުތަކުގެ ވެރިންނަށް ދައުވަތު ދޭން ވެސް ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ނިންމި އެވެ. ނަމަވެސް ޕާކިސްތާނުގެ ފޮރިން އޮފީހާ މަޝްވަރާ ކުރުމަށް ފަހު މިހާރު ވަނީ ބޭރުގެ އެއްވެސް ވެރިއަކަށް ދައުވަތު ނުދޭން ނިންމައިފަ އެވެ.
"ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބޭރު ގައުމުތަކުން ބައިވެރިވާނީ އިމްރާން ޚާންގެ ގާތް ރަހުމަތްތެރިން،" ޕީޓީއައިގެ ތަރުޖަމާން ވިދާޅުވި އެވެ.
މިިދިޔަ މަހު 25 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދި ޕީޓީއައި މިހާރު ވަނީ ކޯލިޝަން ސަރުކާރެއް އުފެއްދޭ ވަރަށް ޕާޓީތަކުގެ ތާއީދު ހޯދައިފަ އެވެ.