ވަކީލުކަމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ވަކީލުކަމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ގާނޫނީ ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފި އެވެ.

ޑީޖޭއޭ އިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފޯމާއި ތަކެތި ފުރިހަމަ ކުރުމަށް ފަހު އެ ޑިޕާޓްމެންޓަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު އެ ފުރުސަތު ވަކި ދުވަހެއްގައި ބަންދުވާނެ ކަމަކަށް އެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ. ވަކީލު ކަމުގެ ހުއްދަ ދެނީ ގާނޫނީ ދާއިރާ އިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް ހާސިލް ކުރުމުންނެވެ.

ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލި އިރު، މިިދިޔަ ހޯމަ ދުވަހު ވެސް 180 އަށް ވުރެ ގިނަ މީހުންނަށް ވަކީލު ކަމުގެ ހުއްދަ ދިނެވެ. އޭގެ ކުރިން 170 އަށް ވުރެ ގިނަ ވަކީލުންނަށް މި އަހަރު ވަނީ ހުއްދަ ދީފަ އެވެ. ރާއްޖޭގައި މިހާރު 1،500 އަށް ވުރެ ގިނަ ވަކީލުން އެބަތިއްބެވެ.

ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރުމަށް ފަހު ވަކީލު ކަމުގެ ހުއްދަ ނުލިބި ގިނަ ދުވަސްވާތީ އެކަމުގެ ޝަކުވާ ލިބޭ ކަމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ކުރިމަގުގައި އެ މައްސަލަ ދިމާނުވާނެ ފަދަ ގޮތަކަށް މިހާރު ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.