"ޕަލްޓާން" ޓްރެއިލާ: ބެލުންތެރިން ހަނގުރާމައިގެ މައިދާނަކަށް
"ޕަލްޓާން" ޓްރެއިލާ: ބެލުންތެރިން ހަނގުރާމައިގެ މައިދާނަކަށް

"ބޯޑަރު" ފަދަ ކާމިޔާބު ހަނގުރާމައިގެ ވާހަކަތައް ކިޔައިދޭ ފިލްމްތައް ގެނެސްދިން ޑައިރެކްޓަރު ޖޭޕީ ދައްތާގެ "ޕަންޓާން" އިއުލާން ކުރި ހިސާބުން ވެސް މި ފިލްމަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވެ އެވެ.

ދެން މާ ގިނަ ދުވަހަކަށް މި ފިލްމަށް އިންތިޒާރު ކުރާކަށް ނުޖެހޭނެ އެވެ. އަންނަ މަހުގެ 7 ގައި ރިލީޒް ކުރަން ނިންމާފައިވާ "ޕަލްޓާން" ގެ ޓްރެއިލާ ވެސް މިހާރު ވަނީ މި ބެލުންތެރިންނަށް ދައްކާލައިފަ އެވެ. ފިލްމުން ބޮޑު ކާސްޓެއް ވެސް ފެނިގެން ދާނެ އެވެ.

"ޕަލްޓާން" ގެ ކާސްޓުންގެ ތެރޭގައި އަރްޖުން ރާމްޕާލް، ޖެކީ ޝްރޮފް، ސޯނޫ ސޫދު، ހާޝްވަރްދަން ރާނޭ، ގުރްމީތު ޗައުދަރީ، ރޯނިތު ރޯއި، ސިދާންތު ކަޕޫރް، ލަވް ސިންހާ، އީޝާ ގުޕްތާ، ސޮނާލް ޗޯހަން، މޮނިކާ ގިލް، ދިޕިކާ ކައްކަރް (ފާއިޒާ ޝުއައިބް) ފަދަ ތަރިން ހިމެނެ އެވެ.

ދެހާސް ހައެއްގައި ރިލީޒް ކުރި އައިޝްވާރިޔާ ރާއީ އަބީޝެކް ބައްޗަންގެ "އުމްރާއޯ ޖާން" އަށް ފަހު، ދައްތާ ޑައިރެކްޓް ކުރި "ޕަލްޓާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1967 ގައި ކުރި ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގެ ޓްރެއިލާ ވެސް ވެސް މިއީ އެތައް ބަޔަކު ޖަޒުބާތީކޮށްލައި، އިންޑިިއާގެ ސިފައިންނަށް އޮތް ލޯތްބާއި އިހުތިރާމާއި ގަދަރު އިތުރަށް މައްޗަށް ޖައްސައިލާނެ ކަހަލަ ފިލްމެއްކަން އެނގެ އެވެ. ވަކިން ހާއްސަކޮށް "ބޯޑަރު" ގެ އަވައިގައި ޖެހުނު މީހުންނަށް "ޕަލްޓާން" ވާނީ ވަރަށް ވެސް ހާއްސަ ފިލްމަކަށެވެ.

ފިލްމް ރިލީޒް ކުރާ ތާރިހު ކައިރިވަމުން އަންނަ އިރު، މީގެ މައިގަނޑު ކާސްޓުންގެ ވަކިވަކި ޕޯސްޓަރުތަކެއް ވެސް ވަނީ ދައްކާލައިފަ އެވެ.

"ޕަލްޓާން" ސެޕްޓެމްބަރު 7 ގައި ސިނަމާތަކަށް ގެންނަ އިރު، ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ތަރޫން މަންސުކާނީ ޑައިރެކްޓް ކުރާ "ޑްރައިވް" ހަމަ އެ ތާރީހުގައި ސިނަމާތަކަށް ގެންނަން ވަނީ ނިންމައިފަ އެވެ.

"ޕަލްޓާން" އަކީ އިންޑިއާގެ ތިން ހަނގުރާމައެއްގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދޭން ދައްތާ ފެށި މަސައްކަތުގެ ފަހު ބައެވެ. ބޯޑަރު (1997) ގެ އިތުރުން އޭނާ ވަނީ 2003 ގައި "އެލްއޯސީ: ކަރްގިލް" ގެ ނަމުގައި ވެސް ހަނގުރަމައިގެ ފިލްމެއް ގެނެސް ދީފަ އެވެ.